މަގުބޫލު ޝޯ 1899 އެއް ސީޒަނަށް ފަހު ކެންސަލް

ޒުވާނުންގެ މެދުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ނެޓްފްލިކްސްގެ ފެންޓަސީ ޝޯ "1899" އެއް ސީޒަނަށް ފަހު ކެންސަލު ކޮށްލައިފިއެވެ.

މިސްޓްރީ އަދި ތުރިލާގެ ރަހަތައް ވެސް ހިމެނޭ 1899 އަކީ ދިވެހި ޒުވާނުންގެ ތެރޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދި ޝޯއެކެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ޝޯގެ ފުރަތަމަ ސީޒަން ރިލީޒް ކުރުމާއެކު އެތައް ބަޔަކު އެ ވަގުތުން ބިންޖު ކުރުމަށްފަހު ތިބީ ދެވަނަ ސީޒަނެއް އިއުލާނު ކުރާނެ ދުވަހެއް އެނގެން ބޭނުންވެ ކެތްމަދުވެފައެވެ.

ނަމަވެސް 1899 ގެ ފޭނުންނަށް ލިބިފައިވަނީ ވަރަށް ހިތާމަވެރި ހަބަރެކެވެ. ނެޓްފްލިކްސް އިން ހާމަކޮށްފައިވަނީ 1899 ދެވަނަ ސީޒަނަކަށް އެނބުރި ނާންނާނެ ކަމަށެވެ.

ޝޯ ކެންސަލު ކޮށްލުމާއެކު އެވާހަކަ ފޭނުންނަށް ހަޖަމެއް ނުކުރެވުނެވެ. އަދި ހުރިހާ އުދާސްތަކެއް ހިފައިގެން ޓްވިޓާއަށް އެ އުދާސްތައް ބަންޑުން ކޮށްލިއެވެ. ނަތީޖާއެއްގެ ގޮތުން މާ ގިނައިރުތަކެއް ނުވެ ޝޯ ވަނީ މިހާރު ޓްވިޓާގައި ޓްރެންޑުވެފައެވެ. އަދި ގިނަ ބަޔަކު އަންނަނީ ހުއްޓުމެއް ނެތި ޝޯގެ ވާހަކަ ދައްކަމުންނެވެ.

އެތައް ބަޔަކު މިހާރު ގޮވަމުން ދަނީ އެ ޝޯ އަނބުރާ ގެނައުމަށެވެ. ނަމަވެސް ނެޓްފްލިކްސް އިން އެކަމަށް ރައްދެއް ދީފައެއް ނުވެއެވެ. ބޮޑު ބަޖެޓުގައި ވަރުގަދަ ސްޓޯރީލައިންތަކާއެކު އުފައްދާ ގިނަ ޝޯތަކެއް ނެޓްފްލިކްސް އިން ކޮންމެ އަހަރަކު ކެންސަލު ކޮށްލައެވެ. އެންމެ ފަހުން ކެންސަލު ކޮށްލާފައިވަނީ ފެންޓެސީ ޝޯ "ވޯރިއާ ނަން" އެވެ. މި ޝޯ އަކީ ވެސް ވަރުގަދަ ފޭންބޭސް އެއް އޮތް ޝޯއެކެވެ.

comment ކޮމެންޓް