ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރް ކިޔާ މީހަކާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގާ ގޭބަންދު ކުރި ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރު ހުކުމް ތަންފީޒުކޮށް ނިމުމުން މިނިވަންވެއްޖެއެވެ.
އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގާ ދައުލަތުން ވަނީ ޒިންމާދާރު މަގާމުތަކެއްގައި ތިބި އެތައް ބައެއްގެ މައްޗަށް ދައުވާ އުފުލައިފައެވެ. އެ މައްސަލައިގާ ހިމެނޭ ގިނަ ބައެއްގެ ވީޑިއޯވެސް ވަނީ ލީކުކޮށްލައިފައެވެ.
އޭގެ ތެރޭގައި ނާޒިމް ވެސް ހިމެނޭއިރު އޭނާ ޝަރީއަތުގައި ކުށަށް އިއުތިރާފުވެ، ތައުބާވުމުން ކްރިމިނަލް ކޯޓުން މިދިޔަ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހު ހުކުމްކުރީ ތިން މަހާއި 26 ދުވަހަށް ގޭ ބަންދު ކުރުމަށެވެ.
އެ މުއްދަތު މިއަދަށް ހަމަވެ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ އެކަން ލިއުމުން އަންގައިފައެވެ.
މި މައްސަލައާ ގުޅިގެން އަލަމްގީރުގެ މައްޗަށް ވަނީ އެއްޖިންސުން ގުޅުން ހިންގުމާއި އޮރިޔާންކާޑު ހެދުމުގެ 40 ދައުވާ އުފުލައިފައެވެ. އެ ހުރިހާ މައްސަލައަކަށް ވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ. އެހެންވެ، އޭނާ އަންނަނީ ހަތަރު އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
މި މައްސަލައިގައި އެއްޖިންސުން ގުޅުން ހިންގި މީހުންނަށް ދައުވާ ކުރި ނަމަވެސް ބްލެއިކްމެއިލްކުރި މައްސަލަަައިގައި ހެކި ނެތް ކަމަށް ބުނެ ވަނީ ފައިލްކޮށްފައެވެ.