މާފުށީ ޖަލުގައި ހިންގި މާރާމާރީއެއްގައި ގައިދީއަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި

މާފުށީ ޖަލު --- ފޮޓޯ/ ދުވަސް އޮންލައިން

ކ. މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ދެ ގައިދީއެއްގެ މެދުގައި މާރާމާރީއެއް ހިންގައި އެކަކު ޒަޚަމްކޮށްލައިފިއެވެ.

މާފުށީ ޖަލުގައި މާރާމާރީ ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރުގައެވެ.

ފުލުހުން ބުނީ ގައިދީންތަކެއްގެ މެދުގައި ހިންގި އެ މާރާމާރީގައި އޭގެ ތެރެއިން ގައިދީއެއްގެ އަނގަމަތި ފަޅައިގެންދިޔުން ފިޔަވާ އިތުރު މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.

"މާރީމާރީގައި ތޫނު އެއްޗެއް ބޭނުން ކުރިކަން މިހާތަނަށް ބެލި ބެލުމުން އެނގިފައެއް ނުވޭ،" ފުލުހުން ބުންޏެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އައިމިނަތު ޔުޝްރީން އަހުމަދު "ސަން"އަށް މިރޭ ވިދާޅުވީ މާފުށީ ޖަލުގެ ގޮޅިއެއް ތެރޭގައި ދެ ގަދީންގެ މެދުގައި ހިންގި މާރާމާރީ އޮފިސަރުން ހުއްޓުވާފައިވާ ކަމަށެވެ.

"ޖަލުގައި މިއަދު ހިންގި މާރާމާރީ ކަރެކްޝަންސްގެ އޮފިސަރުން ވަނީ ހުއްޓުވާފަ. އަދި އަނިޔާވި ގައިދީ މާލެ ގެނެސް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުން. ހާލު ސީރިޔަސްއެއް ނޫން،" ޔުސްރީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މާރާމާރީއާ ގުޅުން ހުރި ކަމަށް ބުނެ ދައުރުވަމުން އަންނަ ފޮޓޯއަކީ ސައްހަ ފޮޓޯއެއް ނޫން ކަމަށެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް