ރައީސް ޞާލިހާއެކު ހަގީގީ މާނައިގައި ކޯލިޝަނެއް ނެތް: ޑރ. ޖަމީލް

ރައީސް ޔާމީންގެ ގަނޫނީ ވަކީލުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަަޔާޒު މޫސާ

ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުގައި ހަގީގީ މާނައިގައި ކޯލިޝަނެއް އޮތްކަމަށް ގަބޫލުފުޅުނުކުރައްވާކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެއެވެ.

"ސަން"އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޑރ. ޖަމީލް ވިދާޅުވީ ރައީސް ޞާލިހުގެ ވާހަކަފުޅުތަކާ އެއްގޮތަށް މިހާރު ކޯލިޝަނެއް ނެތްކަމަށެވެ. އަދި ކޯލިޝަނެއްގެ ތެރޭ އޮންނަންވާ ހަރުދަނާ ސިފައެއް ވެސް ނެތްކަމަށް ޖަމީލް ވިދާޅުވިއެވެ.

"މިހާރު އޮތީ ކޯލިޝަނެއް ނޫން. މިހާރު އޮތީ ވަކި ކަހަލަ ޒާތީ މަންފާތަކެއްވާތީ، އެ މަންފާތައް އެއްކުރުމަށް ޓަކައި އެކީގައި ތިބި ބައެއް. އެއްވެސް ހާލެއްގައި ކޯލިޝަނެއް ނޫން މިއީ،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ކޯލިޝަނެއް އުފައްދަނީ މަގާމުތަކެއް ހޯދުމުގެ ދަހިވެތިކަމުގައި ނޫން ކަމަށެވެ. އަދި ކޯލިޝަންގެ ވަކިވަކި ޕާޓީތަކަށް ނަޒަރު ހިންގަވަމުން ޖަމީލް ވަނީ މިހާރު ކޯލިޝަންގައި ތިބި ޕާޓީތަކުން ވެސް ތިބީ ލިބޭ މަންފާތަކަކަށް ކަމަށް ވިދާޅުވެފައެވެ. އަދި ކޯލިޝަންގެ ހުރިހާ ޕާޓީތަކުން އެއްބަސްވާ ހަމަތަކެއް މިހާރުގެ ސަރުކާރުގައި ނެތްކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑު ކައިރީ ތިޔަ ބޭފުޅުން ތިޔަ ވިދާޅުވަނީ ހެއްޔޭ، އަދާލަތަށް އޯކޭހެއްޔޭ. އަދާލަތުގެ ހަމަ އިސް ބައެއް ޝެއިޚުން އެބަ ވިދާޅުވޭ މި ތަނުގައި ހަމަ ފާޅުކަން ބޮޑުކޮށް ހަށިވިއްކާ ތަންތަން އިޝްތިހާރުކުރެޔޭ. އެކި ތަންތަނުގައި މިވެނި ގޮތްގޮތަށް ކަންތައް ކުރާނަމޭ ކިޔައިފައި ހަމަ މީޑިއާތަކުގައި އިޝްތިހާރުތައް ފެނެޔޭ. ބަނގުރާ އާންމުވެއްޖެޔޭ..." ޑރ. ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ރަސޫލާއަށް ފުރައްސާރަކުރުމާއި ދީނަށް ފުށޫއަރާ ގިނަ ކަންތައްތަކެއް ހިނގަމުން އަންނަކަމަށާއި އެ ހުރިހާ ކަންކަމަކީ އަދާލަތުގެ ވިސްނުމާ މުޅިން ޚިލާފު ކަންތައްތަކެއް ކަމަށެވެ.

"ދީނަށް ފުށުއަރާ އެތައް ކަމެއް އަސްލުގައި އެބަ ހިނގާ. އެހެންވީމާ ތި ބޭފުޅުން ތިޔަ ވިދާޅު ވަނީ ހެއްޔޭ އަދާލަތު އެގޮތަށް ރުހިގެން އަދާލަތު ވެސް އެމްޑީޕީއާއެކީ އަނެއް ދިވެހިރާއްޖެއަށް ދަތުރުކުރީހެއްޔޭ އިނގޭތޯ. އެހެން ހެއްޔޭ ތި ވިދާޅުވަނީ. އެ މޭރުމުން ވިދާޅުވާކަމުގައި ވަންޏާ އަޅުގަނޑަށް އޯކޭ،" އެ ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވަނީ ކޯލިޝަންގައި ތިބިކަމަށް ބުނާ ވަކިވަކި ޕާޓީތަކުން ގަބޫލުކުރާ އަސާސްތަކާ ޚިލާފަށް ކަންކަން ކުރާއިރު އެ ކޯލިޝަންގައި ތިބެންވީ ކޮން ސަބަބަކަށް ޓަކައިތޯ ސުވާލު އުފައްދަވައިފައެވެ.

"އިބޫ [ ރައީސް ޞާލިހު]އާއެކީ ކޯލިޝަނެއް ނެތްކަމުގެ އެންމެ ބޮޑު ހެއްކަކީ 2019ގެ ރައްޔިތުންގެ މަޖިލީސް. 2019ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަަރަށް ފާޅުކަން ބޮޑުކޮށް އިބޫ ވިދާޅުވި، ތިމަންނަ ނެތީމޭ ތި ބޭފުޅުންނާއެކު މަޖިލީހަށް ދާކަށެއް. އެހެންވީމާ ސާފުކޮށް އެނގުނު އެއްޗަކީ އެއީ. ހަގީގަތުގައި ވެރިކަމަށް އައި އިރުގައި އޮތީ އެއްބަސްވެފައި އެންމެން އެކީގައި ހުރިހާ ކަމެއް މަޖިލީހާއެކީގައި ކުރާނަމޭ. އެގޮތަކަށް ނެތް،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ހަމައެއާއެެކު މިހާރުގެ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން އެމްޑީޕީއަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާ މަންޒަރު ފެނިލައްވާކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

comment ކޮމެންޓް