''ސްޓޫޑެންޓް އޮފް ދަ އިޔާ'' ސުޕަހިޓަކަށްވި ނަމަވެސް ދަރްމާ ކުންފުންޏަށްވީ ގެއްލުން: ކަރަން ޖޯހަރު

ދެހާސް ބާރަ ވަނަ އަހަރު ރިލީޒްވި ކާމިޔާބު ފިލްމު "ސްޓޫޑަންޓް އޮފްދަ އިއާ"އަކީ ސުޕަހިޓަކަށްވި ނަމަވެސް ފިލްމުން ދަރްމާ ކުންފުންޏަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނުކަމަށް ފިލްމުގެ ޕްރޮޑިއުސަރު ހާމަކޮށްފިއެވެ.

ދަރްމާ ކުންފުނީގެ ބާނީ އަދި މި ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރު މި މޭރުމުން ވާހަކަދައްކާފައިވަނީ، މާސްޓާސް ޔޫނިއަންސް ބިޒްނަސްއިން ކުރިޔަށް ގެންދިޔަ ޕޮޑްކާސްޓެއްގައެވެ. ކަރަން ބުނެފައިވަނީ ބެލުންތެރިންގެ މެދުގައި ފިލްމު މަޤުބޫލުވެ ފިލްމު ހިޓްވިނަމަވެސް ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓްތަކަށްދިޔަ ޚަރަދު ފޫބެއްދުމަށް ދުވަސްކޮޅެއް ނެގިކަމަށެވެ.

ބޮލީވުޑްގައި މިވަގުތުހުރި އެންމެ ކާމިޔާބު ފިލްމު އުފެއްދުންތެރިޔާ ކަރަންއަކީ ގިނަބަޔަކު ޤަބޫލުކުރާގޮތުގައި މިވަގުތު ބޮލީވުޑްގައި ތިބި އެންމެ ނުފޫޒުގަދަ ޕްރޮޑިއުސަރުންގެތެރޭ ހިމެނޭ މީހެކެވެ. ކަރަން ބުނެފައިވަނީ ފިލްމެއް އުފެއްދުމަށްފަހު ރިލީޒްކުރުމާއެކު ފިލްމު ކާމިޔާބުނުވުން ސިފަކުރެވޭނެ ނުވަތަ ނިންމޭނެ ވަރަށް ގިނަ ގޮތްތައް ހުންނަކަމަށެވެ. އެގޮތުން ބެލުންތެރިންނަށް ވަރަށްކަމުދާ ރީތި ފިލްމެއްވެސް ވިޔަފާރީގެގޮތުން އެހާބޮޑަށް ކާމިޔާބު ނުވެ ހިނގައިދާނެ ކަމަށް ބުންޏެވެ. އަދި މިއީ ބޮލީވުޑް ނޫނަސް ގިނަ ފިލްމީ ދާއިރާގައި ކަންތައްތައް ހިނގާގޮތްކަމަށް ކަރަން ވަނީ ބުނެފައެވެ.

ފިލްމު "ސްޓޫޑެންޓް އޮފްދަ އިޔާ"އަކީ ވަރަށްބޮޑު ހޭދައެއް ކުރެވުނު ފިލްމެއްކަމަށާއި ބޭރު ޤައުމުތަކާއެކު އިންޑިއާގައި ފިލްމު އަޅުވައިގެން 70 ކްރޯޑް ރުޕީސްއަށްވުރެ ގިނައިން ފިލްމަށް ލިބުނުކަމަށް ކަރަން ބުނެފައިވެއެވެ. އެހެންނަމަވެސް ފިލްމަށް ކުރި ޚަރަދާ ބަލާފައި އެއީ ވަރަށް ކުޑަ ޢަދަދެއްކަމަށްވެސް ކަރަންވަނީ ބުނެފައެވެ. އެގޮތުން 15 ކްރޯޑްއާއި 20 ކްރޯޑްއާއި ދެމެދުގެ ގެއްލުން ލިބުނުކަމަށް ވެސް ފިލްމު ޑައިރެކްޓްވެސް ކުރާ ކަރަން ބުނެފައިވެއެވެ. ނަމަވެސް ފަހުން ފިލްމަށް ލިބުނު ގެއްލުން ފޫބެއްދުނީ މިފިލްމުގެ އެކްޓަރުންނާއި ދަރްމާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ސަބަބުން ކަމަށް ވެސް ކަރަން ވަނީ ބުނެފައެވެ.

ބަތަލާ އާލިއާ ބަޓްއާއި އެކްޓަރު ވަރުން ދަވަން އަދި ސިދާތް މަލްހޯތްރާ ފިލްމީ ދާއިރާއަށް ތަޢާރަފްވި މި ފިލްމަށްފަހު ވަކި މުއްދަތެއް ވަންދެން މިތަރިން މުޅިންވެސް ފެނިގެންދިޔައީ ދަރްމާ ކުންފުނީގެ ފިލްމުތަކުންނެވެ. އެއީ ދަރްމާއާއި މިތަރިންނާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުންނެވެ.

ދަރްމާގެ މި އެއްބަސްވުމުގައި ވާގޮތުން ނަމަ މިތަރިންގެ ފިލްމީ ކެރިއަރުގައި ކުޅޭ ފިލްމުތަކުން ލިބޭ އާމްދަނީގެ ވަކި ހިއްސާއެއް ދަރްމާ ކުންފުންޏާ ޙަވާލުކުރެވޭނެއެވެ. ކަރަން ޖޯހަރުވެސް ބުނެފައިވަނީ، މިތަރިންގެ ފިލްމީ ކެރިއަރަށް ލިބެމުންދިޔަ ކުރިއެރުންތަކާއެކު ބޮލީވުޑަށް ނެރުނު ފިލްމަށް ލިބުނު ގެއްލުން ފަހުން ހޯދުނުކަމުގައެވެ.

އާލިއާ ބަޓް ފެނިގެންދިޔަ ދަރްމާ ކުންފުނީގެ ފިލްމުތަކުގެތެރޭގައި، "ހަމްޕްޓީ ޝަރްމާކީ ދުލްހަނިޔާ" "2 ސްޓޭޓްސް"، "ބަދްރީނާތްކީ ދުލްހަނިޔާ"، "ޑިއާ ޒިންދަގީ" އަދި "ކަލަންކް" ހިމެނެއެވެ.

މި ފިލްމުތަކުގައި އާލިއާއާއެކު މުޅީންވެސް ފެނިގެންދިޔައީ އެކްޓަރު ވަރުން ދަވަންއެވެ. ސިދާތް ފެނިގެންދިޔަ ފިލްމުތަކުގެތެރޭގައި، "ހަސީތޯ ޕަސީ"، "ބްރަދާސް"، "ބާރް ބާރް ދޭކޯ" އަދި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޝޭރްޝާހް" ހިމެނެއެވެ.

comment ކޮމެންޓް