ވިއްސާރައާއި ކަރަންޓުގެ މައްސަލައެއް ކުރިމަތިވެ އަލް ނަސްރުގެ މެޗެއް ފަސްކޮށްފި

އަލް ނަސްރުގެ ޖާޒީގައި ރޮނާލްޑޯ ދައްކާލުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާގެ ގޮތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމަކަށް ގެނައި އަލް ނަސްރުން، ސައުދީ ލީގުގައި ކުޅެން އޮތް މެޗެއް ފަސްކުރަން ޖެހިއްޖެއެވެ.

މި މެޗު ފަސްކުރީ، މޫސުން ގޯސްވެ ވަރަށް ބޮޑަށް ވިއްސާރަ ކުރުމުގެ ސަބަބުން ކަރަންޓުގެ މައްސަލަތަކެއް ކުރިމަތިވެ، މެޗު ކުޅެވޭނެ ހާލަތެއް ދަނޑުގައި ނެތުމުންނެވެ.

އެ ކުލަބުން މީސްމީޑިއާގައި ބުނެފައިވާ ގޮތުގައި، އަލް ތާއީއާ ދެކޮޅަށް ކުޅެން އޮތްމެޗު، މެޗު ކުޅެވޭނެ މާހައުލެއް ނެތުމުން ފަސްކޮށްފައިވާކަން އެކުލަބަށް ވަނީ އަންގާފައެވެ. އަދި މެޗު ކުޅޭނީ މި މެޗު ކުޅެން ފުރަތަމަ ތާވަލުކުރި ގަޑީގެ 24 ގަޑިއިރު ފަހުންކަން އަންގާފައިވާ ކަމަށް ވެސް އެ ކުލަބުން ބުނެއެވެ.

އަލް ނަސްރުން ކުޅެންއޮތް މި މެޗު ފަސްކޮށްފައިވާއިރު، މިއީ އެ ޓީމުން ރޮނާލްޑޯގެ ސޮއި ހޯދައި، އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ދައްކާލިފަހުން ކުޅެން އޮތް ފުރަތަމަ މެޗެވެ. މި މެޗު ތާވަލާ އެއްގޮތަށް ކުޅުނު ނަމަވެސް، މި މެޗުގައި ރޮނާލްޑޯއަށް ކުޅުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

އެއީ އޭނާ މެންޗަސްޓާ ޔުނައިޓެޑާއެކު ހޭދަކުރި ދުވަސްތަކުގެ ތެރޭގައި، އިނގިރޭސި ޕްރިމިއާ ލީގުގައި އެ ކުލަބުން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗަކަށްފަހު، ރޮނާލްޑޯ. އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު އެއްލައިލުމާ ގުޅިގެން އޭނާއަށް ފިޔަވަޅު އަޅާފައިވާތީއެވެ. އެގޮތުން ދެ މެޗަށް ސަސްޕެންޑު ކުރުމާއެކު، ރޮނާލްޑޯ 50،000 ޕައުންޑުން ޖޫރިމަނާކުުރުމަށް އިނގިރޭސި އެފްއޭއިން ވަނީ ނިންމާފައެވެ. އެ އަދަބު ރޮނާލްޑޯއަށް ދިނީ، ޔުނައިޓެޑާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އުވާލިފަހުންނެވެ.

މި އަދަބު އޭނާ އެހެން ގައުމެއްގެ ލީގުގައި ކުޅުނުނަމަ ވެސް ތަންފީޒުކުރަން ޖެހެއެވެ.

އެހެންކަމުން ބެލެވޭ ގޮތުގައި އަލް ނަސްރުގެ ޖާޒީގައި ރޮނާލްޑޯ ފެނުމުގެ ފުރުސަތު އޮތީ މި މަހުގެ 22 ވަނަ ދުވަހު އެއްތިފާގްއާ ދެކޮލަށް ކުޅޭ މެޗުގައެވެ. އެ މެޗަށްފަހު އަލް ނަސްރަށް ދެން އޮތީ ސައުދީ ސުޕާ ކަޕުގައި އަލް އިއްތިހާދާ ދެކޮޅަށް ސެމީ ފައިނަލުގައި ނުކުންނަން އޮތް މެޗެވެ.

comment ކޮމެންޓް