ވައްކަން ކުރަން ވަނުމުން ލީ ތަޅު، ތަކުރާރުކޮށް ރިޕޯޓުކޮށްގެން ވެސް ފުލުހުންނަށް އެޅުނު ފިޔަވަޅެއް ނެތް

އިމާރާތްކުރަމުން އަންނަ މއ. ޝަމްރަތު ގެ -- ސަން ފޮޓޯ

މައްޗަންގޮޅީގައި އިމާރާތްކުރަމުން އަންނަ ގެޔަކަށް، ވަގެއްގެ އުނދަގޫ ބޮޑުވެ އެކަން ފުލުހުންނަށް ތަކުރާރުކޮށް ހުށަހެޅުމުން ވެސް ފިޔަވަޅެއް ނާޅައިގެން އެ ގޭގެ މަސައްކަތްކުރާ ކޮންސްޓްރަކްޝަން ގްރޫޕުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދިހަ ބުރިއަށް އިމާރާތްކުރާ މއ. ޝަމްރަތު ގޭގެ މަސައްކަތްކުރާ ކޮންސްޓްރަކްޝަން ގްރޫޕުގެ ފަރާތުން އެ މަސައްކަތް ބަލަހައްޓާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، އެ ގެ ހެދުމަށްޓަކައި އެ ސައިޓު ކޮނެ، އެންމެ ފުރަތަމަ ފައުންޑޭޝަންގެ މަސައްކަތް ފެށި ހިސާބުން ވެސް އެ ސަރަހައްދުގައި އުޅޭ އެ ވަގުގެ އުނދަގުލާ ކުރިމަތިވަމުން އަންނަކަމަށެވެ.

"މިހާރު ވާ ގޮތަކީ، މި ހިސާބުގައި ވައްކަންކުރާ މީހެއް މީނައަކީ. ދެން މީނަގެ މައްސަލަ އަޅުގަނޑުމެން ޕޮލިހަށް ހުށަހަޅައިފިން ހައެއްކަ ފަހަރު. އަދިވެސް މީނަ ހައްޔަރެއް ނުކުރޭ،" އޭނާ ބުންޏެވެ.

އެ ގެއަށް ވަންނަ ވަގަކީ މަސްތުވާތަކެތި ބޭނުންކޮށް އަބަދު ވެސް މަސްތުގެ ހާލަތުގައި ހުންނަ މީހެއްކަމުގެ ތުހުމަތު ވެސް ކުރެވެއެވެ.

މަސްތުވާން ބޭނުންކުރާ އިންޖެކްޝަނެއް ބޭނުންކުރުމަށްފަހު އިމާރާތުގެ ތެރޭ އެއްލައިލައިފައި -- ސަން ފޮޓޯ

ކޮންސްޓަރްކްޝަން މަސައްކަތް އަދިވެސް ކުރަމުން އަންނަ އެ އިމާރާތުގެ ތެރޭގައި ވެސް އޭނާ އެފަދަ ތަކެތި ބޭނުންކުރަނިކޮށް ފެނިގެން އޭނާ އެތަނުން ނެރޭކަމަށް ވެސް އެ އޮފިޝަލް ބުންޏެވެ.

އެގޮތުން އެތަނުގެ ތެރޭ އިންޖެކްޝަން ޖެހުމާއި އެ ނޫން ކަންކަން ކުރާކަމަށް ވެސް ބުންޏެވެ.

ހަމައެއާއެކު މަސައްކަތުގައި ގެންގުޅޭ އިކުއިޕްމަންޓު ވަގަށް ނަގާކަމުގެ ތުހުމަތު ވެސް ކުރިއެެވެ.

"މި ތަން އެންމެ ފުރަތަަމަ ކޮންނަން ފެށީއްސުރެ މި ތަނުން ސާމާނު ގެއްލޭ. މިތަން މި ޓާގެޓަކީ. ހަމަ ދޮރު ހުޅުވައިފައި ހުންނަ ގަޑީގައި ވަދެގަނެގެން މި ކުރާ ކަމެއް ކުރަނީ،" އޮފިޝަލް ކިޔައިދިނެވެ.

އޭނާ ބުނީ މި މައްސަލަ ފުލުހަށް ހުށަހަޅައިގެން ލިބުނު އެއްވެސް ކުރިއެރުމެއް ނެތްކަމަށެވެ. އެގޮތުން ރިޕޯޓު ކުރި މައްސަލައެއް ކުރިއަށް ގޮސްފައިނުވާއިރު ގެއްލުނު އެއްޗެއް ހޯދިފައި ނުވާކަމަށް ވެސް ބުންޏެވެ.

ތަނުގެ މަސައްކަތް ބަލަހައްޓާ އޮފިޝަލް ކިޔައިދިން ގޮތުގައި މިއަދު ވެސް އެ ވަގު އެ ތަނަށް ވައްކަން ކުރަން އައިސްފައިވެއެވެ. އެ ކަން އެނގުމާއެކު އެ އިމާރާތުން ހުރިހާ އެންމެން ނިކުމެ އެ ތަން ތަޅުލީ އެ ވަގު އެތެރޭގައި ހުއްޓައެވެ.

ނަމަވެސް އޭނާވަނީ އިމާރާތުން ނިކުމެވެން އޮތް ގޮތެއް ހޯދައި ފުންމާލައިފައެވެ. މި މައްސަލަައިގައި ވެސް ފުލުހުންނަށް ގުޅިތާ ގަޑިއިރެއްވީ އިރު ވެސް ފުލުހުން އެޓެންޑުވެފައިނުވާކަމަށް އޮފިޝަލް ބުންޏެވެ.

އޭނާވަނީ އެ ކަމަށް ފުލުހުންގެ ފަރާތުން ފިޔަވަޅު އަޅައިދިނުމަށް އެދިފައެވެ. އަދި ރައްކާތެރި މާހައުލެއް ޔަގީންކޮށްދިނުމަށް އެދިފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭގޮތް އަދި ވަނީ ނުވެފައެވެ.

comment ކޮމެންޓް