ހަށިވިއްކި މައްސަލައިގައި މިދިޔަ އަހަރު ހަ ދިވެހިންނާއި 26 ބިދޭސީން ހައްޔަރުކުރި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަށިވިއްކި ކަމުގެ ތުހުމަތަށް ބިދޭސީ އަންހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ - ސަން/ފޮޓޯ މުހައްމަދު އަފްރާހް

ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާއިތުވި އަހަރު ހިންގި އޮޕަރޭޝަންތަކެއްގައި ޖުމްލަ 32 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާއިތުވި އަހަރު 25 އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އޭގެ ތެރެއިން 14 އޮޕަރޭޝަނަކީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެކެވެ.

އަނެއް 11 އޮޕަރޭޝަނަކީ ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެކެވެ.

އެ އޮޕަރޭޝަންތަކުގައި އަންހެނުންނާއި ފިރިހެނުން ހިމެނޭހެން ޖުމްލަ 32 މީހުން ހައްޔަރުކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ ހަ ދިވެހިންނާއި 26 ބިދޭސީންނެވެ.

ހަށިވިއްކުމާއި އިންސާނީ ވަގުފާރި ހުއްޓުވުމަށް ފާއިތުވި އަހަރު ފުލުހުން ކުރި މަސައްކަތުގެ ތަފުސީލް --

ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރީގެ މައްސަލަތަކުގައި މިދިޔަ އަހަރު 28 ބިދޭސީން ޑީޕޯޓުކޮށްފައިވެއެވެ. މި މީހުންގެ ތެރޭގައި 2022 ވަނަ އަހަރުގެ ކުރިން ފުލުހުންގެ ބެލުމުގެދަށަށް ގެނައި މީހުން ވެސް ހިމެނެއެވެ.

ފުލުހުން ބުނީ ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރި ކުރުމުގެ 11 މައްސަލައެއް ކޭސްކޮށްގެން ފާއިތުވި އަހަރު ތަހުގީގުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަ މައްސަލައެއްގެ ތަހުގީގު މިހާރު ވެސް ކުރިއަށްދާއިރު ދެ މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި ތިން މައްސަލައެއް ފައިލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް