އޮލިމްޕިކްސް ކޮލިފައިންގައި ރާއްޖެ ވަރުގަދަ ގުރޫޕަކަށް

ރާއްޖޭގެ ގައުމީ އަންހެން ފިޓްބޯޅަ ޓީމާއި ބަޚްރޭންގެ އަންހެން ޓީމު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

އޮލިމްޕިކްސްގެ އަންހެން ފުޓުބޯޅަ މުބާރާތުގެ ކޮލިފައިންގައި ރާއްޖޭގެ އަންހެން ގައުމީ ޓީމު އީރާނާއި މިޔަންމާގެ އިތުރުން ބަންގްލަދޭޝްއާއެކު އެއް ގްރޫޕެއްގައި ހިމެނިއްޖެއެވެ.

އެ މުބާރާތުގައި ރާއްޖެ ހިމިނިފައިވަނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގެ ފުރަތަމަ މެޗުގައި ރާއްޖޭގެ އަންހެން ޓީމު ބައްދަލުކުރާނީ މިޔަންމާގެ އަންހެން ޓީމާއެވެ. މިޔަންމާއަކީ ފީފާ ރޭންކިންގައި 48ވަނައިގައި އޮތް ޓީމެކެވެ. ރާއްޖެ އޮތީ ފީފާ ރޭންކިންގެ 159ވަނައިގައެވެ.

ދެވަނަ މެޗުގައި ރާއްޖޭ ކުޅެން ޖެހޭނީ ފީފާ ރޭންކިންގެ 68ވަނައިގައި އޮތް އީރާންގެ އަންހެން ޓީމާ ދެކޮޅަށެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ރާއްޖެ ބައްދަލުކުރާނީ ބަންގްލަދޭޝްއާއެވެ. ބަންގްލަދޭޝްއަކީ ފީފާ ރޭންކިންގެ 140ވަނައިގައި އޮތް ޓީމެކެވެެ.

އެ ގްރޫޕްގެ މެޗުތަށް ކުޅޭ ވަކި ކުޅޭނެ ވަކި ސަރަހައްދެއް އޭއެފްސީން އަދި ނިންމައިފައެއް ނުވެއެވެ. ނަމަވެސް އެ ގްރޫޕްގެ މެޗުތަށް ކުޅޭނީ އަންނަ އޭޕްރީލް 3-11އަށެވެެ.

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ އޮލިމްޕިކްސް ހޯސްޓު ކުރާނީ ފްރާންސްގެ ޕެރިހުގައެވެ. އަންނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ އެ މުބާރާތް އަންނަ އަހަރުގެ އޮގަސްޓު މަހުގެ 11ވަނަ ދުވަހާހަމައަށް ކުރިއަށް ދާނެއެވެ.

އަންނަ އަހަރު ފްރާންސްގައި ބާއްވާ އޮލިމްޕިކްސް މުބާރާތަކީ އެ ގައުމުގައި ބާއްވާ ތިން ވަނަ އޮލިމްޕިކްސްގެ މުބާރާތެވެ. މީގެ ކުރިން 1900 އަދި 1924 ވަނަ އަހަރު ފްރާންސްގައި ވަނީ އޮލިމްޕިކްސް މުބާރާތް ބާއްވައިފައެވެ.

comment ކޮމެންޓް