ބްރަޒިލިޔާ (9 ޑިސެންބަރު 2022) : ބްރަޒީލްގެ ކުރީގެ ރައީސް ޖައިރު ބޮލްސޮނާރޯއަށް ތާއީދުކުރާ ފަރާތްތަކުން އެގައުމުގެ މިހާރުގެ ސަރުކާރު ވައްޓާލަން ހިންގި ޣައިރުގާނޫނީ ހަރަކާތްތައް ކޮންޓްރޯލް ކުރެވިއްޖެކަމަށް އެގައުމުގެ އާ ރައީސް ލޫލާ ދަސިލްވާ ވިދާޅުވެއްޖެއެވެ.
ދަ ސިލްވާ ވިދާޅުވީ އޭނާގެ ވެރިކަން ފުރޮޅާލުމަށްޓަކައި ރިޔާސީ ގަނޑުވަރާއި ޕާލަމެންޓްގެ ދެގެއަށާއި އަދި ސްޕްރީމްކޯޓަށް އަރައިގަތް މީހުންތައް ކޮންޓްރޯލްކޮށް ވެރިރަށް ބްރަޒިލިޔާގައި ހިންގި ހަމަނުޖެހުންތައް މައިތިރިކުރުމުގައި ސަލާމަތީ ބާރުތައް ކާމިޔާބު ހޯދައިފިކަމަށެވެ.
ބްރަޒިލްގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ލޫލާ ދަސިލްވާ އެގައުުމުގެ ރައީސް ކަމުގެ ހުވާކުރެއްވީ މި ޖަނަވަރީ މަހުގެ ދެވަނަ ދުވަހުއެވެ. އެއީ މިދިޔަ ހަފުތާގައެވެ. މަގާމުން ވަކިވެވަޑައިގެންނެވި ރައީސް ޖައިރު ބޮލްސޮނާރޯ މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ބްރަޒީލްގައި ބަޣާވާތްކުރި މީހުން ދައުލަތުގެ މުއައްސަސާތަކަށް އަަރައިގަނެ ހަމަނުޖެހުން ހިންގަނީ
ދަސިލްވާ ހުވާކުރުމުގެ ރަސްމިއްޔާތު ފެށުމުގެ ކުރިން ބޮލްސޮނާރޯވަނީ އަވަސް އަރުވާލައިގެން ގައުމު ދޫކޮށް އެމެރިކާއަށް ވަޑައިގެންފައެވެ. އޭގެ ދެތިން ދުވަސްފަހުން ބޮލްސޮނާރޯގެ ސަޕޯޓަރުންގެ އެތަށް ހާސްބަޔަކު ވެރިރަށް ބްރަޒީލިޔާގައި މުޒާހަރާކޮށް ރިޔާސީ ގަނޑުވަރާއި ޕާލަމެންޓްގެ ދެގެއާއި އަދި ސްޕްރީމްކޯޓު ހިސާރުކޮށް ދަސިލްވާގެ ވެރިކަން ގަދަބާރުން ވައްޓާލުމުގެ ވަރުގަދަ ހަރަކާތެއް ހިންގަންފެށިއެވެ.
މިހަރަކާތުގައި ބައިވެރިވި ގިނަބަޔަކު އެންމެފަހުންވަނީ މިތަންތަނަށް ގަދަބާރުން އަރައިގަނެ (2021 ވަނައަހަރު ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ކޮންގްރެސްއަށް އަރައިގަތް ގޮތަށް) ދަސިލްވާ ގެ އިސްތިއުފާއަށް ގޮވައި އޭނާ މަގާމުން ދުރުކުރުމަށް ބްރަޒިލްގެ ސަލާމަތީ ބާރުތަކުގެ ކިބައިން އެދިފައެވެ.
ނަމަވެސް ބްރަޒީލްގެ ފެޑްރަލް ބާރުތަކާއި ސަލާމަތީބާރުތައް ވަނީ އެމީހުންނަށް އިޖާބަ ދިނުމުގެ ބަދަލުގައި ބްރަޒިލްގެ ޝަރުއީ ސަރުކާރު ދަމަހައްޓައި ބޮލްސޮނާރޯގެ ސަޕޯޓަރުންނާ ކުރިމަތިލައި އެމީހުން އެތަންތަނުން ނެރެ އޭގެ ތެރެއިން އެތަށް ސަތޭކަ ބަޔަކު ހައްޔަރުކޮށް އަނެއްބައި މީހުން ބާރުގެ ބޭނުންކޮށްގެން ފައްސައި ވިއްސިވިހާލިކޮށްލައި ވެރިރަށް ބްރަޒިލިޔާގައި އަމަން ގާއިމްކޮށްފައެވެ.

ބްރަޒީލްގެ ފެޑްރަލް ބާރުތައް ބަޣާވާތްކުރި މީހުންނާ ކުރިމަތިލަނީ
ބްރަޒީލްގެ ދާޚިލީ ވަޒީރު ލުއިސް އިނާސިޔޯ ވަނީ ހަމަނުޖެހުން އުފައްދައި ދައުލަތުގެ މުއައްސަސާތަކަށް އަރައިގަތް މީހުންގެ މައްޗަށް ބަޣާވާތަކުން ސަރުކާރު ވައްޓާލަން މަސައްކަތްކުރުމުގެ ތުހުމަތުކުރައްވައިފައެވެ.
އިނާސިޔޯ ވިދާޅުވިގޮތުގައި ބަޣާވާތަކުން ބްރަޒީލްގެ ވެރިކަން ވައްޓާލަން މަސައްކަތްކުރިކަމުގެ ތުހުތު، ހަމަނުޖެހުން އުފައްދައި ދައުލަތުގެ މުއައްސަސާތަކަށް އަރައިގަތް މީހުންގެ މައްޗަށް ރަސްމީގޮތުން ކުރެވޭނެއެވެ. މިކަން ދައުލަތުގެ ޕަބްލިކް ޕްރެސެކިއުޓަރު ކުރިޔަށް ގެންދަވާނެއެވެ. މިބައިމީހުންނަކީ ކުރީގެ ރައީސް ބޮލްސޮނާރޯ އަށް ތާއީދުކުރާ ނާޒީންނާއި ފޭސިސްޓުންކަމަށް ބްރަޒީލްގެ ދާޚިލީ ވަޒީރު އިނާސިޔޯވަނީ ސިފަކުރައްވާފައެވެ.
ނަމަވެސް މި ތުހުމަތުތަކަށް ބޮލްސޮނާރޯ ވަނީ އިންކާރު ކުރައްވައިފައެވެ. އެމެރިކާގެ މިޔާމީގައި ހުންނަވައިގެން ކުރެއްވި ޓްވީޓެއްގައި ބޮލްސޮނާރޯ ވިދާޅުވީ ވެރިރަށް ބްރަޒިލިޔާގައި ހަމަނުޖެހުން އުފައްދައި ދައުލަތުގެ މުއައްސަސާތަކަށް އަރައިގަނެ ރައީސް ލޫލާ ދަސިލްވާގެ ވެރިކަން ގަދަބާރުން ވައްޓާލަން މަސައްކަތްކުރި މީހުންނާ އޭނާއާ އެއްވެސް ގުޅުމެއްނެތް ކަމުގައެވެ.
ބަޣާވާތް ނާކާމިޔާކޮށްލުމާ ގުޅިގެން ސައުޕާލޯގައި ހުންނަވައިގެން ގައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބެއްގައި ރައީސް ދަސިލްވާ ވިދާޅުވީ ގައުމުގެ އަމަނާބެހޭ ކަންކަން ހަމައަކަށް އެޅުވުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި މި ޖަނަވަރީ މަސް ނިމެންދެން ބްރަޒިލިޔާގެ ފުލުހުންނާއެކު ހަރަކާތްތެރިވުމަށް ބްރަޒިލްގެ ފެޑްރަލް ބާރުތަކަށް އޭނާ އަމުރު ކުރައްވާފައިވާނެ ކަމުގައެވެ.
ބްރަޒީލްގެ އާ ރައީސް އުމުރުފުޅުން 77 އަހަރުގެ ލޫލާ ދަ ސިލްވާއަކީ މީގެ ކުރިންވެސް ދެ ދައުރެއްގައި އެގައުމުގެ ރައީސްކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ރައީސްކަން ކުރައްވާފައިވަނީ 2003 އިން 2010 އަށެވެ. އޭނާގެ ރައީސްކަމުގައި ބްރަޒިލްގެ ފަގީރުންގެ އެތަށް މިލިޔަން އާއިލާއެއްގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ ފަގީރުކަމުން އަރައިގަނެ މެދުފަންތީގެ އާއިލާތަކަށް ބަދަލުވެފައިވެއެވެ.
ނަމަވެސް އެންމެފަހުން ވެރިކަމުން ފާބައިވަޑައިގެންނެވި ޖައިރު ބޮލްސޮނާރޯގެ ވެރިކަމުގައި ބްރަޒީލްގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.