ޗައިނާއިން އޭޑީކޭއަށް ޕީސީއާރް މެޝިނެއް، ދެން ހަދާ ޓެސްޓްތަކަށް ޑިސްކައުންޓް ލިބޭނެ

ޗައިނާ ސަރުކާރު ހިލޭ އެހީގެ ދަށުން އޭޑީކޭ ހޮސްޕިޓަލަށް މިއަދު ހަދިޔާކޮށްފައިވާ ޕީސީއާރް މެޝިނުން ޓެސްޓް ހަދާ ޕޭޝަންޓުންނަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މިއަދު އޭޑީކޭ ހޮސްޕިޓަލްގައި ބޭއްވި ހަފްލާއެއްގައި ޗައިނާ ސަރުކާރުގެ އެހީގައި އޭޑީކޭ ހޮސްޕިޓަލަށް ވަނީ ޕީސީއާރް ހަދާ މެޝިނަކާއި ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފައެވެ. މި މެޝިން ރަސްމީކޮށް ހަވާލުކޮށްދެއްވީ ޗައިނާގެ ސަފީރު ވަންގް ލިޒިންއެވެ. އޭޑީކޭގެ ފަރާތުން ހަވާލުވެލެއްވީ ސީއީއޯ އަދި ޗެއާމަން އަހްމަދު ނާޝިދެވެ.

ޗައިނާ ސަރުކާރުގެ އެހީގައި އޭޑީކޭ ހޮސްޕިޓަލަށް ޕީސީއާރް ހަދާ މެޝިނަކާއި ޓެސްޓް ކިޓްތައް ހަދިޔާކުރުމުގެ ހަފްލާގައި ސީއީއޯ އަހްމަދު ނާޝިދު ވާހަކަދައްވަކަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

މި ހަފްލާގައި ވާހަކަދައްކަވަމުން ޗައިނާ ސަފީރު ވަންގް ލިޒިން ވިދާޅުވީ އެންމެ ބޮޑު އުންމީދަކީ މި އެހީއާއެކު ގިނަ ބަޔަކަށް ފަސޭހަތަކެއް ލިބިގެން ދިޔުން ކަމަށެވެ. އަދި އޭނާ ވަނީ ޗައިނާ އެންބަސީއާއި އޭޑީކޭ ހޮސްޕިޓަލާ ދެމެދު ވަރަށް ގާތް ގުޅުމެއް އަބަދު ވެސް އޮންނަ ކަމަށް ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން އޭޑީކޭގެ ސީއީއޯ އަދި ޗެއާމަން ނާޝިދު ވިދާޅުވީ ޗައިނާ ސަރުކާރުން ހަދިޔާކުރި ޕީސީއާރް މެޝިނާއެކު ގިނަ ބަޔަކަށް ހިދުމަތް ދިނުމަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށެވެ. އަދި މިކަމުގެ ފަސޭހަ ލިބިގެން ދާނީ ހަމައެކަނި އާންމު ރައްޔިތުންނަށް ނޫން ކަމަށާއި ރާއްޖޭގައި އުޅޭ ބިދޭސީންނާއި ޗައިނާގެ ރައްޔިތުންނަށް ވެސް އެ ފަސޭހަ ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިހާރުވެސް ކޮވިޑްގެ ގިނަ ވޭރިއަންޓްތަކެއް އުޅެމުންދާތީ ޓެސްޓް ކުރުމުގައި މި މެޝިނާއެކު ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން ނާޝިދު ފާހަގަކުރެއްވިއެވެ.

"މި ހޮސްޕިޓަލުން ޕީސީއާރް ހަދާ މެޝިނުން ޓެސްޓް ހަދާ ޕޭޝަންޓުންނަށް ޑިސްކައުންޓް ލިބިގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ގިނަ ބަޔަކަށް މީގެން މަންފާކުރުން." ނާޝިދު ވިދާޅުވިއެވެ.

ޕީސީއާރް ޓެސްޓްތަކުން ދެނީ ކިހާވަރެއްގެ ޑިސްކައުންޓެއް ކަމެއް ނާޝިދު ވިދާޅެއްނުވެއެވެ.

މީގެ އިތުރުން ނާޝިދު ވަނީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ކޮންޓްރޯލް ކުރެވިފައިވާކަން ފާހަގަކުރައްވާ އެކަމަށް ރައީސުލްޖުމްޙުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތައުރީފްކުރައްވާފައެވެ.

ޗައިނާ ސަރުކާރުގެ އެހީގައި އޭޑީކޭ ހޮސްޕިޓަލަށް ޕީސީއާރް ހަދާ މެޝިނަކާއި ޓެސްޓް ކިޓްތައް ހަދިޔާކުރުމުގެ ހަފްލާގައި ޗައިނާ ސަފީރު ވަންގް ލިޒިން ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ޗައިނާ ސަރުކާރުން ވަނީ މިހަފްތާގެ ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލަށް ވެސް ޕީސީއާރު މެޝިނަކާއި ޓެސްޓް ކިޓްތަކެއް ހަދިޔާ ކޮށްފައެވެ.

ޗައިނާ އާއި ރާއްޖޭގެ ޑިޕްލޮމެޓިކް ކުޅުން ޤާއިމް ކުރީ 1972 ވަނަ އަހަރުއެވެ. މިދިޔަ އަހަރު އެ ގުޅުމަށް 50 އަހަރު ވީއިރު، ޗައިނާ އަކީ ރާއްޖޭގެ އިގްތިސާދަށް ނުހަނު ބޭނުންތެރި ހިއްސާތަކެއް ކުރާ ގައުމެކެވެ. ޗައިނާއިން ރާއްޖޭގައި ހިންގާފައިވާ މަޝްރޫއުތަކުން އެކަމަށް ހެކިދެއެވެ.

އަދި ކޮވިޑްގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގައި ޗައިނާގެ މާކެޓަކީ ރާއްޖޭގެ އެއް ނަންބަރު މާކެޓެވެ. ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު މިމަހު 18 ވަނަ ދުވަހު އަނެއްކާ ވެސް ޗައިނާގެ ޓޫރިސްޓުން ރާއްޖެ އަންނަން ފަށާނެއެވެ.

comment ކޮމެންޓް