ރާއްޖޭގެ ބީޗްވޮލީ ޓީމުގެ އެއްވަނަ ޕެއާ, އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ)އާއި އާދަމް ނަސީމް (އެޑަމް) ދުނިޔޭގެ ބީޗްވޮލީ ބޯޅަ ރޭންކިންގައި ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.
ވޯލްޑް ރޭންކިންގައި ރާއްޖޭގެ ކުޑަކާއްޓޭ އަދި އެޑަމްގެ ޕެއާ އޮތީ 158 ވަނައިގައެވެ. އެއީ ސާކު ގައުމުގެ ތަކުގެ ތެރެއިން އެންމެ މަތީ ރޭންކެވެ. ރާއްޖެއާ އެންމެ ކައިރިން ވާދަކުރާ އިންޑިއާގެ އެއްވަނަ ޕެއާއަށް ވެސް ލިބެނީ ދުނިޔޭގެ ރޭންކިންގެ 268 ވަނައިގައެވެ.
ސަރަހައްދީ ގޮތުން އެޑަމްއާއި ކުޑަކާއްޓޭއަށް އެއްވަނަ ލިބުމުން ކުރިއަށްއޮތް މުބާރާތްތަކުގައި އެކަމުގެ ފައިދާ ރާއްޖެއަށް ކުރާނެއެވެ. ސަބަބަކީ މުބާރާތްތަކަށް ސީޑު ކުރާއިރު އެއްވަނައިގައި އެ ޕެއާ ސީޑު ކުރުމުގެ ފުރުސަތު އޮތީމައެވެ.
ކުޑަކާއްޓާއާއި އެޑަމް އަންނަނީ ޕެއާއެއްގެ ގޮތުގައި ބޮޑެތި ކުރިއެރުން ތަކެއް ހޯދަމުންނެވެ. އެގޮތުން މި އަހަރު އެ ޕެއާއިން ވަނީ ހަތަރު މުބާރާތެއްގައި ވާދަކޮށް ދެ މެޑަލެއް ކާމިޔާބުކޮށްފައެވެ.
މިދިޔަ އަހަރުގެ މާޗު މަހު ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވާދަކޮށް އެ ޕެއާއިން ވަނީ ރިހި މެޑަލް ހޯދައިފައެވެ. އަދި މިދިޔަ ހަފްތާގައި އެ ޕެއާއިން ވަނީ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗް ވޮލީބޯލް ޓުއާގެ ރަން މެޑަލް ހޯދައިފައެވެ.
ދުނިޔޭގެ ރޭންކިންގައި ރާއްޖޭގެ ދެވަނަ ލިބެނީ އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯގެ ޕެއާއަށެވެ. އެ ޕެއާ އޮތީ 292 ޕޮއިންޓު ހޯދައިގެން 326 ވަނައިގައެވެ. މީގެ އިތުރުން މިދިޔަ ހަފުތާގައި ނިންމާލި ސެންޓްރަލް އޭޝިއަން ވޮލީބޯލް މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ކޯކޭއާއި ޝަމާއިލް ހުސައިންގެ ޕެއާ އޮތީ 524 ވަނައިގައި 144 ޕޮއިންޓު ހޯދައިގެންނެވެ.
ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި ނޯވޭގެ އެންޑާސް މޯލްއާއި ކްރިސްޓިއަން ސޭންޑްލީގެ ޕެއާ 8450 ޕޮއިންޓާއެކު އޮތްއިރު ދެވަނަ ލިބެނީ ނެދާލެންޑްސްގެ ރޮބާޓް މީއުސެންއާއި އެލެކްސެންޑާ ބްރައުވާގެ ޕެއާއަށެވެ. އެ ޕެއާއަށް ލިބެނީ 7220 ޕޮއިންޓެވެ.