ބްލެކްޕިންކާއެކު ކޭޕޮޕް ކޮޗެއްލާއަށް

އެންމެ ގިނަ މިއުޒިކީ ތަރީން އެއް ތަނެއްގައި ޕަފޯމް ކުރާ އެންމެ ބޮޑު ފެސްޓިވަލް ކަމަށްވާ "ކޮޗެއްލާ"ގައި ފުރަތަމަ ފަހަރަށް ކޭޕޮޕް ބޭންޑެއް ހެޑްލައިން ކުރުމަށް ތައްޔާރުވެއްޖެ އެވެ.

އެމެރިކާގައި ކޮންމެ އަހަރު ބާއްވާ ކޮޗެއްލާ މިއުޒިކް ފެސްޓިވަލް އަކީ ގިނަ ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބޮޑު ތަރުހީބެއް ލިބޭ ފެސްޓިވަލެކެވެ. ހޮލީވުޑްގެ ގިނަ ތަރީން އެ ފެސްޓިވަލް ބެލުމަށް ދާއިރު އެންމެ ބޮޑެތި ލަވަކިޔުންތެރިން އެ ފެސްޓިވަލުގައި ކޮންމެ އަހަރަކު ބައިވެރިވެއެވެ. ބޮޑެތި ލަވަކިޔުންތެރިންގެ އިތުރުން އަރަމުން އަންނަ ތަރީންނަށް ވެސް މި ފެސްޓިވަލްގެ ތެރެއިން ބޮޑު އޯޑިއެންސް އެއް ލިބެއެވެ.

މިއަހަރުގެ ކޮޗެއްލާގައިވެސް ބޮޑެތި އާޓިސްޓުން ބައިވެރިވާއިރު ފުރަތަމަ ފަހަރަށް ކޭޕޮޕް ގްރޫޕެއް ބައިވެރިވެ ހެޑްލައިން ކުރާނެއެވެ. އެގޮތުން ކޮޗެއްލާ ތާރީހުގައިވެސް ބައިވެރިވާ ފުރަތަމަ ކޭޕޮޕް ގްރޫޕަކީ ހަތަރު މެމްބަރުންގެ ގްރޫޕު "ބްލެކްޕިންކް"އެވެ.

ޖިސޫ، ލީސާ، ޖެނީ އަދި ރޮސީ ހިމެނޭ ބްލެކްޕިންކް ދެ ދުވަހެއްގައި ޕަފޯމް ކުރާނެއެވެ. މިފަހަރުގެ ކޮޗެއްލާ ކުރިއަށްދާނީ އޭޕްރިލް މަހުގެ 13 އިން ފެށިގެން 26 އަށެވެ. ބްލެކްޕިންކް ޕާފޯމް ކުރުމަށް ހަމަޖެހިފައިވަނީ 15 އަދި 22 ގައެވެ. ކޭޕޮޕްގެ ވައި އެމެރިކާގައި ވެސް ގަދަ ވާއިރު ކޮރިއަން މިއުޒިކް އެމެރިކާއަށް މެއިންސްޓްރީމް ކުރީ "ބީޓީއެސް" އާއި "ބްލެކްޕިންކް"އެވެ.

ބްލެކްޕިންކްގެ އިތުރުން މަގުބޫލު އާޓިސްޓުން ކަމަށްވާ ފްރޭންކް އޯޝަން އާއި ބޭޑް ބަނީ އާއި ރޮސަލިއާ އަދި ޗާލީ އެކްސްސީއެކްސް ވެސް މިއަހަރުގެ ކޮޗެއްލާގައި ޕަފޯމް ކުރާނެއެވެ.

comment ކޮމެންޓް