ހުރިހާ ކަމެއް ފުރިހަމަވެއްޖެ، ދެވަނަ ދައުރަކަށް އައްޑޫއިން ރައީސް ޞާލިހު ހޮވަންޖެހޭ: ނިޒާރު

ފޭދޫގައި އޮތް ޖަލްސާގައި ނިޒާރު ވާހަކަދައްކަވަނީ -- ފޮޓޯ

އައްޑޫ ރައްޔިތުން އެދުނު ހުރިހާ ކަމެއް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ފުރިހަމަކޮށްދެއްވައިފި ކަމަށާއި ދެވަނަ ދައުރަކަށް ރައީސް ޞާލިހަށް އައްޑޫ ރައްޔިތުންގެ ވޯޓު ދޭންޖެހޭކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ޞާލިހު މިއަދު އެ ސިޓީގެ ފޭދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވަހަކަދައްކަވަމުން ނިޒާރު ވިދާޅުވީ ދެވަނަ ދައުރެއް ރައީސަށް ހައްގު ކަމަށެވެ.

އަދި އައްޑޫ ރައްޔިތުން އެމްޑީޕީއާއެކު ތިބެނީ އެމްޑީޕީގެ ސިޔާސަތުތައް ކަމުދާތީކަމަށާއި އެ ކަން ތަންފީޒުކުރެވޭނީ އެމްޑީޕީގެ ވެރިކަމެއް އޮވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެކަން ފަސޭހަކަމާއެކު ކުރެއްވޭނީ ރައީސް ޞާލިހަށް ކަމަށް ނިޒާރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުފާވަނީ އައްޑޫ ސިޓީގެ ރައްޔިތުންނަށް 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަންނަވަން ވައުދުވެވަޑައިގެންނެވި ވައުދުތައް ފުރިހަމަ ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ފުރިހަމަ ކުރައްވައިފައި އަނެއް ދައުރަށް ކުރިމަތި ލައްވައި އަޅުގަނޑުމެންގެ ތާއީދު ހޯއްދަވަން ވަޑައިގަތުމުން،" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އައްޑޫގެ ތަރައްގީއަށް މެނިފެސްޓޯ ހުށެހެޅީ އައްޑޫގެ ރައްޔިތުން އަމިއްލައަށް ބޭނުންވާ ކަންކަން ހިމެނުމަށް ފަހު ކަމަށެވެ.

އަދި ރައީސް ޞާލިހު ގެންދަވަނީ އެ މެނިފެސްޓޯގައި އެކުލެވޭ ހުރިހާ ކަމެއް ތަންފީޒު ކޮށްދެއްވުމަށް ޓަކައި މަސައްކަތްޕުޅު ކުރައްވަމުން ކަމަށް ނިޒާރު ވިދާޅުވިއެވެ.

"އައްޑޫ ސިޓީއަކީ ރާއްޖޭގެ ރަށެއްގައި އާބާދީވެފައިވާ އެންމެ ބޮޑު ބައްރު. އައްޑޫ ސިޓީ ތަރައްގީކުރެއްވުމަކީ ކޮންމެ ސަރުކާރަކަށް ވެސް ގޮންޖެހުމެއް. އެހެން ނަމަވެސް ކުރަންޖެހޭ ކަންކަން ކުރުމަށް ރަނގަޅު ޕްލޭންތަކަކާ ރޭވިގެން ކަންކޮށްފިނަމަ ކަން ކުރެވޭނެކަމުގެ ހެކި އަޅުގަނޑުމެންނަށް އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކުން މި ފެންނަނީ،" ނިޒާރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އައްޑޫ ސިޓީގައި ރައީސް ޞާލިހުގެ ސަރުކާރުން ފެއްޓެވި އެންމެ ބޮޑު މަސައްކަތުގެ ތެރޭގައި އެ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. އެގޮތުން 100 ކިލޯމީޓަރުގެ މަގު ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ ކަމަށް ވިދާޅުވިއެވެ.

އަދި ބިން ހިއްކުމުގެ މަސައްކަތް ވެސް ޖޫން މަހުގެ ކުރިން ފެށޭނެކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވިއެވެ.

"އިރާދަކުރެއްވިޔާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އަޅުގަނޑުމެން ދާނީ އައްޑޫ ސިޓީގެ މަގުތައް ފުރިހަމަ ކުރުމަށްފަހު. އައްޑޫ ސިޓީގެ ބިން ހިއްކުމަކީ މި ރާއްޖޭގެ ތާރީޚުގައި އެއް ރަށެއްގެ ފަސް ހިއްކުމަށް، މި ދެންނެވީ ބިން ހިއްކުމަށް ވެލި އަޅައި، އެންމެ ބޮޑު އަދަދަކަށް ވެލި އަޅަން ޖެހޭ ސަރަހައްދަކަށް ވެފައި އޮތީ. މި ސަރުކާރުގެ އެ ކުރެއްވި ޕްލޭނާއެކު 198 ހެކްޓަރުގެ ބިން އައްޑޫ ސިޓީގެ ބިމަށް އިތުރުކުރެވެނީ،" ނިޒާރު ވިދާޅުވިއެވެ.

ހަމައެއާއެކު އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެކަމަށް ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، މި ސަރުކާރުގައި އައްޑޫގައި ތަރައްގީގެ މަސައްކަތް ނުހިނގާ އެއްވެސް ރަށެއް ނެތް ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވެސް ވަނީ އައްޑޫއަކީ އެމްޑީޕީއަށް މުހިންމު ތަނެއްކަމަށް ވިދާޅުވެފައެވެ. އަދި އައްޑޫގެ ތަރައްގީއާ ނުލާ ރާއްޖެ ތަރައްގީނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް