''ބޫލް ބުލައްޔާ 2''ގެ ރިކޯޑް މުގުރާލެވޭނެކަމުގެ ޔަޤީންކަން މިފަހަރު އެބައޮތް: ބޫޝަން ކުމާރު

މިއަދު ޓްރެއިލާ ރިލީޒްކުރި ޓީ-ސީރީސް ކުންފުނީގެ ފިލްމު "ޝެހެޒާދާ" ފިލްމުން "ބޫލް ބުލައްޔާ2"ގެ ރެކޯޑް މުގުރާލާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ޓީ-ސީރީސްގެ ބާނީ އަދި ޕްރޮޑިއުސަރު ބޫޝަން ކުމާރު ބުނެފިއެވެ.

އެކްޓަރު ކާތިކްއާއި ބަތަލާ ކްރިތީ ސެނޮން މުހިއްމު ރޯލްއިން ފެނިގެންދާ ފިލްމު "ޝެހެޒާދާ"ގެ ޓްރެއިލާ ލޯންޗުކުރި އިވެންޓް ކުރިޔަށް ގެންގޮސްފައި ވަނީ ކާތިކްއާއި ކްރިތީގެ ފޭނުން ވެސް ބައިވެރިކޮށްގެންނެވެ.

މި އިވެންޓުގައި ވާހަކަދައްކަމުން ކާތިކް އާރްޔަން ބުނެފައިވަނީ، އުއްމީދަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ކާތިކްގެ ފިލްމު "ބޫލް ބުލައްޔާ2"އަށްވުރެ ބޮޑު ކާމިޔާބީއެއް މިފިލްމަށް ލިބިގެންދިއުން ކަމަށެވެ. ޢާއިލާގެ މެމްބަރުންގެ އިތުރުން ރަޙްމަތްތެރިންގެ ބޮޑު ގްރޫޕަކާއެކު ވެސް ބަލާލަން އެންމެ އެކަށީގެންވާނެ ފިލްމެއްކަމަށް މި ފިލްމު ވެގެންދާނެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

މި ފިލްމާބެހޭގޮތުން އިތުރަށް ވާހަކަދައްކަމުން ޕްރޮޑިއުސަރު ބޫޝަން ކުމާރު ބުނެފައިވަނީ ހުރިހާ ޝުކުރެއް ޙައްޤުވަނީ ފިލްމު "ދްރިޝްޔަމް"އަށް ކަމަށެވެ. ސަބަބަކީ އެ ފިލްމަށް ލިބުނު ކާމިޔާބީއާ ގުޅިގެން ޢާއިލާ އެކްޝަން ފިލްމުތަކަކީ ބެލުންތެރިން މާބޮޑަށްވެސް ގަޔާވާކަހަލަ ފިލްމުތަކެއްކަން އެނގިގެން ދިޔަ ކަމަށެވެ.

ފިލްމު "ޝެހެޒާދާ"އަކީ ހުރިހާ ރަހަތަކެއްވެސް އެކުލެވޭ ހެޔޮވަރު ފިލްމެއްކަމަށް މިފިލްމުގެ ޕްރޮޑިއުސަރު ބޫޝަން ކުމާރު ވަނީ ބުނެފައެވެ. ވަރުން ދަވަންގެ ބޭބެ ރޯހިތް ދަވަން ޑައިރެކްޓްކުރާ މިފިލްމަކީ، ކާތިކްގެ ކެރިއަރުގެ ފުރަތަމަ އެކްޝަން ފިލްމުވެސްމެއެވެ.

ދެހާސް ވިހި ވަނަ އަހަރު ރިލީޒްވި ތެލުގޫ ފިލްމު "އާލަ ވައިކުންތަޕުއްރަމުލޫ" އަސްލަކަށް ބަލައިގެން އުފައްދާ މިފިލްމަކީ، ކާތިކްއާއި ބަތަލާ ކްރިތީ ސެނޮން އެކީގައި ފެނިގެންދާނެ ދެވަނަ ފިލްމެވެ. ކްރިތީގެ އިތުރުން ފިލްމުގައި މުހިއްމު ރޯލް ކުޅޭ ތަރިންގެތެރޭގައި ހެއްވާ މަޖާ ރޯލްތައް ކުޅޭ އެކްޓަރު ޕަރޭޝް ރާވަލް، މަނީޝާ ކޮއިރަލާ، ރޮނިތް ރޯއި އަދި ރާޖްޕަލް ޔާދަވް ހިމެނެއެވެ.

މިފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ހަމަޖެހިފައިވަނީ ކުރިޔަށްއޮތް ފެބްރުއަރީ މަހުގެ 10ވަނަ ދުވަހުއެވެ.

comment ކޮމެންޓް