ރަން ކިއުމުން .... ހުއްދަވޭތަ؟

ޣައްޒާގައި ކުރި ކައިވެންޏެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް --- ފޮޓޯ/ ގާޒާޓައިމް.ކޮމް

ދޮށީ އުމުރުގެ ފިރިހެނަކު، ކައިވެނި ކުރުމާބެހޭ ގޮތުން ވާހަކަ ދައްކަމުން ބުންޏެވެ. ރަން ކީމައި ދެން އެއްބައި ހަލާލު ވާނެއެވެ. މީގެ ތަފުސީލަށް ނުދިޔަނަމަވެސް އޭނާ އެ ބުނަނީ ކީކޭކަން އެނގޭނެކަމަށް ދެކެމެވެ. އިތުބާރު ހުރި މަޞްދަރުތަކުން އެނގުނު ގޮތުގައި؛ އެއީ އެންމެ މީހަކު ދެމީހަކު ބުނާ ވާހަކައެއްނޫނެވެ. އެއީ މި ދިވެހި އިސްލާމީ މުޖުތަމައުގައި ދިރިއުޅޭ ބައެއް މީހުން ގަބޫލުކުރާ ގޮތެކެވެ. އެކަމާ ބެހޭގޮތުން ދީނީ ޢިލްމުވެރިންނާ ތަކުރާރުކޮށް ސުވާލުވެސް ކުރާ ކަމަށްވެއެވެ.

ރަންކީމައި ހަލާލުވުން، އެއްބައި ހަލާލުވުން ... މީގެ މާނައަކީ؛ ކައިވެނިކުރާ އަންހެނާ ރަން ކިއުމުން، އޭނާއާ އެއްދާން ކުރުން ނުވަތަ އެއާ ގުޅޭ ބައެއް ކަންކަން، ކައިވެނި ކުރާން އުޅޭ ފިރިހެނާއަށް ހުއްދަވާނެކަމަށް ބުނުމެވެ. މިއީ ވަރަށް ސީރަސް ވާހަކައެކެވެ. މުސްލިމުންގެ ބަޔަކު މިގޮތަށް ގަބޫލުކުރާނަމަ އެއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. ކަމުގެ ހަގީގަތް ބަޔާންކޮށްދީ މީސްތަކުން ހޭވެރިކުރުވާންޖެހޭ ކަމެކެވެ.

ޚިޠުބާ ކުރުމާއި ރަން ދިނުމާއި އަދި ކައިވެނީގެ ޢަޤުދު ކުރުމާ ބެހޭގޮތުން އިސްލާމީ ފިޤުހުގައި ތަފުސީލު ޙުކުމްތައް ވެއެވެ. ނަމަވެސް އެ ޙުކުމްތައް ރަނގަޅަށް ނޭނގުމުގެ ސަބަބުން، ޞައްޙަނޫން ބައެއް ގަބޫލުކުރުންތައް އުފަންވާން މެދުވެރިވެއެވެ. މީގެ އެއްމިސާލަކީ ރަންކިއުމުން ހަލާލުވާނެކަމަށް ބުނުމެވެ. އަނެއް މިސާލަކީ ރަނަކީ އަންހެން ކުއްޖާގެ މަންމައަށް ނުވަތަ ބައްޕައަށް ދޭންޖެހޭ އެއްޗެއްކަމަށް ބުނުމެވެ. އަދި ޚިޠުބާ ކޮށްފައިވާ ދެމީހުންނަކީ، އެކަކު އަނެކަކަށް ހުއްދަވެފައިވާ ދެމީހުންކަމަށް ދެކޭ ދެކުންވެސް މީގެތެރޭގައި ހިމެނެއެވެ. މިކަންކަމާ ބެހޭ މުހިއްމު ބައެއް ޙުކުމްތަކަށް ބަލައިލަމާ ހިނގާށެވެ.

ޚިޠުބާ ކުރުން

ކައިވެނިކުރުމުގެ ނިޔަތުގައި ދެމީހަކު ގުޅުމަށް އިސްލާމީ ފިޤުހުގައި ކިޔަނީ ޚިޠުބާ (الخِطْبَة) އެވެ. މިއީ ކައިވެނިކުރުމުގެ އެދުން ފާޅުކުރުމެވެ. ނުވަތަ ކައިވެނިކުރަން ބޭނުންވާ ކަމަށް ބުނުމެވެ. ދެމީހަކު ޚިޠުބާ ކޮށްފިނަމަ އެއީ ކައިވެނި ކުރާނެކަމުގެ މައްޗަށް ލިބޭ ޔަގީން ކަމެކެވެ. ޚިޠުބާ ކުރި ދެމީހުންގެ އިތުރުން ދެފަރާތުގެ އާއިލާއަށްވެސް މި ޔަގީންކަން ލިބި، ކައިވެނީގެ ތައްޔާރީތައް ފައްޓާނެއެވެ. މިއީ އިސްލާމްދީނުގައި ހުއްދަ ކަމެކެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. އަދި، (ރަޖުޢީ ޢިއްދާ ފިޔަވައި އެހެން ޢިއްދާގައިވާ) އަންހެނުންކުރެން، ތިޔަބައިމީހުން ކާވެނިކުރަން އެދޭކަމުގެ މައްޗަށް ދޭހަވާ ނުވަތަ އިޝާރާތް ކުރާ ބަހެއް ބުނުމާމެދު، ތިޔަބައިމީހުންގެ މައްޗަކަށް ފާފައެއްނެތެވެ. (ބަޤަރާ: 235) ސުންނަތަށް ބަލާއިރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޢާއިޝަތުގެފާނު އަދި ޙަފްޞަތުގެފާނާ ޚިޠުބާ ކުރެއްވިކަން ސާބިތުވެއެވެ.(ބުޚާރީ: 4793 ، 4830)

ޚިޠުބާކޮށް ކައިވެނީގެ އެންމެހައި ކަންތައްތައް ހަމަޖައްސާފައި އޮތަސް، ކައިވެނީގެ ޢަޤުދު ކޮށްފުމަށްދާންދެން އެއީ "ހިލޭ ދެމީހުން" ނެވެ. އެކަކު އަނެކަކުގެ ގައިގައި އަތްލުން މަނާވާނެއެވެ. ޖިންސީ މުއާމަލާތެއް ހިންގުން އަމުދުން ހުއްދައެއްނުވާނެއެވެ. އެއްގޮތެއްގައި ޒިނޭކުރުމެވެ. އަނެއްގޮތެއްގައި ބަދު އަޚުލާޤީ އަމަލެއް ހިންގުމެވެ. މިއީ ހައްތަހާވެސް އަދަބު ކަނޑައެޅިފައިވާ، ޙަރާމް ކަންތަކެވެ! ޚިޠުބާ ކުރުމަކީ އެއްވެސް މާނައެއްގައި ކައިވެނީގެ ޢަޤުދާ ގުޅުން ހުރި ކަމެއްނޫނެވެ.

ރަން ކިޔުމާއި ރަން ދިނުން

ކައިވެނީގެ ރަން ކިއުމަކީ ކައިވެނިވާ އަންހެނާއަށް އޮތް ކަމެކެވެ. އަދި އެ ރަން އޭނާއަށް ދިނުމަކީ ކައިވެނިވާ ފިރިހެނާގެ މައްޗަށް އޮތް ވާޖިބެކެވެ. އަގެއް ހުރި ހަލާލު ކޮންމެ އެއްޗެއް ރަނުގެ ގޮތުގައި ކިއިދާނެއެވެ. ކައިވެނީގެ ޢަޤުދުގެ ކުރިން ނުވަތަ ފަހުންވެސް ރަން ކިއިދާނެއެވެ. ނަމަވެސް ކައިވެނި ކޮށްދޭ ތަނުން ވަކި ގޮތަކަށް އަމަލުކުރުމަށް އަންގާފައި އޮތްނަމަ އެގޮތަކަށް އަމަލުކުރަންވާނެއެވެ. ރާއްޖެއަށް ބަލާއިރު ކައިވެނި ފޯމުގައި ރަނުގެ މިންވަރު ބަޔާންކުރަންޖެހޭކަމަށް އޮވެއެވެ.

ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރަނަކީ ކައިވެނީގެ ރުކުނެއް އަދި ޝަރުޠެއްވެސްނޫނެވެ. ޤުރުއާނާއި ސުންނަތުން މީގެ ދަލީލު ލިބެއެވެ. (ބަޤަރާ: 236 ، އަބޫދާއޫދު: 6/118 ، ޙާކިމް: 2/538) މިބޭފުޅުން ވިދާޅުވާ ގޮތުގައި ރަނެއް ނުކިޔައި ކުރާ ކައިވެނިވެސް ޞައްހަވާނެއެވެ. ރަނަކީ ކައިވެނީގެ ރުކުނެއްކަމަށް ވިދާޅުވަނީ މާލިކީން އެކަންޏެވެ. ނަމަވެސް މި ރައުޔަށް ބާރު ލިބޭނެ އެކަށީގެންވާ އެއްވެސް ދަލީލެއް ނެތެވެ. [ރަން ނުކިޔައި ކައިވެނި ކޮށްފިނަމަ ދެން ކަންތައް ކުރަންޖެހޭ ގޮތާއި، ރަން ދިނުމުގެ ކުރީން އެއްދާންކޮށް ނުވަތަ އެއްދާން ނުކޮށް ވަރިކޮށްފިނަމަ ރަނާމެދު އަމަލުކުރަންޖެހޭނެ ގޮތް މި ލިޔުމުގައި ނުހިމަނަމެވެ.]

ރަނުގެ މިލްކުވެރި ފަރާތް

ރަނަކީ ކައިވެނިވާ އަންހެނާގެ މިލްކެކެވެ. އެއީ ކައިވެނިކުރާ ފިރިހެނާގެ ފަރާތުން، ކައިވެނިވާ އަންހެނާގެ މައިންބަފައިންނަށް ދޭންޖެހޭ އެއްޗެއްނޫނެވެ. ކައިވެނިވާ އަންހެނާ ބޭނުންވެއްޖެނަމަ ރަން އެކުގައި ނުވަތަ އެއިން މިންވަރެއް، އޭނާ ބޭނުން މީހަކަށް ދެވިދާނެއެވެ. އެގޮތުން އޭނާގެ މައިންބަފައިންނަށް ނުވަތަ ފިރިމީހާއަށް ނުވަތަ އެހެން މީހަކަށްވެސް ދެވިދާނެއެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އަންހެނުންނަށް އެކަނބަލުންގެ ރަން، ތިޔަބައިމީހުން ހިތުން ރުހުމުން ދޭ ދިނުމެއްގެ ގޮތުގައި ދޭށެވެ. އޭގެތެރެއިން އެއްޗެއް އެކަނބަލުން ހިތުން ރުހުމުން ތިޔަބައިމީހުންނަށް އަނބުރާ ދީފިނަމަ، ޙަލާލު ރަނގަޅު އެއްޗެއްގެ ގޮތުގައި، ތިޔަބައިމީހުން އޭގެ ބޭނުންކުރާށެވެ." (އައްނިސާ: 4)

ކައިވެނީގެ ޢަޤުދު

ކައިވެނި ކުރިކަމަށްވާނީ ކައިވެނީގެ ޢަޤުދު ފުރިހަމަވުމުންނެވެ. އެއީ ކައިވެނީގެ ގޮށުން ދެމީހުން ގުޅުވައިލުމަށް ކިޔާ ނަމެކެވެ. މިކަން ކުރަނީ ކައިވެނިކުރާ އަންހެނާގެ ވަލީވެރިޔާ ނުވަތަ އޭނާގެ މަގާމުގައިވާ މީހާއެވެ. ރާއްޖޭގައި އަމަލުކުރާ ގޮތަށް ބަލާއިރު، ވަލީވެރިޔާ، ކައިވެނިކޮށްދޭ ފަރާތާ (ޤާޟީ ނުވަތަ މައުޛޫން އާ) ވަލީ ހަވާލުކުރުމުން ކައިވެނި ޢަޤުދުކޮށްދޭނީ އެފަރާތުންނެވެ. އެއަށްފަހުގައި، ކައިވެނި ކުރާ ފިރިހެންމީހާ އަނބި ގަބޫލުކުރަންޖެހޭނެއެވެ. އަނބިކޮށްދިނުމާއި އަނބި ގަބޫލުކުރުމަށް، އީޖާބާއި ޤަބޫލު އެވެ ކިޔައެވެ. ކައިވެނި ކުރާ ދެމީހުން އެކަކު އަނެކަކަށް ޙަލާލުވާނީ މި ޢަޤުދަށްފަހުގައެވެ. އެހެންކަމުން، ޚިޠުބާ ކުރިޔަސް ނުވަތަ ރަން ކިޔަސް، އެހިސާބުން އަދި އެކަކު އަނެކަށް ހަލާލެއްނުވާނެއެވެ! ވީމާ، "ރަން ކީމައި ހަލާލުވުން .... އެއްބައި ހަލާލުވުން" މިއީ ކަނޑައެޅިގެން ބާތިލު، ނުބައި ގަބޫލުކުރުމެކެވެ. މިފަދަ ބާތިލު ގަބޫލުކުރުންތަކާ ދުރުހެލިވެ، ކައިވެންޏާ ބެހޭ ޞައްޙަ މައުލޫމާތު ހޯދަމާ ހިނގާށެވެ. ނުބައި މައުލޫމާތެއްގެ މައްޗަށް ބަރޯސާވެ، ފާފައެއް ކުރެވިފައިވާނަމަ އަވަހަށް ތައުބާވާށެވެ. ﷲ އީ ގިނަގިނައިން ތައުބާ ގަބޫލުކުރައްވާ އޯގާވަންތަ ރަސްކަލާނގެއެވެ.(ބަޤަރާ: 37)

ގުޅޭ ޓެގު
comment ކޮމެންޓް