އަގުތައް ބޮޑު، މައްސަލައަކީ ޖީއެސްޓީ ތަ؟

މާލޭ ކަންމަތީ ފިހާރައެއްގައި ބިދޭސީ މީހަކު ފިހާރަ ސޭޓުކަން ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިހާ ތަކެތި އަގުބޮޑު ވާއިރު، ޒުލޭހާ ވެސް ތަންކޮޅެއް ކިރަށް ބަލާލައިގެން އުޅެން ވެއްޖެއެއްނު،" މިއީ މީގެ 10 އަހަރު ކުރިން "2013 އަށް ވިސްނާ"، މި ޑްރާމާގައި ރުންކުރު ގޮތަކަށް މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވި ވާހަކައެކެވެ. މި ވާހަކަ އަކީ އޭރުގެ ވަރަށް މަޝްހޫރު ބޮޑު ޖޯކެކެވެ. ހަމައެހެންމެ މިއީ މިއަދުގެ ހަގީގަތެކެވެ.

އެއްވެސް ޙާލެއްގައި ބަލަން މި އުޅެނީ މުހައްމާއަކަށް ނޫނެވެ. ނަމަވެސް ތަކެތި އަގުބޮޑު ވުމުގެ ސަބަބުން، "ކިރަށް" ވެސް އައި ބަދަލު ހިމެނޭހެން ތަކެއްޗަށް ވެސް އައި ބަދަލުގެ ވާހަކައަށެވެ. ސުން ޕަސެންޓްގައި ޖީއެސްޓީ ހިމެނޭ މުދަލަކަށް ކިރާއި ކިރުގެ ބާވަތްތައް ހިމެނުނު ނަމަވެސް، މިއަދު އެތަކެތީގެ އަގު ވެސް ބޮޑު ވަމުން ދާ ދިއުމަށެވެ. މި ކަމުގައި ޖީއެސްޓީ އެކަނި ބަދުނާމު ކުރެވެން ނެތް ކަމުގެ ވާހަކައަށެވެ.

ޖީއެސްޓީ ހަ އިންސައްތައިން އަށް އިންސައްތައަށް ބަދަލު ވުމަކީ ތަކެތީގެ އަގަށް ބަދަލު އަންނާނެ ކަމެކެވެ. އެއާއެކު ސުން ރޭޓްގައި ޖީއެސްޓީ ނަގާ ތަކެތީގެ އަގު ބޮޑުވި ކަމުގެ ޝަކުވާ ވެސް ވަރަށް ގިނައެވެ. ނަމަވެސް ޖީއެސްޓީ ބޮޑުވުމަކީ ތަކެތީގެ އަގަށް ބަދަލު އައުމުގެ ހަމައެކަނި ސަބަބު ކަމަށް ދެކެވެން ނެތެވެ. ރާއްޖޭގެ އިގްތިސާދީ މާހިރުން ގަބޫލު ކުރައްވަނީ އެފަދައިންނެވެ. އެކަން ގަބޫލު ކުރާ އާއްމުން ވެސް އުޅެއެވެ.

މަގުމަތިން އާންމު މީހަކާ މި ސުވާލުކޮށްލީމެވެ. ރައްދުގައި ދިނީ ވަރަށް ސާދާ ޖަވާބެކެވެ.

"ތަކެތީގެ އަގު ބޮޑު ވާނެ ދޯ ދެން އަބަދުވެސް. މަންމަ ބުނާނެ ކުރިން 500 ރުފިޔާއަށް މުޅި ގެ ފުރާ ތަކެތި ގަނެވޭނެއޭ. އެކަމަކު މިހާރު ނުގަނެވޭ. އެއް ރަތް ކޮތަޅު ވެސް ނުފުރޭ." އޭނާ ބުންޏެވެ.

އެ ބުނީ ތެދެކެވެ. ބަވަނަވަމުންދާ ދުނިޔޭގައި ތަކެތީގެ އަގު އިންތިހާއަށް އުފުލޭކަން އެންމެންނަށް އަބަދުވެސް އެނގެއެވެ. އެހެން ނަމަވެސް، ތަކެތީގެ އަގުތައް ބޮޑު ކަމުގެ ޝަކުވާ އެންމެން ވެސް ކުރެއެވެ.

"ޖީއެސްޓީ ޑިސް-ޕްރޮޕޯޝަނަޓޭއް ނުކުރެ"!

މިއީ މިއަދުގެ އާންމު ބަހުސެކެވެ. ތަކެތީގެ އަގަށް ބޮޑު ބަދަލެއް އަންނަނީ ޖީއެސްޓީގެ ސަބަބުން ކަމަށް ބުނުމެވެ. އެކަމަކު އެއީ މުޅިއަކުން ރަނގަޅު ބުނުމެއް ނޫނެވެ.

ރާއްޖޭގެ އިގްތިސާދު ދިރާސާ ކުރައްވާ އާތިފް ޝަކޫރު މި ވާހަކައަށް އެއްބަސްވެލައްވައެވެ.

އަޅުގަނޑު ސަތޭކަ ޕަސެންޓް ޔަގީންކަން ދެން، ކުރިން ތަކެތި ހުރި އަގުގައެއް ނޫން މިހާރު ހުރީކީ. ތަކެތި ކުރިން ހުރި އަގުގައި ހުރި ނަމަ ވިއްކޭ އަގުވެސް ކުޑަ ވާނެ، އާތިފް ޝަކޫރު

އާތިފް ވިދާޅުވި ބިދާއިން ތަކެތީގެ އަގު ބޮޑު ވަނީ އާންމު މީހާއަށް އެކަންޏެއް ނޫނެވެ. ތަކެތި ވިއްކާ ސަޕްލަޔަރަށް ވެސް މެއެވެ. މާކެޓުގައި ތަކެތީގެ އަގަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗަކަށް ވީއިރު، މި ކަމަކީ އެންމެ ފުރަތަމަ ޖީއެސްޓީ އާ ގުޅުމެއް ނެތް ކަމަކަށް ވެސް ވެދާނެއެވެ.

މީހަކު ތަކެތި ގަނެގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެހާސް އެކާވިހުގެ ފަހުކޮޅު ދުނިޔޭގެ ލޮޖިސްޓިކްސް ޗެއިންއަށް އައި ބަދަލުތަކާ ގުޅިގެން މުޅި ދުނިޔޭގައި ވެސް ތަކެތީގެ އަގަށް ބޮޑު ބަދަލެއް އައެވެ. އާންމުކޮށް ދުނިޔޭގެ ގައުމުތަކަށް އިމްޕޯޓް ކުރާ މުދަލަކީ އެ އިގްތިސާދެއްގެ 47.14 އިންސައްތައެވެ. ނަމަވެސް، ރާއްޖޭގައި އިމްޕޯޓް ކުރާ މުދަލަކީ އިގްތިސާދުގެ 67.79 ކަމަށްވާއިރު މިގައުމަށް އެކަމުގެ އަސަރު ބޮޑު ތަނުން ކުރިއެވެ.

މި ކަމުގެ އަސަރު، އެންމެ އާދައިގެ މުދަލުން ފެށިގެން، އެންމެ ލަގްޒަރީ މުދަލަށް ވެސް ކުރިއެވެ.

ތަކެތީގެ އަގު ބޮޑު ވާނެ. ވިޔަފާރިވެރިޔާއަށް ލިބޭ ތަކެތީގެ އަގު ބޮޑުވާ ފެކްޓާސް އާ އެއްވަރަށް ޢާންމުމީހާއަށް ބޮޑުވާނެ. އޭނާ އެ ތަކެތި ވިއްކާނީ އެ ޚަރަދު ކަވާ ވާނެ ވަރަށް. އެއީ ހަމަ އެކަނި ޖީއެސްޓީގެ މައްސަލައެއް ނޫން،
އިގްތިސާދީ މާހިރަކު

ރާއްޖެ ފަދަ އިމްޕޯޓަށް މުޅިން ހެން ބަރޯސާ ވެފައި އޮންނަ ގައުމަކަށް މިއީ ބޮޑު ގެއްލުމެކެވެ.

އިންފްލޭޝަނަށް އަންނަ ބަދަލު

ދުނިޔޭގެ ގައުމުތަކުން މުދާ ލިބޭ އަގު ދުވަހަކަށް ވުރެ ދުވަހެއް ބޮޑެވެ. އައިއެމްއެފްގެ ތަފާސް ހިސާބުތަކުން މިކަން ހެކިކޮށްދެއެވެ.

އެގޮތުން 2021 ވަނަ އަހަރުގައި ދުނިޔޭގެ އިންފްލޭޝަން 4.7 ޕަސެންޓްގައި ހުރިއިރު އޭގެ އަހަރެއް ފަހުން، 2022 ވަނަ އަހަރު އިންފްލޭޝަން ރޭޓު ބޮޑު ތަނުން މަތިވިއެވެ. އެ އަހަރުގެ އިންފްލޭޝަން ރޭޓް 8.8 ޕަސެންޓްގައި ހުރިއިރު، މި އަހަރުގެ އިންފްލޭޝަން ރޭޓް އަދި ހުރީ 6.5 ޕަސެންޓްގައެވެ.

ބާޒާރުގައި މިރުސް ކިލޯއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިމިދިޔަ އަހަރަށް ވުރެ މި އަހަރުގެ އިންފްލޭޝަން އަދި ކުޑަ ނަމަވެސް، ކުރިއަށް އޮތް ތަނުގައި ވެސް ތަކެތީގެ އަގު މަތިވާނެ ކަމަށް އިގްތިސާދު ދިރާސާ ކުރައްވާ ގިނަ ބޭފުޅުން ގަބޫލުކުރައްވައެވެ. އެއާއެކު އަނެއްކާ ވެސް ތަކެތީގެ އަގުތައް ދާނީ މައްޗަށެވެ.

މިސާލަކަށް ގްލޯބަލް އިންފްލޭޝަން ދަށް ވިޔަސް، އޭގެ އިތުރު ފެކްޓާ ތަކެއް އެބަ ހުރި. ތެލުގެ އަގު ބޮޑު. ދަތުރު ފަތުރު ކުރުމުގެ އަގު ބޮޑު. އިތުރު ޓެކްސާއި ޑިޔުޓީތައް އޭގެ ތެރެއަށް ވަންނާނެ.

އިގްތިސާދީ މާހިރެއް

މިހާރަށް ބަލާއިރު ދުނިޔޭގެ ތަކެތީގެ އަގު ބޮޑު ވުމުގެ އެންމެ ބޮޑު ސަބަބަކީ ޔޫކްރެއިން އާއި ރަޝިޔާގެ ހަނގުރާމައެވެ. އެކަމުގެ ސަބަބުން ތެލުގެ އަގު ބޮޑު ވުމަކީ، އޭގެ އަސަރު މުޅި ދުނިޔެއަށް ކުރި އަދި ކުރާ ކަމެކެވެ. އެ ކަމުގެ ސަބަބުން މަތިވި ދުނިޔޭގެ އިންފްލޭޝަނަށް އަދިވެސް ހައްލެއް ނުލިބެއެވެ.

މި ދެންނެވި އިންފްލޭޝަންގެ ސަބަބުން އެންމެ ބޮޑު އަސަރެއް ރާއްޖެއަށް ވެސް ކުރީ ތެލުގެ ބާވަތްތަކުންނެވެ. ޓެކްސީ ފެއާގެ އަގު ބޮޑު ވީއެވެ. ޕިކަޕް ދަތުރުތަކުގެ އަގު ބޮޑުވީއެވެ. އެހެން ދަތުރުފަތުރުގެ އަގުތައް ވެސް ބޮޑުވީއެވެ. ކަރަންޓާއި ފެނުގެ ވެސް އަގު ބޮޑުވީއެވެ.

މި އަގުތަކަކީ ވިޔަފާރިވެރިޔާ، އޭނާ ވިއްކާ މުދަލުގެ ތެރެއަށް ލާނެ "ސެކަންޑް ފެކްޓާ" އަގުތަކެވެ. މިކަމުގައި ޢާންމު ރައްޔިތު މީހާގެ ނުވަތަ ގަންނަ މީހާގެ އެއްވެސް މައްސަލައެއް ނެތް ނަމަވެސް، ވިޔަފާރިވެރިޔާ އަކީ ވެސް ދިރިއުޅުމަށް މަސައްކަތް ކުރާ މީހެކެވެ. އެހެން ކަމުން އަތުން ދާ ޚަރަދުތައް ކަވަރު ކުރުމަކީ ވެސް އޭނާގެ ޒިންމާއެކެވެ.

ޑޮލަރުގެ ކަޅު ބާޒާރު

މި ވަގުތު ރާއްޖޭގެ އެކްސްޗޭން ރޭޓް ހުރި ކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކަނީ 15.39 ރުފިޔާއެވެ. ނަމަވެސް، ރާއްޖޭގައި އާންމުކޮށް މި ރޭޓުގައި ޑޮލަރެއް ނުލިބެއެވެ. ޑޮލަރުގެ އަގު ހަމަ ކުރުމަށް، ކަރަންސީ ފްލޯޓް އިތުރު ކުރުމަކީ މުހިއްމު ކަމެއް ކަމުގައި ސަރުކާރުން ދެކޭއިރު، މިއަދާ ހަމައަށް ވެސް އެކަން ނުވެއެވެ.

އަޅުގަނޑު މި ދަންނަވަނީ ރާއްޖޭގެ އިގްތިސާދީ ޙާލަތުން އަރައިގަތުމަށްޓަކައި ޑޮލަރުގެ ފްލޯ އެބަ ޖެހެޔޭ އިތުރު ކުރަން. ކަޅު ބާޒާރުގައި ޑޮލަރު ގަނެގެން، އަގުހެޔޮ ގޮތެއްގައި ވިޔަފާރި ކުރެވޭނެ ކަމަށް ދެކިގެން ނުވާނެ. އެއީ ވިޔަފާރިވެރިޔާއަށް އެކަމުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް.
މާލޭގެ ވިޔަފާރިވެރިއެއް

ސަރުކާރަށް އަދި މާލީ އިދާރާ ތަކަށް ޑޮލަރުގެ ކަރަންސީ ފްލޯޓް އިތުރު ނުކުރެވޭ ސަބަބުތައް އެބަ ހުއްޓެވެ. ދުނިޔޭގެ އިގްތިސާދުގައި ޑޮލަރުގެ ތާށިކަން ބޮޑު ވުމަކީ އެއް ސަބަބެވެ. ރާއްޖޭގެ އިގްތިސާދުގައި ޑޮލަރު ދައުރުވުން މަދުވުމަކީ ދެވަނަ ސަބަބެވެ.

މި ހުރިހާ ކަމަކާ އެކުވެސް، ކަޅު ބާޒާރުގައި 17 ރުފިޔާއަށް ޑޮލަރު ގަނެގެން، އަތުން ދިޔަ ޚަރަދު ފޫބައްދަން ނޫޅެ ވިޔަފާރި ނުކުރެވޭނެއެވެ. ބޮޑު އަގުގައި ބޭރުން ތަކެތި ގެނެސް، ޑޮލަރަށާއި ފްރައިޓަށް ދާ ހަރަދު ފޫ ނުބައްދައި އެކަން ނުކުރެވޭނެއެވެ. މިއީ މިއަދު ރާއްޖެއަށް ވެސް ދިމާވެފައިވާ މައްސަލައެކެވެ.

މީހަކު ބޭރު ފައިސާތަކެއް ހިފައިގެން. --- ސަން ފައިލް ފޮޓޯ

މި ހުރިހާ ކަމަކާއެކު ވެސް، ޖީއެސްޓީގެ ހިއްސާއެއް އެކަންކަމުގައި ވާނެއެވެ. ބޭރުން ގެންނަ މުދާ، ރާއްޖެއަށް ގެންނަ ހިސާބުން އެތަކެތީގައި ޖީއެސްޓީ ހިމެނޭނެއެވެ.

ސުން ރޭޓުގައި ހުންނަ މުދަލުގައި ޖީއެސްޓީ ނުހިމެނުނު ނަމަވެސް، ދުނިޔޭގެ އިގްތިސާދުގައި އެ އުފެއްދުމެއްގެ އަގު މަތި ވުމަކީ ސުން ރޭޓުގައި ޖީއެސްޓީ ނެގޭ މުދަލެއްގެ އަގު މަތި ވެދާނެ ކަމެކެވެ. އެފަދަ ކޮންމެ ކަމަކީ ޢާންމު ރައްޔިތުމީހާގެ ދިރިއުޅުމަށް އެކަމުގެ ސަބަބުން އަސަރު ކުރުވަފާނެ ކަމެކެވެ. އެހެންކަމުން ގަބޫލުކުރަންވީ ހަގީގަތަކީ ތަކެތީގެ އަގު ބޮޑުވަނީ ހަމައެކަނި ޖީއެސްޓީ ބޮޑުވެގެން ނޫންކަމެވެ.

comment ކޮމެންޓް