ހއ. ހޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން ކުރި އިއުލާނަށް ބިޑު ހުށަހެޅުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
މިކަމާ ގުޅިގެން އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު "ސަން"އަށް ވިދާޅުވީ، މިދިޔަ މަހުގެ 21ވަނަ ދުވަހު ހުޅުވާލި ބިޑު ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ އިތުރު ޕްރޮޕޯސަލްތަކެއް ހޯދުމުގެ ބޭނުމުގައި ނޫންކަމަށެވެ.
"ބިޑު ހުށަހަޅަން މައުލޫމާތު ސާފުކުރި ފަރާތްތަކުން އެދިލެއްވީ އެ މުއްދަތު އިތުރުކޮށް ދިނުމަށް. އެއީ ވަރަށް ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅަން ޖެހެނީ،" އޭނާ ވިދާޅުވިއެވެ.
ހޯރަފުށީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ އެރަށުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް ޝައުގުވެރިވާ މީހުނަށް މިމަހުގެ 22 ވަނަ ދުވަހުގެ މެންދުރު 1:00އާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
ފުރަތަމަ އިއުލާން ކުރިއިރު ނިންމާފައި ވަނީ އަންނަ އަންގާރަ ދުވަހު އެމުއްދަތު ހަމަވާކަމަށެވެ.
އެ ރަށު ކައުންސިލްގެ ސްކޫލު އިމާރާތަކީ އެކި ވިޔަފާރިވެރިންނާއި އެމްޓީސީސީގެ އެހީގައި މިދިޔަ އަހަރު އިމާރާތްކުރި ތަނެކެވެ.
ހޯރަފުށި ކައުންސިލުން މީގެ ކުރިން ކުރި އިއުލާނުގައި ބުނީ ސްކޫލް ހިންގުމަށް ކައުންސިލުން ދޭނީ ވަށާފާރު ރާނައި ގޭޓް ހަރުކޮށްފައިވާ 11،406 އަކަފޫޓުގެ ބިމެއްގައި ކޮށްފައިވާ އިމާރާތަކާއި ޕްލޭ ގްރައުންޑާއި ގުދަނަކާއި ޕަބްލިކް ފާޚާނާއަކާއި ދަރިވަރުންނަށް ޚާއްސަ ހަތަރު ފާޚާނާ ކަމަށެވެ.
އެ އިމާރާތުގައި ތިން ކުލާސްރޫމާއި ޕްރިންސިޕަލް ރޫމަކާއި ސްޓާފް ރޫމަކާއި އަދި ރިސެޕްޝަން އޭރިއާއެއް ވެސް ހުންނާނެއެވެ.
ދަރިވަރުން ކިޔެވުމަށް ބޭނުންކުރާނޭ ގޮޑި އާއި މޭޒާއި ޕްލޭ ގްރައުންޑަށް ބޭނުންވާ ތަކެތި ވެސް ކައުންސިލުން ހޯދައިދޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
ނަމަވެސް، މުވައްޒަފުންނަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ވަސީލަތްތައް ހޯދަން ޖެހޭނީ ސްކޫލު ހިންގުމާ ހަވާލުވާ ފަރާތުން ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.
އެ ސްކޫލު ހިންގުމަށް ދޫކުރާނެ އެންމެ ކުރު މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ފަސް އަހަރެވެ. އަދި އެންމެ ދިގު މުއްދަތަކީ 15 އަހަރެވެ.
ކައުންސިލުން ކުރި އިއުލާނުގައި ބުނީ ސްކޫލުގެ އިމާރާތްތަކާއި ވަސީލަތްތައް، ބިޑް ކާމިޔާބުކުރާ ފަރާތަކަށް އެގްރީމެންޓް ކުރެވޭ މުއްދަތަށް ދޭނީ އެއްވެސް ކުއްޔަކާ ނުލާ ކަމަށެވެ. އަދި ކުއްޔެއް ނުނެގުމުގެ މަގުސަދަކީ ދަރިވަރުންގެ އަތުން ނަގާ ފީ ނިސްބަތުން ކުޑަކުރުން ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.