ތުއްތު ކުއްޖަކު ބޮޑުމީހެއްގެ އަތުގައި އަތްލައިގެން --- ފޮޓޯ/ ސޮހަޓީ.ކޮމް

އާއްމުކޮށް ގަބޫލު ކުރެވިފައި އޮންނަ ގޮތުގައި، ވުޟޫކޮށްގެން ހުރި މީހަކު އޭނާއާ އިދިކޮޅު ޖިންސުގެ މީހެއްގެ ގައިގައި ބީހިއްޖެނަމަ ވުޟޫ ގެއްލޭނެއެވެ. އެއީ އޮޅުމަކުން ބީހެވުނު ނަމަވެސް މެއެވެ. މިކަމާމެދު ޢިލްމުވެރިންގެ ތަފާތު ތިންރައުޔެއް އޮވެއެވެ. އަދި މި ކޮންމެ ރައުޔަކަށްވެސް ދަލީލުތަކާއި މުނާޤަޝާތައް ގެނެސްގައިވެއެވެ. މީގެތެރެއިން އެންމެ މުހިއްމުކަމަށް ފެންނަ ބައެއް މައުލޫމާތު މި މަޒުމޫނުގައި ހިމަނައިލަމެވެ. [ވުޟޫކޮށްގެން ނުވަތަ ވުޟޫނުކޮށް ހުންނަ ހާލަތުގައިވެސް، މަގުބޫލު ސަބަބަކާނުލައި، ހިލޭ ފިރިހެނަކާއި އަންހެނަކު ބީހުމަކީ ކޮށްގެންވާނެކަމެއްނޫންކަން ހަނދާން ބަހައްޓަންވާނެއެވެ!]

ފުރަތަމަ ރައުޔުގެ ބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި؛ ވުޟޫކޮށްގެން ހުރެ އަންހެނަކާއި ފިރިހެނަކު ބީހިއްޖެނަމަ ވުޟޫގެއްލޭނެއެވެ. އެއީ ޝަހުވަތާއެކު ނުވަތަ ޝަހުވަތާނުލައި ބީހުނުކަމުގައިވިޔަސްމެއެވެ. އަދި އެއީ ގަސްތުގައި ނުވަތަ ނޭނގިގެން ބީހެވުނުކަމުގައިވިޔަސްމެއެވެ. ޞަޙާބީންގެތެރެއިން ޢުމަރު ބިން އަލްޚައްޠާބުއާއި އެކަލޭގެފާނުގެ ދަރިކަލުން ޢަބްދުﷲ އާއި އިބުނު މަސްޢޫދުގެ އަރިހުން ރިވާވެގެންވަނީ މިފަދައިންނެވެ. ތާބިޢީންގެތެރެއިން މަކްޙޫލްއާއި އައްޒުހުރީ އަދި އަލްއައުޒާޢީގެ ރައުޔަކީވެސް މިއެވެ. މިއީ ޝާފިޢީ މަޒުހަބުގެ މަޝްހޫރު ރައުޔެވެ. އަދި އިމާމު އަޙްމަދުގެ އެއްރައުޔަކީވެސް މިއެވެ. ޝާފިޢީ މަޒުހަބުގައިވާ ގޮތުން؛ ކައިވެނި ޙަރާމްވާ މީހުން ބީހުމަކުން ވުޟޫއެއްނުގެއްލޭނެއެވެ.

މިބޭފުޅުން ވިދާޅުވާގޮތުގައި؛ (أَوْلاَمَسْتُمُ النِّسَاء) "ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ" (މާއިދާ: 6) މިތަނުގައި އެވާ لمس ގެ މާނައަކީ އަތުން ބީހުމެވެ. ޖިމާޢުވުމެއްނޫނެވެ. ޤުރުއާނުގެ އެހެން ބައެއް އާޔަތްތަކުން، މިސާލަކަށް އަންޢާމު ސޫރަތުގެ 7 ވަނަ އާޔަތާއި ޖިންނި ސޫރަތުގެ 8 ވަނަ އާޔަތުން އެނގޭ ގޮތުގައިވެސް لمس ގެ މާނައަކީ ޖިމާޢުވުމެއްނޫނެވެ. އަދި މުޢާޛު ބިން ޖަބަލުގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ފިރިހެނަކު އައިސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހުގައި ދެންނެވިއެވެ. އަހުރެން ނުވެސްދަންނަ އަންހެނަކާ ބައްދަލުވިހިނދު، ޖިމާޢުވުން ފިޔަވައި ފިރިމީހާ އޭނާގެ އަނބިމީހާއެކު ކުރާ ކަންތައްތައް އޭނާއާއެކު އަހުރެން ކުރީމުއެވެ. އެހިނދު، ވުޟޫކޮށް ނަމާދު ކުރުމަށް އިތުރު އެކަލޭގެފާނު އޭނާއަށް އެންގެވިއެވެ.(ދާރަޤުޠުނީއާއި ތިރުމިޛީ)

ދެވަނަ ރައުޔުގެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި؛ ވުޟޫކޮށްގެން ހުރެ ދެޖިންސުގެ ދެމީހަކު އެކަކު އަނެކެއްގެ އަތުގައި ބީހުނަސް ވުޟޫއެއް ނުގެއްލޭނެއެވެ. އެއީ ޝަހުވަތާއެކު ނުވަތަ އެކަމާނުލައި ބީހުނަސްމެއެވެ. ޢަލީ ބިން އަބީ ޠާލިބު އާއި ޢަބްދުﷲ ބިން ޢައްބާސްއާއި ޢަޠާއު ބިން އަބީ ރަބާޙް އާއި ޙަސަނުލްބަޞަރީގެ އަރިހުން ރިވާވެގެންވަނީ މިފަދައިންނެވެ. ޙަނަފީ މަޒުހަބުގައި މަޝްހޫރު ރައުޔަކީ މިއެވެ. އަދި އިމާމު އަޙްމަދުގެ އެއްރިވާޔަތަކީވެސް މިއެވެ. އިބުނު ބާޒްއާއި އިބުނު ޢުޘައިމީނު އިޚްތިޔާރު ކުރައްވަނީވެސް މިރައުޔެވެ. އަދި މި މައްސަލައާ ގުޅޭ ރައުޔުތަކުގެތެރެއިން އެންމެ ރަނގަޅު ކަމަށް ވަހުބަތުއްޒުޙައިލީ ދެކެވަޑައިގަންނަވާ ރައުޔަކީވެސް މިއެވެ.

އަންހެނަކާ ފިރިހެނަކު ބީހުމުން ވުޟޫ ގެއްލުމުގެ މައްސަލައިގައި ޢިލްމުވެރީންގެ މެދުގައި ޚިލާފު އުފެދިފައިވަނީ (أَوْلاَمَسْتُمُ النِّسَاء) މިއާޔަތުގައިވާ لمس މާނަކުރެއްވުމުގައި އެއީ އަތްލުންތޯ ނުވަތަ ޖިމާޢުވުންތޯއާމެދުގައެވެ. އެހެނީ ޢަރަބިބަހުގައި މިދެކަމަށްވެސް މިބަސް ބޭނުންކުރެވެއެވެ. އިބުނު ޢައްބާސް ވިދާޅުވާގޮތުގައި އާޔަތުގައި އެވާ لمس ގެ މާނައަކީ ޖިމާޢުވުމެވެ. އާއްމުކޮށް ބީހޭ ބީހުމެއްނޫނެވެ.

ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. (ބައެއްފަހަރު) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ (ރޭގަނޑު) ނަމާދު ކުރައްވާއިރު ޤިބުލައާވީކޮޅުގައި އެކަމަނާ އޮންނަވައެވެ. އެހެން އޮންނަވާއިރު އިތުރު އެކަލޭގެފާނު ސަޖިދައަށް ވަޑައިގަންނަވަމުން ޖާގަ ހެއްދެވުމަށްޓަކައި އެކަމަނާގެ ފައިންޕުޅު ދުރަށް ޖައްސަވައިލައްވައެވެ.(متفق عليه) އެކަމަނާގެ ފައިންޕުޅު ދުރަށް ޖައްސަވައިލެއްވޭނީ އިތުރު އެކަލޭގެފާނުގެ އަތްޕުޅުންނެވެ. އަންހެނެއްގެ ގައިގައި ބީހުމުން ވުޟޫގެއްލޭނަމަ އިތުރު އެކަލޭގެފާނު އެގޮތަށް އަމަލެއް ނުކުރެއްވީހެވެ.

ފުރަތަމަ ރައުޔުގެ ބޭފުޅުން ގެންނަވާފައިވާ، މުޢާޛު ބިން ޖަބަލުގެ އަރިހުން ރިވާވެގެންވާ ޙަދީޘަކީ ޟަޢީފު ޙަދީޘެކެވެ. ސަބަބަކީ މި ޙަދީޘްގެ ސަނަދު މެދުކެނޑިފައިވުމެވެ. އަދި މިއީ ޞައްޙަ ޙަދީޘެއް ކަމަށް ބެލިނަމަވެސް މިއީ ބީހުމުން ވުޟޫ ގެއްލޭނެކަން ސާބިތުކުރުމަށް އެކަށީގެންވާ ޙުއްޖަތެއްނޫނެވެ. އެ ޙަދީޘްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލު ކުރި މީހާ އަކީ ކުރިން ވުޟޫކޮށްގެން ހުރި މީހެއްކަމެއް އެނގޭކަށްނެތެވެ. އެކަލޭގެފާނު އޭނާއަށް ވުޟޫކުރަން އެނގެވީ ކުރިން އޭނާކޮށްފައިވާ ވުޟޫ، އެ އަންހެނާގައި ބީހުމުން ގެއްލުނީމާކަމެއް ސާބިތެއް ނުވެއެވެ. ފަހަރެއްގައި އެކަލޭގެފާނު އެގޮތަށް އެންގެވީ އޭނާ ނަމާދުކުރުމަށްޓަކައިކަމަށްވުން އެކަށީގެންވެއެވެ. އެބަސްފުޅުގައި އޮތީވެސް "ވުޟޫކޮށް ނަމާދު ކުރާށެވެ." މިފަދައިންނެވެ. އަދި އެއީ ފަހަރެއްގައި، އޭނާއަށް ކުރެވުނު ފާފައިގެ ކައްފާރާއެއްގެ ގޮތުގައި ވުޟޫކުރަން އެންގެވީކަމަށްވެސް ވެދާނެއެވެ. އެހެނީ ވުޟޫއަކީ ފާފައިގެ ކައްފާރާއެއްކަން ސާބިތުވެއެވެ. އަލްއިމާމުއްޞަންޢާނީ ތަރުޖީޙުކުރައްވާގޮތުގައި؛ ބީހުމަކުން ވުޟޫއެއްނުގެއްލޭނެއެވެ. އެހެނީ ވުޟޫގެ އާޔަތުގައި އެވާ لمس ގެ މާނައަކީ ޖިމާޢުވުމެވެ.

ތިންވަނަ ރައުޔުގެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި؛ ވުޟޫކޮށްގެން ހުރެ ޝަހުވަތާއެކު ބީހިއްޖެނަމަ ވުޟޫ ގެއްލޭނެއެވެ. ނަމަވެސް ބީހެވުނީ ޝަހުވަތަކާނުލައި ކަމުގައިވާނަމަ ވުޟޫއެއްނުގެއްލޭނެއެވެ. މިއީ މާލިކީ މަޒުހަބުގައިވާގޮތެވެ. އަދި ޙަންބަލީންގެ ގާތުގައި މަޝްހޫރު ރައުޔަކީވެސް މިއެވެ. އެހެންނަމަވެސް މާލިކީންގެގާތުގައި؛ ލައްޒަތުގެ ނިޔަތް އޮވެގެން ބީހިއްޖެނަމަ، ލައްޒަތެއް ހާސިލުވިޔަސް ނުވަތަ ނުވިޔަސް ވުޟޫ ގެއްލޭނެއެވެ. މިބޭފުޅުން ވިދާޅުވާ ގޮތުގައި؛ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވުޟޫމަތީ ހުންނަވައި، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގައި ބީހިވަޑައިގެންނެވިކަން އެނގެއެވެ. އެކަލޭގެފާނު އެފަދައިން އަމަލުކުރައްވާފައި އެވަނީ ޝަހުވަތަކާނުލައެވެ. އަދި ޝާފިޢީ މަޒުހަބުގައިވާ ފަދައިން، ކައިވެނި ޙަރާމްމީހުންނާ ބީހުމަކުން ވުޟޫއެއް ނުގެއްލެއެވެ. ސަބަބަކީ އާއްމު އުސޫލެއްގެ ގޮތުން އެފަދަ މީހެއްގައި ބީހޭއިރު ޝަހުވަތުގެ ގަސްތެއް ނޯންނާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް