ރެހެންދި ސްކޫލަށް ފެން ނުލިބި ކިޔަވައި ދޭން ދަތިވެފައި

ރެހެންދި ސްކޫލްގެ ދަރިވަރަކު ބެލެނިވެރިއަކާއެކު ސްކޫލަށް ދަނީ-- ސަން ފައިލް ފޮޓޯ

ހުޅުމާލެ ރެހެންދި ސްކޫލު ފެނުގެ ނިޒާމަށް މައްސަލައެއް ޖެހި، އެ ސްކޫލުގެ ދެވަނަ ދަންފަޅީގެ ކިޔެވުން މިއަދު ކުރުކޮށްލައިފިއެވެ.

ރެހެންދި ސްކޫލުގެ ދެވަނަ ދަންފަޅީގެ ކިޔެވުން މިއަދު ކުރިއަށް ގެންދިޔައީ އިންޓަވަލް ގަޑިއާ ހަމައަށެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ ވިދާޅުވީ ސްކޫލުގެ ފެނުގެ ނިޒާމަށް މައްސަލަ ދިމާވީ މިދިޔަ ހޯމަ ދުވަހުގެ ހަވީރު ކަމަށެވެ. އަދި ހޯމަ ދުވަހުން ފެށިގެން ބައެއް ގަޑިގަޑީގައި އެ ސްކޫލަށް ބޯފެނާއި ފާހާނާތަކުގައި ބޭނުންކުރާނެ ފެން ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު އަލީ ވިދާޅުވީ، ރެހެންދި ސްކޫލުގެ ފެން ތާނގީތައް ހުންނާނީ ފަސްވަނަ ފަންގިފިލާގައި ކަމަށެވެ. އެހެންކަމުން މި ތިން ދުވަހު ފެން ގިނައިން ބޭނުންކުރާ ވަގުތު ފެނުގެ ޕްރެޝަރު ބޮޑުވެ، ތާންގީތަކަށް ފެން ނުލިބެނީ ކަމަށް އޭނާ ވިދާޅުވިއެވެ. ރެހެންދި ސްކޫލަށް ފެން ފޯރުކޮށްދެނީ އެމްޑަބްލިއުއެސްސީންނެވެ.

"ފެނުގެ ޕްރެޝާ ބޮޑުވެގެން ފަސްވަނަ ފަންގިފިލައާ ހަމައަށް ފެން ނުދަނީ. އެހެންވީމަ ޓޭންކުތަކުގަ ހުންނަ ފެނެންނޫންތޯ ބޭނުން ކުރާނީ. ދެން މި ޓޭންކުތަކުގައި ހުންނަ ފެން ބޭނުންކުރީމަ ޓޭންކުތަކުން ފެން ހުސްވަނީ. މިއަދު ވެސް އެގޮތަށް މި ދިމާވީ،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މި މައްސަލަ ހައްލުކުރުމަށް މިހާރު އެމްޑަބްލިއުއެސްސީއާއި ރެހެންދި ސްކޫލު އަދި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕްރެޝާ ޕަންޕު ބަހައްޓަން ތައްޔާރުކޮށް ޕްރެޝާ ޕަންޕު ބެހެއްޓުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން،" އަހްމަދު އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި މައްސަލަ މިއަދު ހައްލުކޮށް، މާދަމާ އެއްވެސް ދައްޗެއް ނެތި ދަރިވަރުންނަށް ފެން ބޭނުންކުރެވޭނެ ކަމަށެވެ. އަދި މީގެ ކުރިން އެއްވެސް ސްކޫލެއްގައި މިފަދަ ކަމެއް ދިމާވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް