ކުށްކުރާ ކުޑަކުދިން ބޭތިއްބުމަށް ހިންމަފުށީ އައްސޭރި ޖަލުގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރު ހުޅުވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ކޮމިޝަނާރ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދުފުޅު މިއަދު ވިދާޅުވެއްޖެއެވެ.
އައްސޭރި ޖަލުގެ ޚިދުމަތަށް 14 އަހަރު ފުރުން ފާހަގަކުރުމަށް އެ ޖަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އަޙްމަދު ވިދާޅުވީ އައްސޭރި ޖަލުގެ އޮފިސަރުންނާއި ގައިދީންގެ ބުރަ މަސައްކަތުންނާއި ޕްރިސްކޯގެ ދީލަތި އެހީތެރިކަމުން، ކުށްކުރާ ކުޑަކުދިން ބޭއްތިއްބުމަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރު ތައްޔާރުކޮށް ހުޅުވަން ބޭނުންވި ދުވަހަށް އެކަން ވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އައްސޭރި ޖަލުގެ ޚިދުމަތަށް 14 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --
"ކުށްކުރާ ކުޑަކުދިން ވަކިން ބަންދުކޮށްގެން ބަލަން ފެށުމަކީ އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް. އަދި އެ ކުދިން ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖްތަމައުއަށް ނެރުމުގެ މަސައްކަތް ކުރަން ޖެހޭ،" އަޙްމަދު ވިދާޅުވިއެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ގާއިމް ކުރަންޖެހޭ ޖުވެނައިލް ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ނިންމައި އެތަން ހުޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހުގައެވެ.
އެ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ އުއްމީދު ކުރައްވަނީ އެ މަރުކަޒުތަކުގެ ސަބަބުން ރާއްޖޭގައި މިއަދު ކުށަށް ހުށައެޅި އަދި ކުށަށް އަރައިގަންނަމުންދާ ކުދިންގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
އިމްރާން ވިދާޅުވީ އެ ސެންޓަރުގެ މަސައްކަތް ކުރަމުންދާއިރު ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކެއް ވެސް އެކުގައި މަސައްކަތް ކުރެވޭނެ އިންތިޒާމެއް ގާއިމް ކޮށްފައިވާ ކަމަށެވެ.