ކަނޑުން ފެނުނު ހަށިގަނޑަކީ ކާކުކަން އަދިވެސް ދެނެ ނުގަނެވޭ: ފުލުހުން

ވ. އަތޮޅު --

ވ. އަތޮޅުގެ ވެމްޕަރު ފަޅު, ބޭރު ކަނޑުން ފެނުނު ހަށިގަނޑަކީ ކާކުކަން އަދިވެސް ދެނެ ނުގަނެވޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ވެމްޕަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވަނީ މި މަހުގެ ދެ ވަނަ ދުވަހުގައެވެ.

ކަނޑުގައި އޮވެ ގިނަ ދުވަސް ވުމުގެ ސަބަބުން އެއީ ކާކުކަން ދެނެނުގަނެވޭ ވަރަށް ހަށިގަނޑު އޮތީ ކުނިވެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ކަނޑުން ފެނުނު ހަށިގަނޑަކީ ކާކުތޯ ބެލުމަށް ޑީއެންއޭ އެނަލިސިސް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ނަމަވެސް އެކަމަށް ވަރަށް ގިނަ ވަގުތު ނަގާނެ ކަމަށެވެ.

"އެއީ ވަގުތު ނަގާނެ ކަމަކަށް ވާތީ ޑީއެންއޭއަށް ފަހު އިތުރު މައުލޫމާތު ހިއްސާކުރެވޭނެ،" އޮފިޝަލު ވިދާޅުވިއެވެ.

އެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޑީއެންއޭ ހަދަން ފަށާފައިވާ އިރު ނިމިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު، ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޒާމާއި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން، ގެއްލިގެން ހޯދަމުން ދަނިކޮށް އޭގެ ތެރެއިން ނިޒާމް ކިޔާ މީހާ މާލެއިން ފެނިފައިވާ އިރު ލިޓަން، އަދިވެސް ނުފެނެއެވެ.

އެމީހުން ދަތުރުކުރި ތެޔޮބޯޓު، ހުޅުލޭ، އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ޑިސެމްބަރު 29 ވަނަ ދުވަހު ވަނީ ފެނިފައެވެ. އެކަމަކު އެ ބޯޓްގައި މީހަކު ނެތެވެ.

ލިޓަން ގެއްލިގެން ހޯދަމުން ދަނިކޮށް ވެމްޕަރު ފަޅުން ފެނުނު މަރުވެފައި އޮތް މީހާގެ ހަށިގަނޑަކީ އޭނާކަމަށް ފުލުހުން ލަފާ ކުރާކަން "ސަން" އަށް ވަނީ އެނގިފައެވެ. ނަމަވެސް މުޅިން ޔަގީން ވާނީ ޓެސްޓްތަކަށް ފަހުގައެވެ.

ތެޔޮ ބޯޓް ކަނޑަށް ދޫކޮށްލުމުގެ ކުރިން ނިޒާމާއި ލިޓަން ދިޔައީ ކޮން ސަރަހައްދަކަށް ކަމެއް ނޭނގެއެވެ. ވ. އަތޮޅަށް ދިޔަ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެއެވެ. ދޯނި ފަހަރުގެ ކައްޕިން ބުނަނީ ކ. އަތޮޅުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު މޫދަށް ދޫކޮށްލި ނަމަވެސް އޮޔާއި ވައި ހުންނަ ގޮތަކުން ވ. އަތޮޅާ ހަމައަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގޮސްފާނެ ކަމަށެވެ.

މި ހާދިސާއާ ގުޅޭގޮތުން ގިނަ ސުވާލު ތަކެއް އުފެދިފައިވީ ނަމަވެސް މާ ގިނަ މައުލޫމާތުތަކެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މިހާތަނަށް ކަންވެފައިވާ ގޮތާއި ލިޓަންގެ އެކުވެރިންގެ ވާހަކަތަކަށް ބަލާއިރު ވެސް އަދި ފުލުހުންގެ ތަހުގީގަށް ބަލާއިރު ވެސް މި މަރުގެ ތުހުމަތު ކުރެވެނީ ނިޒާމްގެ މައްޗަށެވެ. ލިޓަންއަކީ ވަރަށް ފައިސާ ގެންގުޅޭ މީހަކަށް ވާއިރު މިއީ ފައިސާގެ ބޭނުމުގައި ކުރި ކަމެއް ކަމަށް ވެސް ކުރެވޭ ތުހުމަތު ބޮޑެވެ.

comment ކޮމެންޓް