ގައުމީ ޓެނިސް ތަރިި ނަބާއާއެކު ޓެނިހުގެ ޒުވާން ޓީމު ސަރަހައްދީ މުބާރާތެއްގެ ކޮލިފިކޭޝަނަށް

އައިޓީއެފް އޭޝިއާ 14 އެންޑް އަންޑާ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕުގެ ރީޖަނަލް ކޮލިފައިންގައި ވާދަކުރުމަށް ބަންގަލްދޭޝްއަށް ދިޔަ ރާއްޖޭގެ ޓީމު --ފޮޓޯ/ޓޭމް

ޒުވާން އުމުރެއްގައި ރާއްޖޭގެ ކުޅިވަރުގެ ތާރީޚުން ޖާގަ ހޯދި އުމުރުން 12 އަހަރުގެ ނަބާ ނިޝާން ހިމެނޭހެން، 14 އަހަރުން ދަށުގެ ގައުމީ ޓެނިސް ޓީމުން ސަރަހައްދީ ބޮޑު މުބާރާތެއްގެ ކޮލިފައިންގައި ވާދަކުރުމަށް ބަންގްލަދޭޝްއަށް ގޮސްފިއެވެ.

މި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ދެމެދު ބަންގްލަދޭޝްގައި ކުރިއަށްދާ، އައިޓީއެފް އޭޝިއާ 14 އެންޑް އަންޑާ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕުގެ ރީޖަނަލް ކޮލިފައިންގައި ވާދަކުރުމަށް އެ ގައުމަށް ފުރި ޓީމުގައި ނަބާގެ އިތުރުން ދެން ހިމެނެނީ އިމާނީ މޫސާ ކަލީމްއާއި މުހައްމަދު ނޫހް ނާޒިހްގެ އިތުރުން އާދަމް އާލް ނިޔާޒްއެވެ.

މި ކުޅުންތެރިންނަށް އިރުޝާދުދިނުމަށް ކޯޗެއްގެ ގޮޮތުގައި ހަރަކާތްތެރިވާނީ ކުމާރް އަދިކާރީއެވެ.

ފަހަކަށް އައިސް ރާއްޖޭއިން ޓެނިހުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ޗެލެންޖުގައި ވެސް ރާއްޖެއަށް ރަނގަޅު ކާމިޔާބީއަކާ ހަމައަށް ވާސިލްވުމުގެ ފުރުސަތު ބޮޑެވެ.

ބަންގްލަދޭޝްގައި ކުރިއަށްދާ މި އިވެންޓުގައި ރާއްޖެއާއި ބަންގްލަދޭޝްގެ އިތުރުން ދެން ވާދަކުރުމުގެ ފުރުސަތު ދީފައިވަނީ ބޫޓާން، ބްރޫނާއި، ކެމްބޯޑިއާ، ޗައިނާ، ޗައިނީސް ޓައިޕޭ، ޖަޕާން، ލާއޯސް، މަކާއު، މޮންގޯލިއާ، މިޔަންމާ، ނޭޕާލް، ޕާކިސްތާންގެ އިތުރުން ސިންގަޕޫރާއި ޓިމޯ-ލެސްޓް އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް