ކުޑަކުދިންނަށް ކުރާ އަނިޔާގެ އެކި ބާވަތުގެ 107 މައްސަލައާއެކު ޖުމްލަ 252 މައްސަލަ މިދިޔަ ނޮވެމްބަރު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ފާއިތުވި އޮކްޓޯބަރު މަހާއި އަޅާ ބަލާއިރު ނޮވެންބަރު މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ވަނީ ބޮޑު ތަނުން އިތުރުވެފައެވެ. މިގޮތުން އޮކްޓޯބަރު މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ އެކި ބާވަތުގެ 79 މައްސަލައެއްވަނީ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ އެކި ބާވަތުގެ 107 މައްސަލައެއް ނޮވެންބަރު މަހު ބަލާފައިވާއިރު މީގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުވުމުގެ 28 މައްސަލަ ވަނީ ހުށަޅާފައެވެ.
މީގެ އިތުރުން ޖިންސީ ހާނިއްކައިގެ 25 މައްސަލައަކާއި ޖިސްމާނީ ހާނިއްކައިގެ 18 މައްސަލައަކާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 17 މައްސަލައަކާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ އެއް މައްސަލަ އަދި ނަފްސާނީ ހާނިއްކައިގެ ނުވަ މައްސަލަވަނީ ހުށަހަޅާފައެވެ.
އަދި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ތިން މައްސަލައަކާއި ބިރުދެއްކުމުގެ ދެ މައްސަލައަކައި ކުޑަކުދިނަނަށް ޖިންސީ ގްރޫމް ކުރުމުގެ ދެ މައްސަލައަކާއި އިންޓަނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ގްރޫމް ކުރުމުގެ މައްސަލަ އަކާއި ނަހަމަ ގޮތުގައި ކުދިން ބޭނުންކުރުމުގެ މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.
މި އަދަދުތަކަށް އެކަނި ބަލާލުމުންވެސް ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރުވެފައިވާ މިންވަރު ހާމަވެއެވެ. އެއް މަހުން އަނެއް މަހަށް އިތުރުވަމުންދާ މިފަދަ މައްސަލަތައް ހުއްޓުވުމަށްޓަކައި ޖެންޑާ މިނިސްޓްރީން އަންނަނީ މަސައްކަތްކުރަމުންނެވެ.
ހަމަ މިއާއެކު ކުޑަކުދިންގެ އަޚުލާގާ ގުޅުން ހުރި 20 މައްސަލައަކާއި ޙައްޤުތަކުން ކުޑަކުދިން މަހުރޫމްކުރުމުގެ ފަސް މައްސަލައެއްވެސް ވަނީ ހުށަހަޅާފައެވެ.
ނޮވެންބަރު މަހު ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ އިތުރު މައްސަލަތައް:
- ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުގެ ގޮތުގައި ތިން މައްސަލަ
- ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމާ ގުޅޭ ދެ މައްސަލަ
- ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 22 މައްސަލަ
- އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 25 މައްސަލަ
- ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 50 މައްސަލަ
- އާއިލީ މައްސަލަތަކާ ގުޅުން ހުރި 18 މައްސަލަ
ނޮވެންބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމްލަ އަދަދަކީ 189 ކުދިންނެވެ. ނޮވެމްބަރު މަހުގައި ދައުލަތަށް އަލަށް ހަތް ކުއްޖަކު ނެގިފައިވާއިރު އެއް ކުއްޖަކު އަލުން އާއިލާއާ ހަވާލުކޮށްފައިވެއެވެ. އަދި 18 އަހަރު ފުރުނު ކުއްޖަކަށް ވަނީ ވަޒީފާ ހޯދައިދީފައެވެ.