އެންްމެ ގިނައިން ޕައިރޭޓް ކުރީ ހައުސް އޮފް ޑްރެގަން

މިދިޔަ އަހަރު އެންމެ ގިނަ ބަޔަކު ޕައިރޭޓް ކޮށްގެން ބެލި ޝޯއަކަށް އެޗްބީއޯގެ "ހައުސް އޮފް ޑްރެގަން" ވެއްޖެއެވެ.

މިދިޔަ އަހަރު ނިމިގެން ދިޔައިރު ގިނަ ނެޓްވޯކްތަކާއި ސްޓްރީމިން ސާވިސްތަކުން ވަނީ ތަފާތު އާ ޝޯތައް ދައްކާފައެވެ. އާ ޝޯތަކާއެކު ޝޯތައް ޕައިރޭޓް ކުރާ މީހުންގެ އަދަދު ވެސް ގިނަވިއެވެ.

ޓޮރެންޓް ބޭނުންކޮށްގެން ގިނަ ބަޔަކު ޝޯތައް ޕައިރޭޓް ކުރާއިރު ޕައިރޭޓިން ވެބްސައިޓެއް ކަމަށްވާ "ޓޮރެންޓް ފްރީކް"ގެ ޓީމުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު އެންމެ ގިނަ ބަޔަކު ޕައިރޭޓް ކޮށްފައިވަނީ ހައުސް އޮފް ޑްރެގަންގެ އެޕިސޯޑުތަކެވެ.

ގޭމް އޮފް ތުރޯންސްގެ ދުނިޔެއަށް ބިނާކޮށް އުފެއްދި ޕްރީކުއެލް ޝޯ ދައްކަން ފެށުމާއެކު އެ ޝޯ ވެގެން ދިޔައީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ބޮޑުވި ޝޯއަކަށެވެ. އެއާއެކު އެއަށް ފައިސާ ނުދައްކާ ކޮންމެ ހަފުތާއަކު ބަލާ މީހުންގެ އަދަދުވެސް އިތުރުވިއެވެ. ގޭމް އޮފް ތުރޯންސް ދެއްކި އިރު އޭގެ އާ ސީޒަނެއް ނެރޭ އިރަށް އެ ސީޒަނަކީ ކޮންމެ ފަހަރަކު އެންމެ ގިނަ ބަޔަކު ޕައިރޭޓް ކުރާ ސީޒަނަށް ވެއެވެ.

ފައިސާ ދެއްކުމަށް ދެކޮޅު ހެދުމުގެ އިތުރުން އެޗްބީއޯގެ ސްޓްރީމިން ސާވިސް އެޗްބީއޯ މެކްސް އަކީ ދުނިޔޭގެ ގިނަކޮޅުތަކަށް ލިބޭ ހިދުމަތެއް ނޫނެވެ. އެހެންވީމާ ޝޯ ޕައިރޭޓް ކުރާ މިންވަރު އިތުރުވުމުގެ ފަހަތުގައި ވާ އެއް ސަބަބަކީ އެއީ ކަމަށްވެސް ވެދާނެއެވެ.

މިދިޔަ އަހަރުގެ ކުރީން 2021 ވަނަ އަހަރުގައި އެންމެ ގިނަ ބަޔަކު ޕައިރޭޓް ކޮށްފައިވަނީ ޑިޒްނީގެ "ވޮންޑަވިޝަން" އެވެ.

މިދިޔަ އަހަރު އެންމެ ގިނައިން ޕައިރޭޓް ކުރި ޝޯތަކުގެ ލިސްޓުގައި ދެން ހިމެނެނީ އެމޭޒަންގެ "ރިންގްސް އޮފް ޕަވާ" އަދި އެމޭޒަންގެ "ދަ ބޯއިސް" އެވެ.

comment ކޮމެންޓް