އަނިޔާވެފައި ހުންނަ ވެލާ ކަހަނބު ރާއްޖެއިން ބޭރުކުރުން މެދުކަނޑާލައިފި

ނައިފަރު ޖުވެނައިލްގެ އެޓޯލް މެރިން ކޮންވަޒޭޝަން ސެންޓަރުގައި އުފެދުމުގައި އައިބު ހުރި ވެލައެއް -- ސަން ފޮޓޯ

އަނިޔާވެފައި ހުންނަ ވެލާ ކަހަނބު ރާއްޖެއިން ބޭރުކުރުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ހުއްދަ ދިނުން ވަގުތީ ގޮތުން މެދުކަނޑައިލައިފިއެވެ.

އީޕީއޭގެ ސީނިއާ އެންވަޔަރަމަންޓް އެނަލިސްޓް އީނާސް މުހައްމަދު ރިޔާދު "ސަން"އަށް މިއަދު ވިދާޅުވީ، ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުންތަކާމެދު އަމަލުކުރާނެ ގޮތުގެ ރެގިއުލޭޓަރީ ގައިޑްލައިން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.

އަދި އެ ގައިޑްލައިން ކުރިއަށް އޮތް އެޕްރީލް މަހުގެ ތެރޭ ގެޒެޓުކުރުމަށް މަސައްކަތްކުރަމުން އަންނަަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީޕީއޭއިން ބުނީ، އެ އެޖެންސީއަށް ވެލާ ކަހަނބު ރާއްޖެއިން ބޭރުކުރުމަށް ޓަކައި އެޕްލިކޭޝަންތައް ލިބެމުން އަންނަކަމަށެވެ. ނަމަވެސް އެ ކަމަށް ހުއްދަ ދެނީ ބަލަންޖެހޭ އެންމެހާ ކަންތައްތަކަށް ބެލުމަށްފަހުކަމަށް އެ އެޖެންސީން ބުންޏެވެ.

"އެހެންވީމާ ހުރިހާ ކަމެއް ސްޓޭންޑަޑައިޒް ކުރެވެންދެން އެކަހަކަ ޕާމިޓްތައް ހޯލްޑުކޮށްފައި އެހުރީ،" އީނާސް ވިދާޅުވިއެވެ.

ރާއްޖޭގައި ވެލާ ކަހަނބު ރިހެބިލިޓޭޓްކޮށް ބަލަހައްޓާ ތިން ސެންޓަރެއް ހުރެއެވެ. އެއިން ކޮންމެ ސެންޓަރަކަށް އެންމެ މަދުވެގެން އެއް ވެލާ ކަހަނބު ރިލޮކޭޓްކުރުމަށް ވަނީ ހުއްދަ ދީފައެވެ.

ވެލާ ކަހަނބު ހިފުމަކީ ރާއްޖޭގައި މަނާކަމެކެވެ. އެހެންނަމަވެސް ދަލުގައި ނުވަތަ އޮޔާދާ ކުނިގަނޑުގައި ޖެހި، ތާށިވެ އަނިޔާވެފައި ހުންނަ ކަހަނބު އަންނަނީ މަދުން ނަމަވެސް ރާއްޖޭގައި ފެންނަމުންނެވެ.

އެފަދަ ވެލާ ކަހަނބު ގެންދަނީ އެއަށް ފަރުވާ ދެވޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ސެންޓަރަށެވެ. ފަރުވާއަަށްފަހު ވެސް ބާކީ ދުވަސްތަކުގައި އެ ނުކުޅެދުންތެރިކަމުގައި އެފަދަ ވެލާ ކަހަނބުތަކަށް އުޅެން ޖެހެއެވެ.

އެހެންވެ އޭގެ ގުުދުރަތީ މާހައުލަށް ދޫކޮށްލުމުގެ ބަދަލުގައި އެ ފޮނުވަނީ ރާއްޖޭން ބޭރުގައި ހުންނަ އާޓިފިޝަލް އެކުއޭރިއަމް ތަަކަށެވެ.

comment ކޮމެންޓް