ރިޔާސީ އިންތިޚާބާ ގުޅޭ ޖޭޕީގެ ބޮޑު ނިންމުން ވަރަށް އަވަހަށް ނިންމަނީ

ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީން ނިންމާ ނިންމުން ވަރަށް އަވަހަށް ނިންމާނެ ކަމަށް އެޕާޓީގެ ތަރުޖަމާނު އަލީ ޞާލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ކުޑަތަން ވަމުން އަންނައިރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މިހާރު ވެސް ވަނީ ކޯލިޝަނަކާއެކު އިންތިޚާބަށް ނުކުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. އެކަމާ މެދު ގޮތެއް ނިންމައިފައިނުވަނީ ޖޭޕީންނެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން މިހާރު ވެސް ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހާއެކު ދެމި ތިބެން ނިންމައިފައެވެ.

ރާއްޖޭގައި މިވަގުތު އޮތް ތިންވަނައަށް އެންމެ މީހުން ގިނަ ސިޔާސީ ޕާޓީ، ޖޭޕީގައި 18،000އެއްހާ މެންބަރުން ތިބެއެވެ. ރިޔާސީ އިންތިޚާބާ ގުޅޭ އެޕާޓީގެ ނިންމުންތައް ނިންމާނީ ދެން ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާއިން ފާސްކުރާ އެ ޕާޓީގެ ކައުންސިލުންނެވެ.

އަލީ ޞާލިހް މިއަދު "ސަން"އަށް ވިދާޅުވީ ގައުމީ މަޖިލީހުގެ ބައްދަލުވުން ކުރިޔަށް ހުރި މަސްތަކުގައި ބާއްވަަން ތައްޔާރުވަމުންދާ ކަމަށެވެ.

"ރިޔާސީ އިންތިޚާބާ ގުޅޭ ނިންމުން ނިންމާ ގައުމީ މަޖިލީހުގެ ޖަލްސާ ކުރިޔަށް ހުރި މަސްތަކުގައި ބޭއްވުމަށް ޕާޓީން އަންނަނީ ތައްޔާރުވަމުން" އޭނާ ވިދާޅުވިއެވެ.

އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު މިހާރު އަންނަނީ ޖަލްސާއަށް ތައްޔާރުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޖަލްސާގައި އެޕާޓީގެ އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ މެންބަރުންނާއި ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އާ ގާނޫނުއަސާސީ ތަސްދީގުކުރި ފަހުން ބޭއްވި ތިން އިންތިޚާބުގެ ތެރެއިން 2008 އަދި 2013ގެ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރެއްވިއެވެ. ނަމަވެސް، ދެވަނަ ބުރަށް ދިއުމަށް ބޭނުންވާ ވަރަށް ދެ އިންތިޚާބުގައި ވެސް ވޯޓު ލިބިފައެއް ނުވެއެވެ.

އެކަމަކު އެ ހުރިހާ ރިޔާސީ އިންތިޚާބެއްގެ ދެވަނަ ބުރުގައި ވެސް ކޯލިޝަން ހެދުމަށް އެންމެ މުހިއްމު ޕާޓީއަކީ ޖުމްހޫރީ ޕާޓީއެވެ. އާ ގާނޫނޫ އަސާސީގެ ދަށުން އުފެދުނު ތިން ސަރުކާރު ވެސް އުފެދުނީ ޖޭޕީގެ ހިއްސާވާ ކޯލިޝަނަކުންނެވެ.

comment ކޮމެންޓް