ޖީއެސްޓީ ބޮޑުވުމާއެކު ކެފޭ އަދި ރެސްޓޯރެންޓް ޚިދުމަތުން ހަތް ޕަސެންޓް އަގު ބޮޑުވެއްޖެ!

މާލޭގެ ރެސްޓޯރެންޓެއްގެ ތެރޭއިން -- ސަން ފައިލް ފޮޓޯ

ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުވުމާއެކު ކެފޭ އަދި ރެސްޓޯރެންޓްތަކުން ދެމުން އަންނަ ޚިދުމަތްތަކުގެ އަގު، ހަތް އިންސައްތަ ބޮޑުވެއްޖެއެވެ. އެގޮތުން މާލެ އަދި ހުޅުމާލޭގެ ޢާންމުކޮށް ހުރިހާ ރެސްޓޯރެންޓެއްގެ އަގުވެސް މިވަނީ ބޮޑުވެފައެވެ.

"ސަން" އާ ވާހަކަދައްކަމުން ރެސްޓޯރަންޓެއްގެ ވެރިއަކު ބުނީ، ޢާންމުކޮށް ކުރިން ހަ ޕަސެންޓު ޖީއެސްޓީ ނެގިޔަސް، މިހާރު އަށް ޕަސެންޓުގެ ޖީއެސްޓީ ނަގަން ފެށުމުން، އޭގެ ސަބަބުން އާންމުކޮށް ލިބޭ ޚިދުމަތްތަކުން، ބިލަށް ހަތް އިންސައްތައިގެ ބޮޑުވުމެއް އަަންނާނެ ކަމަށެވެ.

އޭގެ މިސާލެއްގެ ގޮތުގައި ކުރިން 290 ރުފިޔާގެ ކާތެއްޗަށް ޖީއެސްޓީއާއި ސާވިސް ޗާޖާއެކު ގާތްގަޑަކަށް 310 ރުފިޔާ ވީ ނަމަވެސް، މިހާރު ޖީއެސްޓީ އަދި ސާވިސް ޗާޖާއެކު ގާތްގަޑަކަށް 335 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭނެ ކަމުގައި އޭނާ ފާހަގަ ކުރިއެވެ. މިއީ 35 ރުފިޔާގެ ބޮޑު ވުމެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޖީއެސްޓީގެ ސަބަބުން ޢާންމުކޮށް ހުރިހާ ތަކެއްޗެއްގެ އަގުވެސް މިވަނީ ބޮޑުވެފައެވެ. އޭގެ ތެރޭގައި ޖީއެސްޓީ ނުހިމެނޭ ތަކެތިވެސް ހިމެނެއެވެ. އޭގެ އެންމެ މައިގަނޑު ސަބަބަކީ ޖީއެސްޓީގެ ސަބަބުން އިންފްލޭޝަނަށް އައި ބަދަލުގެ ސަބަބުން ކަމުގައި ޢާންމު ގިނަ މީހުން އަދި އިގްތިސާދީ މާހިރުން ގަބޫލުކުރައްވައެވެ.

ޖީއެސްޓީ ބޮޑުކޮށް، އެކަމަށް ޢަމަލު ކުރަން ފެށީ މި ފެށުނު އައު އަހަރާ އެކުއެވެ.

comment ކޮމެންޓް