ރައީސް ސާލިހްގެ ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަނީ ނަހަމަ ގޮތުގައި: ޓްރާންސްޕޭރެންސީ

އެމްޑީޕީގެ ކޮންގްރެސްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު -- ފޮޓޯ/ އެމްޑީޕީ

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް ސާލިހްގެ ކެމްޕެއިން ހަރަކާތްތަކާ ގުޅިގެން، ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާއިން މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޓްވީޓުތަކުގައި ރައީސްގެ ކެމްޕެއިންގައި ބޭނުންކުރާ ހޭޝްޓެގްފަދަ އިބާރާތްތައް ބޭނުންކުރުން ކުށްވެރިކުރާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 46 އަދި 47 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ދައުލަތުގެ އެއްވެސް އިމާރާތެއް ނުވަތަ މުދަލެއް ނުވަތަ ވަސީލަތެއް، ވަކި ސިޔާސީ ޕާޓީއެއްގެ ބޭނުމަށް ނުވަތަ ޕާޓީގެ ފައިދާއަށްޓަކައި ބޭނުންކުރުމަކީ މަނާކަމެއްކަން ފާހަގަކޮށް ޓްރާންސްޕޭރެންސީން ބުނީ، އެފަދައިން ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމަކީ އިންތިޚާބެއްގެ ނަޒާހަތްރެރިކަން ގެއްލި، ވޯޓުލާ ފަރާތްތަކަށް ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު ކެންޑިޑޭޓެއް އިހްތިޔާރު ކުރުމުގެ ހައްގަށް ބުރޫ އަރާކަމެއް ކަމަށެވެ.

އަދި، ރައްޔިތުންގެ ހަރަދުގައި ވަކި ޕާޓީއަކަށް ނުވަތަ ވަކި ފަރާތަކަށް ފައިދާވާނޭހެން ކެމްޕޭން ހަރަކާތްތައް ބޭއްވުމާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ކޮންމެ އިންތިޚާބަކާ ގުޅިގެން އެޖަމިއްޔާގެ އިލެކްޝަން އޮބްޒަވޭޝަންތަކުގައި ފާހަގަކޮށް ކުށްވެރިކުރަމުން އަންނަކަމެއް ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ އެ މައްސަލަ ހައްލުކުރުމަށް ގާނޫނަށް ގެނަން ޖެހޭ ބަދަލުތައް ގެނައުމަށާއި އެފަދަ މައްސަލަތައް ބަލަންޖެހޭ އިދާރާތައް ޒިންމާދާރު ކުރުމަށް ވަކާލާތު ކުރި ނަމަވެސް، ކޮންމެ ސަރުކާރަކުން ވެސް އެ ގޮވާލުންތަކަށް ބީރު ކަންފަތެއްދީ، މިނިވަން އިންސާފުވެރި އިންތިޚާބީ މާހައުލެއް ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަން ފަސްޖެހޭ ކަމަށެވެ.

މި ސަރުކާރު އިންތިހާބުވީ "ޒީރޯ ޓޮލަރަންސް ޓު ކޮރަޕްޝަން" ސިޔާސަތެއް އެކުލަވާލާ ކޮރަޕްޝަން ނައްތާލަން މަސައްކަތް ކުރުމަށް ވައުދުވުމަށްފަހު. ސަރުކާރުން ވެރިކަމަށް އައިފަހުން ބޭއްވުނު ކޮންމެ އިންތިހާބެއްގައި ވެސް ފެނިގެން ދަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް ރައްޔިތުންގެ އިންތިހާބީ ހައްގުތަކަށް އަރައިގަންނަ ތަން. ޓްރާންސްޕޭރެންސީ މޯލްޑިވްސް

ޓްރާންސްޕޭރެންސީން ބުނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލައި، އިންތިހާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއެކު ސަރުކާރުން ކޮރަޕްޝަން ނައްތާލަން ކޮށްފައިވާ ވައުދުތަކާ އެއްގޮތަށް އަމަލުކުރަން ގޮވާލާ ކަމަށެވެ.

ޓްރާންސްޕޭރެންސީން މިފަދަ ބަޔާނެއް ނެރެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެސް ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން، ދާދިފަހުން ރަސްމީ ދަތުރުފުޅެއްގައި އަތޮޅުތެރެއަށް ވަޑައިގެން ކެމްޕެއިން ޖަލްސާއެއްގައި ރައީސް ސާލިހް ބައިވެރިވެވަޑައިގެންނެވުމުން ރައީސް ނަޝީދު ވަނީ ފާޑުވިދާޅުވެފައެވެ.

comment ކޮމެންޓް