ގޯނާއެއްގެ ސަބަބުން އެންޒައިޓީގައި ހަފުސްވަނީ!

މާޔޫސްވެފައި އަންހެނެއް-- ރާއްޖޭގެ ބޮޑެތި އިޖުތިމާއީ މައްސަލަތައް ގުޅިފައިވަނީ ނަފްސާނީ ބަލިތަކާ-- ފޮޓޯ: ޝަޔާހް ޝަފީގް

އޭނާއަކަށް ވާނުވާއެއް ނޭނގެއެވެ. ރުޅިގަދަ ވެގެން ގޮސް މީހުންނަށް އަނިޔާވެސް ކުރެވެއެވެ. ބައެއް ފަހަރު ތޫނު އެއްޗެހި ވެސް ނެގެނީއެވެ. ވަޅިއާއި ކަތުރުތައް ފޮރުވާ ހިސާބަށް ވެސް ދަނީއެވެ. ދައްކާ ވާހަކަ އަޑެއް ނީވެއެވެ. ނޭވާ ނުލެވޭ ކަމަށް ބުނާނެއެވެ. ބެލްކަނިން ފުންމާލަން ވެސް އެތައް ފަހަރަކު މަސައްކަތް ކޮށްފިއެވެ. ވާނުވާ ނޭންގި އަމިއްލަ ނަފްސަށް ގެއްލުން ދެވޭ ފަހަރުވެސް މަދެއް ނޫނެވެ. ނަމަވެސް ފަހުން އެކަމާ ދެރަވެގެން ރޯނެއެވެ. ހިތަށް ވަރަށް އަސަރު ކުރެއެވެ. މިއީ އެންޒައިޓީ ޑިސްއޯޑާ ހުންނަ މީހެއްގެ މަޔެއްގެ ހިތުގެ ކެކުޅުމުގެ ވާހަކައެވެ.

އައިންތު (އަސްލު ނަމެއް ނޫން)ގެ ދަރިފުޅުގެ ކިބައިން އެންޒައިޓީގެ އަލާމާތްތައް ފެންނަން ފެށީ އުމުރުން 17 އަހަރުގައެވެ. އޭރު އޭނަ ބޭނުންވަނީ އަބަދުވެސް މީހުން މަދު ތަންތަނުގައި ހުންނާށެވެ. ކޮޓަރިއަކުން ނުނިކުމެއެވެ. ބޮކިތައް ދިއްލާކަށް ބޭނުމެއް ނުވެއެވެ. ފަންކާ ޖަހާކަށް ވެސް ބޭނުމެއް ނުވެއެވެ. މީހަކު ވާހަކަ ދެއްކިޔަސް ވަނީ އުނދަގުލެވެ. ހިނގާލިޔަސް ދައްކާނީ ނޭވާ ކުރުވާ ވާހަކައެވެ. އެންމެ ފަހުން ގޮސް މީހުންނާ ވާހަކަ ދެއްކުން އެއްކޮށް ހުއްޓާލީއެވެ. ސްކޫލަށް ދާ ދުވަސް ވެސް މަދުވިއެވެ.

އައިންތުގެ އާއިލާއިން އެންމެ ފަހުން ނިންމީ އޭނާއަށް ރުގްޔާ ކުރުމަށެވެ. އެއީ ސިހުރު ޖެހިފައިވާ މީހެއްގެ ކިބައިން ފެންނާނެ އަލާމާތްތައް ކަމަށް ބައެއް މީހުން ބުނަން ފެށުމާއެކު އެ އާއިލާއިން ނިންމީ ރުގްޔާ ކުރާ މީހަކު ގެނައުމަށެވެ.

"ދަރިފުޅަށް ރުގްޔާ ކުރަން ޖެހޭ ކަމަށް ގަބޫލު ކުރެވުނީ އެހެން މީހުންނަށް ނުފެންނަ މީހުން ފެންނަ ކަމަށް ބުނަން ފެށީމަ. މީހުންނަށް ނީވޭ އަޑުއަޑު އިވޭތީވެސް އުޅޭނެ. އަބަދު ބިރުން އުޅޭނީ. ނިދޭނީ ވެސް ވަރަށް އުނދަގުލުން. އޭރު ނަފްސާނީ ސިއްހަތާ ގުޅޭ މައުލޫމާތެއް އެހާ ބޮޑަކަށް ނޭންގޭ. އެންމެން ވެސް އޭރު ލަފާ ދިނީ ރުގްޔާ ކުރަން،"

ރުގްޔާ ކުރަން އެތައް ބަޔަކު ގެނެވުނެވެ. ނަމަވެސް އެކަމަކުން ލުޔެއް ނުލިބުނެވެ. އިރުއިރުކޮޅާ ހޭނެތެނީއެވެ. ކައިރީގައި ތިބޭ މީހުން ވަކިކުރަން ނޭންގި އަމިއްލަ ނަފްސަށާއި ކައިރީގައި ތިބޭ މީހުންނަށް ވެސް އަނިޔާ ކުރެވެނީއެވެ. ދަރިފުޅުގެ ހާލު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދިޔަތަން ބަލަން އެންމެ ގާތުގައި ހުރި އައިންތު ވެސް ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އަބަދު ދަރިފުޅާމެދު ފިކުރުކުރެވެނީއެވެ.

ދަރިފުޅުގެ ހާލު ސީރިއަސްކަން އެނގެންފެށީ ވާނުވާ ނޭންގޭ ހާލު ދަރިފުޅު ގެއިން ނުކުމެގެން ދާން ފެށުމުންނެވެ. ދެތިން ފަހަރަކު ދަރިފުޅު ގެއްލިގެން މުޅި އާއިލާއިން އޭނާ ހޯދަން ޖެހުނެވެ. މާލޭގައި ދިރިއުޅޭ އައިންތުމެންގެ އާއިލާއަށް އޭނާ ފެނުނީ ހުޅުމާލެއިންނެވެ. އެތަނަށް ދެވުނު ގޮތާމެދު އައިންތު އޭނާގެ ދަރިފުޅާ ސުވާލު ކުރުމުން އެހާ ހިސާބަށް އެކަނި އާދެވުނު ގޮތް ނޭންގޭ ކަމަށް އެ ދަރިފުޅު ބުނެއެވެ.

"ވަރަށް ކަންބޮޑުވި ދަރިފުޅު ގެއިން ނުކުމެގެން ދާން ފެށީމަ. އެކަނި ގޭގަ ބަހައްޓަން ވެސް ބިރު ގަނޭ. އަބަދު އުޅެން ޖެހެނީ ތަޅުލައިގެން. ތަޅުދަނޑި ވެސް ފޮރުވައިގެން،"

އެތައް ދުވަހަކު އެގޮތުގައި އުޅުމަށްފަހު އެންމެ ފަހުން ޑޮކްޓަރީ ބޭސްކުރަން އެ އާއިލާއިން ނިންމިއެވެ. އެތައް ޓެސްޓުތަކެއް ހެދުމަށްފަހު ދަރިފުޅަކީ އެންޒައިޓީ ޑިސްއޯޑާގެ ޝިކާރަކަށް ވެފައިވާ ކުއްޖެއްކަން އެ އާއިލާއަށް އެނގުނެވެ. އެންޒައިޓީގެ އިތުރުން ދަރިފުޅަކީ ޑިސޯސިއޭޓިވް އެޕިސޯޑްސް އަންނަ ކުއްޖެއްކަން އެނގުމުން އެންމެ ފުރަތަމަ ޖެހުނީ އެކަމަށް އަހުލުވެރިވާންށެވެ.

ޑިސޯސިއޭޓިވް އެޕިސޯޑްތަކުގައި އެ މީހާއަށް ވަށައިގެންވާ މާހައުލުގައި ހިނގާ ކަންކަމެއް ސާފެއް ނުވާނެއެވެ. މީހަކު ވާހަކަ ދެއްކިޔަސް އަޑު ނީވި ވެސް ހިނގައިދާނެއެވެ. ފެންނަން ނެތް މީހުން އުޅޭހެން ހީވުމާއި އެހެން މީހުންނަށް ނީވޭ އަޑުތައް އިވޭހެން ވެސް ހީވާނެއެވެ. އުޅެވޭނީ ހުވަފެނީ ދުނިޔެއެއްގައެވެ.

އެހާ ހިސާބުން ދަރިފުޅަށް އެ ހުރިހާ ދުވަހު ދިމާވަމުންދިޔަ ކަންކަމުގެ ހަގީގަށް އައިންތުއާ އޭނާގެ އާއިލާއަށް އެނގުނެވެ. އަދި ވަގުތުން ފަރުވާގެ ކަންކަން ފެށިއެވެ. ދެން ޖެހުނީ ދަރިފުޅަށް އެހެން ދިމާވި ސަބަބުން ހޯދަންށެވެ. އެ ސަބަބު ހޯދުމަށްޓަކައި އައިންތު އެތައް މަސައްކަތެއް ކުރިއެވެ. ދަރިފުޅާއެކު ގިނަ ވަގުތު ހޭދަކުރަން ފެށިއެވެ. އަދި އާއިލާގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ފަރާތުން ވެސް ދަރިފުޅަށް ގޯނާއެއް ލިބިފައިވޭތޯ ބެލުމަށް އައިންތު އެތައް މަސައްކަތެއް ކުރިއެވެ. ނަމަވެސް އެކަމަކުން އެއްވެސް ކުރިއެރުމެއް ނުލިބުނެއެވެ.

"ވަރަށް ހިތަށް އެރި ކީއްވެބާއޭ ދަރިފުޅަށް އެހެން ދިމާވީ. އެތައް ފަހަރަކު ގައިގަ ބައްދައިގަނެގެން ހުރެ ރޯނެ. އެގޮތަށް އުޅުމަށް ވުރެ މަރުވިޔަސް މާ ހިތަށް ފަސޭހަވާނެއޭ ވެސް ބުނާނެ. ވަރަށް ދެރަވޭ ދަރިފުޅު އެހާލުގަ އުޅޭތަން ބަލަން. ކިތަންމެ ހިތްވަރު ކުރިޔަސް ރޮވޭފަހަރު އާދޭ،" އެ މަންމަ ކިޔަދިނެވެ.

ފަރުވާ ފަށައިގެން ދަރިފުޅަށް ތެރަޕީ ދޭން ފެށުނެވެ. ތެރަޕީ ނަގަން ފެށިތާ މާ ގިނަ ދުވަހެއް ނުވެ ކުއްލިއަކަށް އައިންތުގެ ދަރިފުޅު ފިރިހެނުންދެކެ ބިރުން އުޅެން ފެށިއެވެ. ފިރިހެނަކު ފެންނައިރަށް ބިރުން ފިލައެވެ. ނުވަތަ އެމީހަކަށް ހަމަލާ ދެއެވެ. ކައިރި ވެއްޖެ ނަމަ މަރާލާނެ ކަމަށް ބުނެ އިންޒާރު ދީ ހަދައެވެ. އައިންތުއަށް އޭނާގެ ދަރިފުޅު ހިފަހައްޓާލެވެނީ ކިރިޔާއެވެ. ދެން ކިޔަނީ އަބަދު ފެންވަރަން ބޭނުންވާ ވާހަކައެވެ. ކޮންމެވެސް މީހަކު އަންނާނެ އޭ ވެސް ބުނެއެވެ. އެމީހަކު ދެކެ ބިރުން އުޅޭނެއެވެ. އެމީހަކު އައިސް ގެންގޮސްފާނެތީ ވެސް އުޅެއެވެ.

ދުވާލަކު އެތައް ފަހަރަކު އެފަދަ އެޕިސޯޑްތައް އައިސް އެންމެ ފަހުން އައިންތުގެ ދަރިފުޅަށް ކެތް ނުވެގެން އެވާހަކަތައް ކިޔައިދިނެވެ. އެ ބުނާ 'މީހާ' ދަރިފުޅަށް ޖިންސީ ގޯނާ ކުރީއެވެ. ދަރިފުޅަށް އެހެން ދިމާވި ސަބަބުން އެނގުނު އައިންތުއަށް ލިބުނީ ވަރަށް ވެސް ބޮޑު ޝޮކެކެވެ. 'އެ މީހާ' ވެގެން ދިޔައީ އައިންތުމެން ދަންނަ މީހަކަށެވެ. އައިތުންގެ ފިރިމީހާއަށް ވެސް އެކަމުން ލިބުނީ ސިހުމެކެވެ. 'އެ މީހާ' ވެގެންދިޔައީ އައިންތުގެ ފިރިމީހާއާ އެކު މަސައްކަތް ކުރި މީހަކަށެވެެ. އެ މުޅި އާއިލާއަށް ވެސް އެކަމުން ލޮޅުމެއް އައިކަހަލައެވެ.

ހަޔާތަށް ބޮޑު ލޮޅުމެއް އައި ނަމަވެސް އެ ހިތްވަރުގަދަ މަންމަ އެންމެ ފަހަރަކުވެސް އުންމީދު ކަނޑައެއް ނުލައެވެ. ދަރިފުޅު ހަމައަކަށް އެޅެންދެން ދުވާލަކު އެތައް ގަޑިއިރު ހުރެއެވެ. ރޭގަނޑު ނިދި ނަގާލުމަށް ފަހު ވެސް ދަރިފުޅުގެ ހާލު ބެލުމަށް ގާތުގައި ހުރެއެވެ. އެ މަންމަ އަބަދުވެސް ގަބޫލުކުރީ ދަރިފުޅު އެކަމުން އަރައިގަނެ، އަމިއްލަ ފައިމައްޗަށް ތެދުވާނެ ކަމަށެވެ. އެތައް ދުވަހެއްގެ ތެރަޕީއަށް ފަހު އެންމެ ފަހުން ދަރިފުޅުގެ ހާލު، މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް އައިންތު ކިޔައިދިނެވެ.

"ވަރަށް އުނދަގޫވި އެކަން ގަބޫލު ކުރަން. އެކަމު އަބަދުވެސް އުންމީދުކުރިން އެކަމުން އަރައިގަންނާނެ ކަމަށް. މިއަދު ވަރަށް ފަޚުރުވެރިވޭ ދަރިފުޅާމެދު. އެއީ ހިތްވަރުގަދަ ކުއްޖެއް. ހަގީގަތުގައި އެކަހަލަ ވަގުތުތަކުގައި އަސްލު ހިތަށްއަރާ އެއްޗެހި ބުނެދޭކަށް ވެސް ނޭންގޭ،" އައިންތު ބުންޏެވެ.

ތިމާގެ ގާތް މީހަކަށް އެންޒައިޓީ ނުވަތަ އެ ނޫން ވެސް ނަފްސާނީ ބައްޔެއްގެ ޝިކާރައަކަށްވެ އޭގެ ހާލަތު ގޯސްވާ މަންޒަރު ބަލަން އެކަކަށް ވެސް ފަސޭހައެއް ނުވާނެއެވެ. އެ ހާލަތުގައި މީހާ ގޯސްކުރުމުގެ ބަދަލުގައި އޭނާގެ ހާލަތު ދެނެގަނެ އެފަދަ ހާލަތެއްގައި އަމަލު ކުރެވިދާނެ ގޮތްތަކެއް ހޯދަން ޖެހެއެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ދެއްވާ، ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒް ވިދާޅުވާ ގޮތުގައި ޑިސޯސިއޭޓިވް އެޕިސޯޑްސް އަކީ 'ޑިސޯސިއޭޓިވް އައިޑެންޓިޓީ ޑިސްއޯޑާ' ބަލީގެ އާދައިގެ ތަޖުރިބާއެކެވެ.

އެފަދަ އެޕިސޯޑްސް އަންނަ ވަގުތުތަކުގައި އެމީހަކަށް ކަންތައްތައް ފެންނާނީ ހުވަފެނީ ގޮތަކަށެވެ. ޑރ. ނާޒް ވިދާޅުވާ ގޮތުގައި އެފަދަ ހާލަތެއް މީހަކަށް ކުރިމަތިވާނީ ފިކުރު ބޮޑުވެ، ނުވަތަ މާބޮޑަށް ހާސްވުމުގެ ސަބަބުން ސިކުނޑިއަށް މާބޮޑަށް ބާރުބޮޑުވެ ކެތްނުކުރެވޭ ހާލަތަކަށް ދިޔުމުންނެވެ.

އެ ގަޑިތަކުގައި ވާ ގޮތް ހަނދާނުގައި ނުހުރުމާއި ވަށައިގެންވާ މާހައުލުގައި ހިނގާ ކަންކަން ފުސް ވުމަކީ ވެސް ބައެއް މީހުން ތަހައްމަލު ކުރާ ކަންކަމެވެ. ނުވަތަ އެއީ ސިކުނޑިއަށް އެކަންކަން ތަހައްމަލު ނުކުރެވުމުން ނަފްސުގެ ދިފާއުގައި ވާ ގޮތެއް ކަމަށް ބައެއް އިލްމުވެރިން ވިދާޅުވެއެވެ.

ޑރ. ނާޒް ވިދާޅުވީ އެފަދަ ކުދިކުދި އެޕިސޯޑްސްތައް އަންނަ މީހުން ރާއްޖޭގައި ވެސް ވަރަށް ގިނަ ކަމަށެވެ. އެފަދަ ކަމެއް ތަހައްމަލު ކުރާ މީހުން ސައިކޯތެރަޕީ ނެގުމާއި، އުޅޭ މާހައުލުން އެއްބާރުލުން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އޭގެ އިތުރުން އެންޒައިޓީ ޑިސްއޯޑާ ހުންނަ މީހެއްގެ ކިބައިން ފެނިދާނެ އަލާމާތްތައް ކިޔައިދެއްވަމުން ޑރ. ނާޒް ވިދާޅުވީ އެފަދަ މީހުންގެ ކިބައިން ބައެއް ކަހަލަ ކަންކަމާ ކުރިމަތިލާން ބިރުގަތުމާއި، އަތްފައި ފިނިވެ، ކަންކަމާ ޖެހިލުން ވުންފަދަ ކަންކަން ފެނިދާނެ ކަމަށެވެ.

އެންޒައިޓީ ހުންނަ މީހަކަށް އެހީތެރިވުމުގެ ގޮތުން ކުރެވޭނެ އެންމެ މުހިއްމު އެއް ކަމަކީ އެންޒައިޓީ އެޓޭކެއް ނުވަތަ ޕެނިކް އެޓޭކެއް އަންނަ ގަޑިތަކުގައި އެމީހަކާ ހިތްހެޔޮކަމާ، ލޯތްބާއެކު ވާހަކަ ދެއްކުމެވެ. އަދި ފުންކޮށް، ލަސްލަހުން ނޭވާލުމަށް ހަނދާން ކޮށްދިނުމަކީވެސް މުހިއްމު ކަމެކެވެ. އޭގެ އިތުރުން އެމީހުންނަށް ކުރެވޭ އިހުސާސްތަކަކީ ދޮގެއް ކަމަށް ބުނެ ހިތްވަރު އެލޭ ވާހަކަތައް ދެއްކުމުން ދުރުހެލިވާން ޖެހެއެވެ. އެމީހެއްގެ ގާތުގައި އިނދެ އެމީހެއްގެ އިހުސާސްތައް ގަބޫލުކުރުން މިހާލަތުގައި ވަރަށް މުހިއްމެވެ.

އެ ހާލަތުގައި އުނދަގޫ ވާ ފަދަ ސުވާލުތައް ކުރުމާ ވެސް ދުރުވާށެވެ. މިސާލަކަށް އޭނާއަށް އުނދަގޫވާ ސަބަބުގެ ފުނަށް ދިޔުމަށް ގަދަކަމުން މައުލޫމާތު ހޯދަން ނޫޅޭށެވެ. އޭގެ ބަދަލުގައި އެމީހަކު ހަމައަކަށް އެޅި އަމިއްލައަށް ކިޔައިދެންދެން މަޑުކުރާށެވެ.

އެންޒައިޓީގެ އެކި ނިޝާންތައް ފެންނަ ނަމަ ކަންބޮޑުވާ ކަމުގެ އިހުސާސް ހިއްސާކުރާށެވެ. އަދި އެހީތެރި ވެވެން އޮތް ގޮތަކަށް އެހީތެރިކަން ފޯރުކޮށްދޭން ހުރިކަން ބުނެދޭށެވެ. ގިނަ ފަހަރަށް ގާތް މީހެއްގެ ފަރާތުން ބޭނުންވަނީ ހަމަ އަޅާލުމެވެ.

comment ކޮމެންޓް