ކެމްބޯޑިއާގެ ބޮޑުވަޒީރު ވަޑައިގަންނަވާތީ ވެލާނާ އެއާޕޯޓުގެ ބައެއް ބަންދު ކުރަނީ

އެކި އެއާ ލައިންސްތައް ވެލާނާ އެއާރ ޕޯޓްގައި ޕާކް ކޮއްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކެމްބޯޑިއާގެ ބޮޑު ވަޒީރު ހުން ސެން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވަކި ވަގުތުތަކެއްގައި ބަންދުކުރަން އެމްއޭސީއެލް އިން ނިންމައިފިއެވެ.

އެމްއޭސީއެލް އިން ބުނީ ބޭރު ގައުމެއްގެ އިއްޒަތްތެރިއަކު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގެ ސަބަބުން މި މަހުގެ 15 އަދި 17 ގެ އެކި ވަކި ވަގުތުތަކެއްގައި ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުގެ މަގާއި ފަޅުން ބައެއް ބަންދުކުރަން އެމްއެސީއެމްއިން ނިންމައިފައިވާ ކަމަށެވެ.

އެމްއޭސީއެލްއިން ބުނީ މި މަހުގެ 15 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9 އިން 11 ގެ ނިޔަލަށް އަދި 17 ވާ އަންގާރަ ދުވަހުގެ ހެނދުނު 7:30 އިން 8:30 އަށް އެއާޕޯޓުގެ ފަޅާއި މަގުން ބައެއް ބަންދުވާނެ ކަމަށެވެ.

އެގޮތުން އެމްއޭސީއެލްއިން ބަންދުކުރުމަށް ނިންމާފައިވަނީ އެއާޕޯޓުގެ ބައިނަލްއަގުވާމީ ޓާމިނަލުން ފެށިގެން ޑޮމެސްޓިކް ޓާމިނަލް ނިމުމާ ހަމައަށެވެ. އެ ވަގުތުތަކުގައި އެއާޕޯޓުގެ ފަޅުން، އެ ސަރަޙައްދު ވެސް ބަންދުވާނެއެވެ.

އެއާޕޯޓުން ބަންދުވާ ބައިތައް. މި ވަގުތުތަކުގައި އެ ސަރަހައްދުތަކުގައި ހިނގާވެ ބިނގާވެ އުޅުން މަނާ ވާނެ

މި ވަގުތުތައް ބަންދުވުމާއެކު، އެ ވަގުތުގައި އެމްއޭސީއެލްގެ ސްޓާފް ބަސް އަދި އެމްޓީސީސީގެ ބަސްތައް ހުއްޓާނީ ވެސްޓާން ޕާކިން (އޭ) ސަރަހައްދަށެވެ. އެއީ އެއާޕޯޓަށް ސައިކަލުގައި ދާ ފަރާތްތައް ސައިކަލްތައް ޕާކުކުރާ ސަރަހައްދެވެ. އަދި އެމްއޭސީއެލްއިން އޮޕަރޭޓް ކުރާ ފެރީތައް ގާތް ކުރާނީ ވެސްޓާން ޕާކިން ސަރަހައްދު (ބީ) އަށެވެ. އެއީ އެއާޕޯޓުގެ ޓެކްސީ ކިއު އޮންނަ ސަރަހައްދުގެ ފަޅަށެވެ.

އަދި މިވަގުތު ތަކުގައި އެއާޕޯޓުގެ ފަޅަށް ވެސް ވަދެ ނުކުމެ ހެދޭނީ ދެކުނު ނެރުންނެވެ. އެއީ ޓެކްސީ ކިއު އޮންނަ ސަރަހައްދުގެ ފަޅުންނެވެ. މި ވަގުތުތަކުގެ އެއް ގަޑިއިރު ކުރިން ފެށިގެން އެއާޕޯޓުގެ ކާގޯ ޓާމިނަލާ ދިމާލުގައިވާ ނެރުން ފެށިގެން ރަސްމީ ފާލަމާ ދިމާލުގައިވާ ނެރާ ހަމައަށް ބަންދުވާނެއެވެ.

މި ވަގުތު ތަކުގައި އެތަނުގެ ސެކިއުރިޓީ މަތި ކުރާއިރު، އެ ސަރަހައްދުގައި ހިނގާ ބިނގާވެ އުޅޭ މީހުން ސެކިއުރިޓީ ބަލަހައްޓާ މީހުންގެ އިރުޝާދަށް ތަބާވުމަށް އެމްއޭސީއެލް އިން އެދެއެވެ.

comment ކޮމެންޓް