ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ ތައުލީމީ ޖީލެއް ބިނާކުރަން: ރައީސް

ފޭދޫ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ފާއިތުވި ހަތަރު އަހަރު ތެރޭގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ތަޢުލީމީ ދަރިންތަކެއް އުފައްދައި ރަނގަޅު މުޖުތަމަޢެއް ބިނާކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ފޭދޫ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެ ސްކޫލަށް ރަސްމީކޮށް މިދިޔަ އަހަރު 50 އަހަރު ވިޔަސް އެއީ އިނގިރޭސި ސިފައިން ގަމުގައި އުޅުމުގެ ކުރިން ވެސް ހިންގި ތަނެއް ކަމަށެވެ. އަދި، އެއީ ފޭދޫގެ މުޅި ތާރީހުގައި ވެސް އެރަށުގެ ކުރިއެރުމަށްޓަކައި ސަރުކާރަކުން ކުރި އެންމެ ބޮޑު އިންވެސްޓްމަންޓު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިދިޔަ ހަތަރު އަހަރުގެ ތެރޭގައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ ވެސް، ހަމަ އެ މަސައްކަތަށް. ދަރިންނަށް ކިޔަވައިދީގެން، މުޅި ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް. މި ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގައި، އެ ރަށެއްގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރާނެ ތަޢުލީމީ މީހުން ބިނާކުރުމަށް." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ތެރެއިން ނިޒާމުގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީ ޚުލްޤު ހެޔޮ، ދީނީ ޢަޤީދާ ވަރުގަދަ ދަރިވަރަކަށް ހެދުމަކީ ސަރުކާރުގެ އެންމެ މުހިއްމު އަމާޒު ކަމަށެވެ.

ތަޢުލީމީ ނިޒާމުގެ ހުރިހާ މަރުޙަލާއެއްގައިވެސް، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއަށް ދަރިން ހޭލުންތެރިކުރުމާއި، އިސްލާމީ އަދަބު އަޚްލާޤުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުންކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެ ކުއްޖެއްގެ ކިބައިގައި ހުރި ހުނަރާއި ޤާބިލުކަން ތަރައްޤީ ކުރުމަށް ތަޢުލީމީ ނިޒާމުގެ ތެރެއިން އެހީތެރިވެދިނުން ކަމަށެވެ.

ފޭދޫ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް

"ޒިންމާދާރުކަމާއެކު އަމިއްލައަށް ދިރިއުޅުން ބިނާކުރާ ޤަދަރުވެރި ބަޔަކަށް ޒުވާނުން ހެދޭނީ، އެންމެ ރަނގަޅު ޒަމާނީ ތަޢުލީމާއި ތަމްރީނު ޒުވާނުންނަށް ދީގެން. އެ މީހެއްގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން ކުރިއަރުވައި ތަރައްޤީކޮށްގެން، އަމިއްލަ ޙަޔާތުގެ މިސްރާބު ސީދާކުރެވޭނެ ފުރުޞަތު ޒުވާނުންނަށް ފަހިކޮށްދީގެން." ރައީސް ވިދާޅުވިއެވެ.

އެފަދަ ޖީލެއް ބިނާކުރުމުގެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން ފެށި ބޮޑެތި މަޝްރޫއުތައް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.

އެގޮތުން ރާއްޖޭގެ ކޮލެޖް ޔުނިވާސިޓީތަކުގައި ޑިގްރީ ފެންވަރަށް ހިލޭ ކިޔަވައިދޭން ފެށީ އެ ބޭނުމުގައި ކަމަށާއި ސްޓޫޑެންޓް ލޯނަށް ނަގަމުން އައި އިދާރީ ފީ ވެސް، 5 ޕަސެންޓްގައި ހުއްޓައި، މިދިޔަ މާރިޗު މަހުން ފެށިގެން ވަނީ އެއް ޕަސެންޓަށް ކުޑަކޮށްދީފައިކަން ފާހަގަކުރެއްވިއެވެ. އަދި ލޯނު ދައްކަންޖެހޭ މުއްދަތު، 25 އިންސައްތަ އިތުރުކޮށްދިނީ ވެސް ހަމަ ތަޢުލީމީ ޒުވާނުން ބިނާކުރުމުގެ ބޭނުންތެރިކަން ބޮޑުކަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަމާޒަކީ، ކުދިންނަށް ކިޔަވައިދިނުމުގައިވެސް، އެންމެ އަތޮޅެއްވެސް، އެންމެ ރަށެއްވެސް، އަދި އެންމެ ފަރުދަކު ވިޔަސް ބާކީ ނުކުރުން." އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި ހިމެނޭ އެހެން ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ މީހުންގެ މުސާރައަށް ވެސް ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވައިފައެވެ.

comment ކޮމެންޓް