އައިއެމްއެފްގެ ރިޕޯޓު ހޯދަން އީވާގެ ސިޓީއެއް އަމީރަށް

ގަލޮޮޅު އުތުރު މެމްބަރު، މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ -- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ ތަރައްގީގެ އަމާޒުތަކާއި އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ހެދި ރިޕޯޓުގެ ކޮޕީއެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާ އީވާ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ދައުލަތުގެ ދަރަނީގެ މިންވަރު ކަންބޮޑުވާ ވަރަށް އިތުރުވެފައިވާތީ "ސަސްޓެއިންޑް ފިސްކަލް ކޮންސޮލިޑޭޝަން" އަކީ "ޓޮޕް ޕްރިއޮރިޓީ"ގެ ގޮތުގައި އައިއެމްއެފުން ފާހަގަކޮށްފައިވާ ކަމަށެވެ.

އެ ފަންޑުގެ ފަންނީ މުވައްޒަފުންގެ ޓީމެއް މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމާއި ދައުލަތުގެ މާލީ މައުލޫމާތު ހޯދައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ރިޕޯޓެއް ވަނީ އެކުލަވައިލާފައެވެ.

އެކަމަކު، އެފަދަ ރިޕޯޓުތައް އާންމުކުރަނީ އެ ރައްދުވާ ގައުމުތަކުގެ ރުހުމާއެކުގައެވެ.

"ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތާ ގުޅޭ ގޮތުން ސަރުކާރުގެ އަމާޒުތައް ބަންޓަން ކުރެވިފައިވާ ގޮތާމެދު އައިއެމްއެފް އިން ދެކޭ ގޮތް އެންމެ ތަފުސީލުކޮށް އެނގޭނީ އާޓިކަލް IV ދަށުން އެކުލަވައިލި ރިޕޯޓުން...،" އީވާގެ ސިޓީގައި ވެއެވެ.

އެހެންވެ، އޭނާ ވަނީ އެ ރިޕޯޓުގެ ކޮޕީއެއް ހޯދަން އެދިވަޑައިގެންފައެވެ.

އެ ރިޕޯޓު ހޯދަން އެދިފައިވާއިރު އެ ފަންޑުން ރާއްޖެއަށް ކުރި ސްޓާފް ވިޒިޓަށްފަހު ނެރެފައިވާ ރިޕޯޓާ ގުޅިގެން އަމީރު އިއްޔެ ވިދާޅުވެފައިވަނީ އައިއެމްއެފްއިން ފާހަގަކޮށްފައިވާ ގޮތަށް ރާއްޖޭގެ އިގްތިޞާދު ބާރަށް ކުރިއަރަމުން އަންނަކަމަށެވެ.

އިގްތިޞާދު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ، ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އެޅި ހާލަތާ ބައްދަލު ފިޔަވަޅުތަކާއި ސަރުކާރުގެ އިގްތިޞާދީ ސިޔާސަތުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދިވެހި އިގްތިޞާދު މިވަނީ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އަނބުރާ ރުޖޫއަވެފައި. 2022ވަނަ އަހަރަށް އަަޅުގަނޑުމެން އަމާޒު ހިފި 1.6 މިލިއަން ފަތުރުވެރިން މިހާރުވަނީ ރާއްޖެއަށް ޒިޔާރާތްކޮށްފައި. މި އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރާނެކަމަށް ލަފާކުރެވޭ،" އަމީރު ވިދާޅުވިއެވެ.

comment ކޮމެންޓް