ރޮނާލްޑޯއަށް ވުރެ ބޮޑު މުސާރައަކަށް މެސީ ގެންދަން ސައުދީން މަސައްކަތް ކުރަނީ

މެސީ ވޯލްޑްކަޕް ތައްޓާއެކު ---

ދާދިފަހުން ސައުދީގެ ޕްރޮލީގުގެ އަލް ނަސްރަށް ސޮއި ކުރި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދޭ މުސާރައަށް ވުރެ ބޮޑު މުސާރައަކަށް ދުނިޔޭގެ ފުޓުބޯޅަ ރަސްގެފާނު ލިއޮނަލް މެސީ ސައުދީއަށް ގެންދަން ދެ ކުލަބަކުން މަސައްކަތް ފަށައިފިއެވެ.

މެސީގެ ސޮއި ހޯދުމަށް މަސައްކަތްކުރަނީ ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އެފްސީގެ އިތުރުން އިލް އިއްތިހާދު އެފްސީއެވެ.

އެ ދެ ކުލަބުން މެސީއަށް ހުށަހަޅާފައިވަނީ ސީޒަނަކަށް 350 މިލިއަނާ ގާތްކުރާ އަގެކެވެ.

ނަމަވެސް އެ ދެ ކުލަބަށް ފީފާއިން ވަނީ އަންނަ ސީޒަންގެ ކުރިން އެއްވެސް ކުޅުންތެރިއަކު ނުގަނެވޭ ގޮތަށް ފިޔަވަޅު އަޅައިފައެވެ. އެހެންކަމުން އަންނަ ސީޒަނުގެ ކުރިން އެ ޓީމަށް އެއްވެސް ކުޅުންތެރިއަކު ނުގަނެވޭނެއެވެ.

އަލް ނަސްރުގެ ކުރިން އަލް ހިލާލުން ވަނީ ރޮނާލްޑޯ ގެނައުމަށް ވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފީފާއިން އެ ކުލަބަށް އަޅާފައިވާ ފިޔަވަޅުގެ ސަބަބުން ރޮނާލްޑޯގެ ސޮއި އެ ޓީމަށް ހޯދޭގޮތް ވަނީ ނުވެފައެވެ.

ފްރީ އެޖެންޓެއްގެ ގޮތުގައި މަހަކަށްވުރެ ގިނަ ދުވަހު ހުރުމަށްފަހު ރޮނާލްޑޯ އަލް ނަސްރާ ގުޅުނީ ދެ އަހަރާއި ބައިގެ މުއްދަތަށް ދިގުދެމިގެންދާ ކޮންޓްރެކްޓެއްގައެވެ.

އެ އެއްބަސްވުމުގެ ދަށުން އޭނާ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެކުލަބުގައި މަޑުކުރާނެއެވެ. އަދި އެއްބަސްވުމުގެ ދަށުން ރޮނާލްޑޯއަށް އަހަރަކު 200 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭއިރު، މީގެތެރޭގައި ކޮމާޝަލް ޑީލްތަކުން ލިބޭ ފައިސާ ވެސް ހިމެނެއެވެ.

އެހެންކަމުން ދެ އަހަރާއި ބައިގެ ތެރޭގައި ޖުމްލަ 450 މިލިއަން ޔޫރޯއާ ގާތްކުރާ މިންވަރެއް މުސާރައިގެ ގޮތުގައި ރޮނާލްޑޯއަށް ލިބޭނެއެވެ. އަހަރަކު 200 މިލިއަން ޔޫރޯގެ މުސާރައެއް ރޮނާލްޑޯއަށް ލިބޭއިރު، އޭނާ ވާނީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާ އަށެވެ.

މީގެ އިތުރުން މިދިޔަ މަހު މެސީ ވަނީ އޭނާ މިހާރު ކުޅޭ ކުލަބު ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އައުކުރަން އަނގަބަހުން އެއްބަސްވެފައެވެ.

ޕީއެސްޖީއާއެކު އެންމެފުރަތަމަ މެސީ ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ފެށޭ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން މެސީ އައުކުރާނީ އެއް ސީޒަނުގެ މުއްދަކަށެވެ. ދެ އަހަރުގެ އެއްބަސްވުމެއްގައި މެސީ އެންމެ ފުރަތަމަ ޕީއެސްޖީއާ ގުޅުނުއިރު، އެ އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ވާހަކަދައްކައިގެން އިތުރު އެއް އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮތެވެ.

comment ކޮމެންޓް