މިދިޔަ ހަފުތާގައި ދައުލަތުގެ ޓެކްސް އިދާރާއަށް 143.9 މިލިއަން ރުފިޔާ ބަލައިގަނެފިއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން މިއަދު ނެރެފައިވާ މިދިޔަ ހަފުތާގައި އެއޮތޯރިޓީއަށް ބަލައިގަތް ޓެކްސް އާމްދަނީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ އެކަކުން ހަތެއްގެ ނިޔަލަށް ޓެކްސް އާއި ފީގެ ގޮތުގައި ޖުމްލަ 143،903،122 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ.
މިދިޔަ ހަފުތާގައި ދައުލަތަށް އެންމެގިނައިން އާމްދަނީ ލިބިފައިވަނީ، ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށްދޫކޮށްފައިވާ ބިންތަކުންނެވެ. މިބައިން އާމްދަނީގެ ގޮތުގައި 56.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ
މިދިޔަ ހަފުތާގައި އެންމެ ގިނައިން އާމްދަނީ ލިބުނީ:
- ޓޫރިޒަމް ޖީއެސްޓީ: 15.9 މިލިއަން ރުފިޔާ
- އާއްމު ޖީއެސްޓީ: 13.7 މިލިއަން ރުފިޔާ
- ގްރީން ޓެކްސް: 12.8 މިލިއަން ރުފިޔާ
- ކޯޕަރޭޓް އިންކަމްޓެކްސް: 12.04 މިލިއަން ރުފިޔާ
މިދިޔަ ހަފުތާގައި ދައުލަތަށް ޓެކްސް އާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ، 143.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ކުރީ ހަފުތާގައި ވަނީ 1.17 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އެ ހަފުތާގައި ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ ބިލިއަނަކަށް އަރާފައިވަނީ، ނޮވެމްބަރު މަހުގެ ޖީއެސްޓީ އެ ހަފުތާގެ ތެރޭގައި ބަލައިގަތުމުންނެވެ.
ނޮވެމްބަރުމަހުގެ ޖީއެސްޓީގެ ގޮތުގައި ޖުމްލަ 683 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ މީރާއަށް ބަލައިގަނެފައެވެ. މީގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި ލިބުނު 495.9 މިލިއަން ރުފިޔާ އާއި އާއްމު ޖީއެސްޓީގެ ގޮތުގައި ލިބުނު 187.1 މިލިއަން ރުފިޔާއެވެ.
މިހާރު ކުރިއަށް މިދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަންކަމުން ކުރިއަށްމިއޮތް ދުވަސްތަކުގައި ޓޫރިޒަމް ސިނާއަތުން ލިބޭ އާމްދަނީ އިތުރުވާނޭކަމަށް ސަރުކާރުން ބުނެއެވެ.