މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް އެއް ދުވަސް ތެރޭ ތިން ލައްކަ ރުފިޔާ

މާލޭގެ މިސްކިތެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ރަމަޟާންމަހަށް މާލޭ ސިޓީގެ މިސްކިތްތައް މަރާމާތުކޮށް ޒީނަތްތެރިކުރުމަށް ސިޓީ ކައުންސިލުން އިއްޔެ ފެށި 'ފަންޑް ރެއިސިން' ހަރަކާތުގެ ތެރެއިން އެއް ދުވަސް ތެރޭގައި ޖުމްލަ 313،397.90 ރުފިޔާ ލިބިއްޖެއެވެ.

"ޗާލު މިސްކިތް" މި ނަމުގައި ކުރިއަށްގެންދާ ހަރަކާތް މިރޭ ނިމޭނެއެވެ.

އާޓިފިޝަލް ބީޗުގައި ބާއްވާ މި ހަރަކާތުގެ ތެރެއިން ފަންޑު ފޮށިތަކެއް ވަނީ ބަހައްޓާފައެވެ. އެހީތެރިވާން ބޭނުންވާ ފަރާތްތަކުން މާލޭ ސިޓީ ކައުންސިލްގެ އެކައުންޓް ނަމްބަރު 7730000467623 އަށް ވެސް ފައިސާ ޖަމާކުރެވޭނެއެވެ. މީގެ އިތުރުން ސިޓީ ކައުންސިލުން ތައްޔާރުކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ފައިސާ ފޮނުވުމުގެ މަގުވެސް ވަނީ ފަހިކޮށްދީފައެވެ. އޮންލައިންކޮށް ފައިސާ ދެއްކުމުގައި ސްލިޕް 7265050 އަށް ވައިބާ ކުރަންޖެހޭނެއެވެ. އަދި ސްލިޕް ވައިބާ ކުރާއިރު ރިމާކްސްގައި "މިސްކިތްތަކަށްވާ އެހީ" ނުވަތަ "ޑޮނޭޝަންސް ފޯ މޮސްކް ރިނޮވޭޝަން" ލިޔުމަށް ސިޓީ ކައުންސިލުން އެދެއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މިފަދަ ކަމަކަށް އާންމު ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި ކުޅިވަރާއި މިއުޒިކު ޝޯތަކަށްވުރެ މިފަދަ ކަމަކަށް އެހީވުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ސިޓީ ކައުންސިލުން ފާހަގަކުރިއެވެ.

މިސްކިތްތަށް މަރާމާތުކުރުމަށް ބާއްވާ ޓެލެތޯންގައި ކުރިއަށްގެންދާ ސްޓޯލެއްގައި ކުޑަ ކުއްޖަކު -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

މި ހަރަކާތުގެ ތެރެއިން މާލޭ ސިޓީ ކައުންސިލުން މަރާމާތުކުރުމަށް ހަމަޖެހިފައިވާ 26 މިސްކިތުގެ މައުލޫމާތުތައް ލިބޭނެ ސްޓޯލްތަކެއްވެސް ވަނީ ބަހައްޓާފައެވެ. މި ސްޓޯލްތަކުން ވަކި ވަކި މިސްކިތްތައް މަރާމާތުކުރުމަށް އަރާނެ ޚަރަދާއި މަރާމާތުކުރުމަށް ބޭނުންވާ ތަކެތީގެ މައުލޫމާތުވެސް ލިބޭނެއެވެ.

ސިޓީ ކައުންސިލުން ބުނީ އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން އެހީތެރިކަން ދިނުމަށް ވަކި މިސްކިތެއް ޚިޔާރުކުރާނަމަ އެ ފުރުސަތުވެސް ލިބޭނެކަމަށެވެ. އަދި މިސްކިތްތަކަށް ބޭނުންވާ ތަކެތި ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތެއްނަމަ އެކަން ކުރުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ފަންޑް ރެއިސިން ހަރަކާތަށްފަހުވެސް މާލީ ގޮތުންނާއި ތަކެތީގެ ގޮތުގައި އެހީތެރިކަން ފޮރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ސިޓީ ކައުންސިލަށް ޒިޔާރަތްކޮށްގެން އެހީތެރިވުމުގެ ފުރުސަތު އޮންނާނެކަމަށް އެ ކައުންސިލުން ބުންޏެވެ.

މި ހަރަކާތުގެ ތެރެއިން ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއްވަނީ ކުރިއަށްގެންގޮސްފައެވެ. އޭގެ ތެރޭގައި ތަފާތު އެކި ކަހަލަ ގޭމްތައް ހިމެނެއެވެ.

comment ކޮމެންޓް