ގަރުނެއްހާ ދުވަހު ފުރިހަމަ ސިއްހަތެއްގައި، ސިއްރަކީ ކޮބާ؟

އަބްދުއްރަހުމާން: އޭނާގެ އުމުރުން 100 އަށް ވުރެން ގިނަ އަހަރު ވެއްޖެ ކަމަށް އާއިލާއިން ބުނޭ--

އަސާގަނޑެއް އެއްޗެއްގެ އެހީއާ ނުލާ އޭނާ ހިނގައެވެ. ލޮލުގެ ފެނުން ބަރާބަރެވެ. ވާހަކަ ދެއްކުމުގައި ވެސް ދައްޗެއް ނެތެވެ. މޯޓަރު ސައިކަލެއް ދުއްވައެވެ. އަމިއްލަ ކަންކަން ކުރަނީ އަމިއްލައަށެވެ. އެއަށްފަހު އަނބިމީހާއަށް އެހީވުމަށް ވެސް ބައެއް ކަންކަން ކޮށްދެއެވެ.

މިއީ އުމުރުން 90 އަހަރު ކަމަށް އައިޑީ ކާޑުގައި ބުނާ، ކ. ދިއްފުށީ، އަބްދުއްރަހްމާންގެ ވާހަކައެވެ. އަބްދުއްރަހްމާން އޭނާގެ ވާހަކަ ފަށަމުން ބުނީ، އޭނާގެ އުމުރުން މިހާރު 105އަހަރުވެއްޖެ ކަމަށެވެ. އަދި މި ހިނގަނީ އޭނާގެ އުމުރުގެ 106ވަނަ އަހަރުކަމަށް އޭނާ ބުންޏެވެ. އޭނާގެ އާއިލާއިން ބުނަނީ ހަމަ އެގޮތަށެވެ. ރަށުގެ ގިނަ މީހުންގެ ފަރާތުން ވެސް ވަނީ މިވާހަކަ އަޑު އިވިފައެވެ. އަދި އޭނާގެ ހަނދާނުން ކިޔައިދޭ ވާހަކަތަކުން 90 އަހަރަށް ވުރެން ދޮށީ ކަމަށް ބެލެވެއެވެ.

ނަމަވެސް އޭނާގެ އުމުރަށްވުރެ އަހަރެން ޝައުގުވެރި ކުރުވީ އެ އުމުރަގައި އޭނާ ހެލިފެލިވެ، ހަރަކާތްތެރިވުމުގެ ސިއްރަކީ ކޮބައިކަން ހޯދުމަށެވެ.

ގިނަ ފަހަރަށް އާންމު އިންސާނެއްގެ އުމުރަކީ 60 އަހަރާއި 80 އަހަރާ ދެމެދެވެ. މަދު ބަޔަކު އުމުރުން 90ގެ އަހަރުތަކަށް ވާސިލްވި ނަމަވެސް ގިނަ މީހުން އެ އުމުރުގެ ދުވަސްތައް ހޭދަކުރަނީ މުސްކުޅި ބަލީގައި ތަންމަތީގައެވެ. އެ މީހުންނާ އަބްދުއްރަހްމާން ތަފާތުވާ ސަބަބަކީ އޭނާއަކީ އޭނާގެ އުމުރާ އަޅާބަލާއިރު މާ ހަރަކާތްތެރި މީހަކަށް ވުމެވެ.

އަބްދުއްރަހްމާނާ ވާހަކަ ދައްކާލަށް އޭނާގެ ގޭދޮށަށް އަހަރެން ދިޔަ އިރު އޭނާ އިނީ، ގެ ކައިރި ހުރި ބޮޑު ހިރުދު ގަހެއްގެ ހިޔަލުގައި ހަދާފައިވާ ޖޯއްޔެއްގައެވެ. އަހަރެން އޭނާގެ ގާތަށް އައި ބޭނުން އެނގުމުން ހެވިލާފައި އޭނާގެ ގެއަށް ވަދެ އެގެއިން އަހަންނަށް މެހެމާންދާރީ އަދާކުރިއެވެ.

"ތަންކޮޅެއް ބާރަށް ވާހަކަ ދައްކަށްޗޭ، އަހަރެން ކުޑަކޮށް ބީރު ވާނެ"އޭ ބުނެ ގޮނޑިއެއްގައި އިށީނދެ ހަމަޖެހިލުމަށްފަހު އޭނާގެ ހަޔާތުގެ ސޮފުހާތައް މާޒީއަށް އުކާ، އެ ދިގު ހަޔާތުގެ ބައެއް ވާހަކަތައް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަހަންނާ ހިއްސާކުރެވޭތޯ އޭނާ ބެލިއެވެ.

ދެ ކައިވެންޏަކަށް އޭނާއަށް 19 ކުދިން ލިބުނެވެ. އޭގެ ތެރެއިން ދުނިޔޭގައި މިވަގުތު ތިބީ 14 ކުދިންނެވެ. ކާފަ ކިޔާ 49 ކުދިންނާއި މުނިކާފަ ކިޔާ 58 ކުދިންގެ އިތުރުން ހޫރުކާފަ ކިޔާ ފަސް ކުދިން އެބަތިއްބެވެ. ދިއްފުށީގައި އޭނާ ތިމާގެ ނޫން މީހަކު މަދެވެ.

އުމުރުން 90 އަހަރުގެ އަބްދުއްރަހްމާން

ހެލިފެލިވެ އުޅުމަށް ވަކި ކަމެއް ނުކުރޭ، ގަބޫލުކުރަނީ އެއީ ނިއުމަތެއް ކަމަށް

އަބްދުއްރަހްމާން ބުނިގޮތުގައި އޭނާގެ އާއިލާއަކީ ވަކި އުމުރު ދިގު އާއިލާއެއް ނޫނެވެ. އޭނާގެ އުމުރާއި ބުންވަރަކީ އޭނާއަށް ލިބިފައިވާ ނިއުމަތެކެވެ.

"އެއީ ﷲ އަހަންނަށް މިންވަރުކުރެއްވި ގޮތް،" އޭނާ ބުންޏެވެ.

އޭނާގެ ކެއިންބުއިމުގެ އާދަތައްވެސް ދިވެހިންނާ ވަކި ތަފާތެއް ނޫނެވެ. ނަމަވެސް އަހަރެން އަޖައިބު ކުރުވީ ގިނަ ދިިވެހީންނާ ހިލާފަށް އޭނާ އެއްވެސް ވަރަކަށް ބަތް ނުކާކަމަށް ބުނުމުންނެވެ.

"އެހެން އެއްޗެހި ކަން. ރޮށި، ނޫޑުލިސް ވެސް،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބަތް ނުކަނީ އޭނާއަށް ބަތް ކަމުނުދާތީއެވެ. އަދި، ޑޮކުޓަރުން އަންގައިގެން އޭނާ ވަނީ ކުކުޅު ކެއުން ހުއްޓާލާފައެވެ.

"އޭގަ ދެން އަހަންނާ ނުގުޅޭ މާއްދާއެއް ވަނީއޯ! އެހެންވީމަ ނުކަން،" އޭނާ ބުންޏެވެ.

އޭނާ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުފުން ހުއްޓާލިތާ ވެސް ގިނަ އަހަރުތަކެއް ވެއްޖެއެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އޭނާ ދޭ ނަސޭހަތަކީ އެފަދަ ކަންކަން ނުކުރުމެވެ.

ދިރިއުޅުމަށް ކުރި މަސައްކަތަކީ ރާއެޅުން

ކޮންމެ ދިވެއްސެއްގެ ލޭނާރުގައި ހިނގާ މަސްވެރިކަން އޭނާގެ ލޭގައި ވެސް ހިނގައެވެ. ނަމަވެސް މުޅި އުމުރުގައި ވެސް އާމުދަނީ ހޯދަން ކުރި މަސައްކަތެއްގެ ގޮތުގައި އަދި އެންމެ ކުރާހިތުން ކުރި މަސައްކަތެއްގެ ގޮތުގައި ކުރީ ރާވެރިކަން ކަމަށް އަބްދުއްރަހްމާން ބުންޏެވެ.

އޭނާ އެކަން ދަސްކުރި އިރެއް ހަނދާން ވެސް ނެތެވެ. އެއީ އެންމެ ޅައުމުރުގައި ވެސް އޭނާ ކުރި މަސައްކަތެވެ.

"އަހަރެން މައިމަތި ފަރާތު ބޮޑުބެ ރުއް އެރި. އޭނަ ކައިރިން ވަރަށް ރަނގަޅަށް ދަސްވި އެކަން. ރައިވެރިކަން އެންމެ ފުރިހަމައަށް އަހަންނަށް ދަސްވެފަ ހުރީ އިރާދަކުރެއްވިއްޔާ،" އޭނާ ބުންޏެވެ.

ދާދި ފަހުން ވެސް އޭނާ ރުއް އެރިއެވެ. ނަމަވެސް އެ މަސައްކަތް ހުއްޓާލިތާ މިހާރު ދެ އަހަރު ވެދާނެކަމަށް އޭނާ ބުންޏެވެ. ހިތުގެ އެންމެ ފުންމިނުން ލޯބި ޖެހިފައިވާ މި މަސައްކަތް ހުއްޓާލަން އޭނާއަށް މަޖުބޫރުވީ އެފަދަ މަސައްކަތްތައް ނުކުރަން ޑޮކްޓަރުން އެންގުމުންނެވެ.

"ދާދި ފަހުން ވެސް ދެރުކެއް އެރިން. އޭރުވެސް 200 ރުފިޔާ ނޫނީ 300 ރުފިޔާ ދުވާލެއްގެ މައްޗަށް ލިބޭ،" އޭނާ ބުންޏެވެ.

އޭނާ ސިފަކުރަނީ ރާވެރިކަމަކީ އާމްދަނީ ހޯދުމުގެ ގޮތުން ކުރަން ރަނގަޅު މަސައްކަތެއްގެ ގޮތުގައެވެ.

މުނިފޫހި ފިލުވަނީ ލަވަ އަޑުއަހައިގެން

އަބްދުއްރަހްމާން ލަވަ އަޑުއެހުމުގައި، އެއީ އޭނާ ފޫހިފިލުވާ ގޮތް--

އެންމެ ކުރާހިތްވާ މަސައްކަތް ކަމަށްވާ، ރާވެރިކަމާ ވެސް ދުރަށް ދާން ޖެހުމުން މިހާރު ކުރާނެ މާބޮޑު ކަމެއް ނޯންނަކަމަށް އަބްދުއްރަހްމާން ބުންޏެވެ. އެހެންކަމުން ހުސްވަގުތު އޭނާ ކޮންމެވެސް ވަރަކަށް ރަށުތެރޭގައި ހިނގާލައެވެ. ހަވީރު ފިންޏަށް ސައިކަލު ދުއްވާލަން ނުކުމެއެވެ. އަދި ލަވަ އަޑުއަހައެވެ.

އެންމެ ކަމުދަނީ ކޮންކަހަލަ ލަވައެއްތޯ ސުވާލުކުރުމުން އެ ސުވާލަކަށް އޭނާ ޖަވާބެއް ނުދިނެވެ. ކައިރީ ހުރި ބޮޑު ސްޕީކަރަކާ ދެތިން މިނެޓް ކުޅުމަށްފަހު ގޭތެރެ ގުގުމާލީ ނައިފަރު ދޮހޮއްކޮގެ ލަވައަކުންނެވެ. އަދި އޭނާއަށް އެންމެ ކަމުދާ ނައިފަރު ދޮހޮއްކޮގެ ލަވަތައް އަހަރެންނަށް އަޑު އިއްވާލިއެވެ.

ކައިރީގައި ހުރި މޭޒެއްގައި އޮތް ބެރެއް ފެނުމުން ބެރުޖަހަންތޯ އަހަރެން އޭނާއާ ސުވާލުކޮށްލީމެވެ.

"އާ ފޫހި ވީމަ ބެރު ވެސް ޖަހަން. އެއޮތީ ބެރު،" މޭޒުމަތީ އޮތް ބެރު ދައްކާލަމުން އޭނާ ބުންޏެވެ.

އެއަށް ފަހު އޭނާ ބެރު ޖަހައި ލަވައެއް ކިޔައިދިނެވެ.

އެންމެ ދުރު ހަނދާނަކަށް ޝަމްސުއްދީން ރަދުންގެ ހަނދާން

އަބްދުއްރަހްމާނާ ދެއްކި ވާހަކައިން ފާހަގަކުރެވުނު ކަމަކީ އޭނާގެ ހަނދާނުގެ ތޫނުފިލިކަމެވެ. ހަނދާން ހުންނަން ފެށީއްސުރެ ހަޔާތުގައި ހިނގާފައިވާ އެއްވެސް ކަމެއް އޭނާގެ ހަނދާނުގެ ސީޑީން ފޮހެވިފައި ނުވާފަދައެވެ.

އަބްދުއްރަހުމާންގެ ހަޔާތުގެ ސަފުހާތަކުގައި ލިޔެވިފައިވާ އެންމެ ދުރު ހަނދާނެއްގެ ގޮތުގައި އޭނާ ފާހަގަކުރީ ޝަމްސުއްދީން ރަދުން ރަސްކަމުން ފޭބި ދުވަސްވަރުގެ ހަނދާންތަކެވެ. އެއީ މީގެ89 އަހަރު ކުރިއެވެ. އެ ހަނދާންތައް އަބްދުއްރަހުމާންގެ ހުރިއިރު އެއީ އޭނާގެ އުމުރު އައިޑީކާޑްގައި ބުނާ މުއްދަތަށް ވުރެން ދޮށީވާނެ ކަމަށް ބާރު ލިބޭ ހެއްކެކެވެ.

އޭނާގެ ދިގު ހަޔާތުގައި ދިމާވި އެންމެ ބިރުވެރި ހާދިސާއަކީ މިހާރު ވެސް ގިނަ ދިވެހީންގެ ހިތްތަކުގައި އެދުވަހެއްގެ ބިރުވެރިކަން ނުފިލާ ހަރުލާފައި ހުރި ސުނާމީގެ ހާދިސާއެވެ. އެދުވަހުގެ ހަނދާންތައް އޭނާ އާކުރީ ރޭ ފެނުނު ބިރުވެރި ހުވަފެނެއްގެ ހަނދާންތައް އާކުރާ ފަދައިންނެވެ. އެހާ ތަޒާކަމާއެކު އެ ހަނދާންތައް އަދިވެސް އޭނާގެ ހަނދާނުގައި ހަރުލާފައި އެބަހުއްޓެވެ.

"ބިރުހުރި ދުވަހެއް އެއީ. އެވަރު ދުވަހެއް ނުދެކެން. އެކަހަލަ ދުވަހެއް ނުދައްކަވާތޯ ދުއާ ވެސް ކުރަން. އެހާ ވެސް ބިރުހުރި ދުވަހެއް އެއީ،" އޭނާ ބުންޏެވެ.

އެ ވާހަކަ އަހަންނާ ހިއްސާކުރަމުން ގެންދިޔައިރު، އެދުވަހުގެ ބިރުވެރިކަން އޭނާގެ ދެލޮލުން ވެސް ހާމަވެވެ ހުއްޓެވެ.

އާއިލާއާއި އަބްދުއްރަހުމާން ބުނާގޮތުން އޭނާގެ އުމުރުން މިހާރު މިވަނީ ގަރުނެއްހާ ދުވަސްވެފައެވެ. އެހާ ދުވަސްވީއިރު ވެސް އޭނާގެ ނަސީބަކީ ހެޔޮ ހާލުގައި ހުރުމެވެ. އޭގެ ސިއްރެއް ކަމަށް އޭނާ ގަބޫލު ކުރަނީ މާތްﷲގެ ރަހުމަތެވެ.

comment ކޮމެންޓް