ކާމިޔާބު ކެރިއަރަކަށް ފަހު ފުޓުބޯޅަ ލެޖެންޑު ބޭލް ރިޓަޔާކޮށްފި

ބޭލް ޗެމްޕިއަންސް ލީގު ތައްޓާއެކު---

ކާމިޔާބު ފުޓުބޯޅަ ކެރިއަރަކަށް ފަހު ވޭލްސްގެ ފުޓުބޯޅަ ލެޖެންޑު ގަރެތު ބޭލް، ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކޮށްފިއެވެ.

އޭނާ ފުޓުބޯޅަ ކުޅުން ހުއްޓާލާކަން އިއުލާނުކުރުމަށް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސައުތުއެމްޓަންއިން ޕްރޮފެޝަނަލް ކެރިއާ ފަށައިގެން އެލްއޭ ގެލެކްސީގެ އެންމެ ފަހު މެޗާހަމައަށް އެންމެ މަތީ ފަންތީގައި ފުޓުބޯޅަ ކުޅެން ލިބުމުން ފަހުރުވެރިވާ ކަމަށެވެ.

މީގެ އިތުރުން ވޭލްސްގެ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅެން ލިބުމަކީ ވެސް ލިބުނު ޝަރަަފެއް ކަމަށް ބޭލް ބުންޏެވެ. ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމިއިރު އެންމެ އުނދަގޫވި ދަނޑިވަޅަކީ ވެސް ގައުމީ ޓީމުން ރިޓެއާވާންޖެހުން ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެން ކުޅުނިން އެންމެ މޮޅެތި މޭނޭޖަރުންގެ ދަށުގައި. އަދި އެންމެ މޮޅެތި ކުޅުންތެރިންގެ އެހީތެރިކަމާ ސަޕޯޓަރުންގެ ލޯބި ލިބުނު" ބޭލް ބުންޏެވެ.

ބޭލް ބުނީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި ލިބުނު ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފި ކަމަށެވެ. އެ ކެރިއަރުގައި ލިބުނު ކާމިޔާބީތަކާ މެދު ފަހުރުވެރިވާކަމަށް ވެެސް ބޭލް ބުންޏެވެ.

ބޭލް އެންމެ ފުރަތަމަ ފުޓުބޯޅަ ކެރިއަރުފެށީ ސައުތުއެމްޓަންއިންނެވެ. ދެހާސް ހަ ވަނަ އަހަރު އެ ޓީމަށް ކުޅެންފަށައި ބޭލް ވަނީ އެ ޓީމަށް 40 މެޗު ކުޅެދީ ފަސް ގޯލު ޖަހައިފައެވެ.

ބޭލް އެންމެ ވޭލްސް ގައުމީ ޓީމަށް ކުޅެނީ---

އެ ޓީމަށް ދެއްކި މޮޅުކުޅުމުގެ ސަބަބުން 2007 ވަނަ އަހަރު ޓޮޓެންހަމްއިންވަނީ އޭނާގެ ސޮއި ހޯދައިފައެވެ. ދެހާސް ތޭރަ ވަނަ އަހަރާ ހަމައަށް 146 މެޗު ކުޅެ 42 ގޯލު ބޭލް ވަނީ އެޓީމަށް ޖަހައިދީފައެވެ. އެ މުއްދަތުގައި ބޭލް ވަނީ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އެއް ފަހަރު ހޯދައިފައެވެ.

ޓޮޓެންހަމް ދޫކޮށްލުމަށްފަހު 2013 ވަނަ އަހަރު ބޭލް ވަނީ ރެއާލް މެޑްރިޑަށް ބަދަލުވެފައެވެ. އެ ޓީމަށް އޭނާ ވަނީ 176 މެޗު ކުޅެ 81 ގޯލު ޖަހައިފައެވެ. ދެހާސް އެކާވީސް ވަނަ އަހަރު އެ ޓީމު ދޫކޮށްލުމުގެ ކުރިން ބޭލް ވަނީ ލޯނު އުސޫލުން ޓޮޓެންހަމްއަށް ބަދަލުވެ 20 މެޗުން 11 ގޯލު ޖަހައިފައެވެ.

މިދިޔަ އަހަރު ބޭލް ކުޅެފައިވަނީ އެމެރިކާގެ ލޮސް އޭންޖަލްސް އެފްސީއަށެވެ. އެ ޓީމަށް 12 މެޗު ކުޅެދީ އޭނާ ވަނީ ދެ ގޯލު ޖަހައިފައެވެ.

ބޭލް ކުޅުނު 17 ސީޒަނުގައި އޭނާ ވަނީ 22 ތައްޓެއް އުފުލާލައިފައެވެ. އޭގެތެރޭގައި ފަސް ޗެމްޕިއަންސް ލީގު ވެސް ހިމެނެއެވެ.

comment ކޮމެންޓް