މިއަހަރު ޙައްޖަށް ދިއުމުގެ ފުރުސަތު ކޮވިޑުގެ ކުރިއެކޭ އެއްގޮތަށް

އެހެން އަހަރުތަކުގައި 2.5 މިލިއަނެއްހާ މީހުން ކޮންމެ ހައްޖު މޫސުމާ އެކު ހައްޖުގެ އަޅުކަން އަދާކުރި ނަމަވެސް މިފަހަރު ހައްޖުގެ އަޅުކަން އަދާކުރަނީ 10،000 އެއްހާ މީހުންނާ އެކު.

މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރުސަތު ދިނުމުގައި ސައުދީ އަރަބިއްޔާއިން އަމަލުކުރާނީ ކޮވިޑް19ގެ ބަލިމަޑު ކަމުގެ ކުރިން އަމަލުކުރަމުން އައި ގޮތަށްކަން އެގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

ކޮވިޑްގެ ކުރިން ޙައްޖުގެ އަޅުކަމުގައި 2.4 މިލިއަން މީހުން ބައިވެރިވިއެވެ. އެކަމަކު، 2019ވަނަ އަހަރު ކޮވިޑްގެ ބަލިމަޑުކަން ފެތުރުމަށްފަހު ޙައްޖަށް މީހުން ގެންދަމުން އައި އަދަދުތަކަށް ސައުދީ ސަރުކާރުން ވަނީ ބަދަލު ގެނެސްފައެވެ.

މައްކާގައި ކޮވިޑް ފެތުރެން ފެށުމުން ބަލި ކޮންޓްރޯލްކުރުމަށްޓަކައި އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު، އެ އަހަރުގެ ޙައްޖުގައި ބައިވެރިވުމުގެ ފުރުސަތު ދިނީ ސައުދީގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން 10،000 މީހުންނަށެވެ.

އެއަށްފަހު 2021ވަނަ އަހަރު ޙައްޖުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ 60،000 މީހުންނަށެވެ. އަދި، ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށްފަހު، މިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި އެއް މިލިއަން މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ސައުދީ ސަރުކާރުން ދީފައިވެއެވެ.

އެގޮތުން، ސައުދީ ނޫން ގައުމުތަކުގެ މީހުންނަށްވެސް ޝަރުތުތަކަކާއެކު ޙައްޖުގައި ބައިވެރިވުމަށް އެގައުމުން ހުޅުވާލިއެވެ. ފާއިތުވި އަހަރު ގައުމުތަކަށް ކޯޓާ ދޫކޮށްފައިވަނީ އޭގެ ކުރިން ދޭ އަދަދުތައް ކުޑަކުރުމަށްފަހުއެވެ.

ކޮވިޑަށްފަހު އާންމު ހާލަތުގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބޭނެ ފުރަތަމަ ފަހަރަށް މިއަހަރު ވެގެންދާއިރު، ސައުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ ޑރ.ތައުފީޤް އަލްރާބިޔާ ވިދާޅުވީ މިއަހަރުގެ ޙައްޖުގެ އަޅުކަން ކުރިޔަށް ގެންދާނީ ކޯވިޑްގެ ކުރިން އޮތް ގޮތަށް އެ އަދަދުތަކާއި އެކުކަމަށެވެ.

ފާއިތުވީ ތިން އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް، މިއަހަރު ޙައްޖުގެ އަޅުކަން ކުރިޔަށް ގެންދާނީ ވަކި އުމެރެއް ނެތި ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ. އަދި ކޮވިޑަށް ޓެސްޓު ކުރުމާއި ސާމްޕަލް ނެގުން ނޯންނާނެ ކަމަށްވެސް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ.

ނަމަވެސް މި އަހަރުގެ ޙައްޖަށް ފުރުސަތު ދޭނެ ވަކި އަދަދެއް ސައުދީން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް މިދިޔަ 2022ވަނަ އަހަރު ރާއްޖެއިން 453 ޙައްޖާޖީން ދިޔައެވެ. މިދިޔަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންގޮސްފައިވަނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުންނެވެ.

comment ކޮމެންޓް