ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް މިދިޔަ އަހަރު ފަނޑިޔާރުންނާ ގުޅުންހުރި 393 ޝަކުވާ ހުށަހަޅައިފައިވާއިރު އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލަތައް ތަހުގީގުކުރުމުގައި ގިނަ ކުރިއެރުންތަކެއް ލިބިފައިވާކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.
ޖޭއެސްސީން ވަނީ މިދިޔަ އަހަރު އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކާ ގުޅުންހުރި ބައެއް ތަފްސީލުތައް އާންމުކޮށްފައެވެ.
މިދިޔަ އަހަރު 393 މައްސަލަ ހުށަހެޅުނުއިރު އެއީ 2021 ވަނަ އަހަރަށް ވުރެން 11 މައްސަލަ އިތުރު އަދަދެކެވެ. ދެހާސް ވިހިވަނަ އަހަރު ހުށަހަޅައިފައިވަނީ 288 ޝަކުވާއެވެ.
ނިމިދިޔަ އަހަރު ހުށަހެޅުނު މައްސަލަތައް ތަހުގީގުކުރެވެމުން އަންނަ ގޮތަށް ބަލާއިރު 37 ޝަކުވާއެއް އޮތީ ރިވިއުކުރުމުގެ މަރުހަލާގައެވެ. އަދި ފަނަރަ ފަނޑިޔާރަކާ ގުޅުން ހުރި 19 މައްސަލައެއް ތަހުގީގުކުރަން ފޮނުވައިފައިވެއެވެ.
މިދިޔަ އަހަރު ފަނޑިޔާރުންގެ 46 މައްސަލައެއް އެ ކޮމިޝަނުން ބަލައި ނިންމިއިރު އޭގެ ތެރެއިން 24 މައްސަލައެއް ވަނީ ސާބިތުވެފައެވެ.
ފަނޑިޔާރުންނަށް އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި ހަތަރު ފަނޑިޔާރަކު މަގާމުން ވަކިކުރަން މަޖިލީހަށް ވަނީ ހުށަހަޅައިފައިވެއެވެ. ނުވަ ފަނޑިޔާރަކަށް ވަނީ އެތިކްސްއާ ގުޅުންހުރި ޓްރެއިނިން ދީ، ނަސޭހަތްތެރިވެފައެވެ. ތިން ފަނޑިޔާރަކު ވަނީ ސަސްޕެންޑުކޮށްފައެވެ.
ޖޭއެސްސީގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް އިޒްމީރާ ޝިހާމް "ސަން"އަށް ވިދާޅުވީ ކޮމިޝަންގެ ތަހުގީގު މަސައްކަތަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ ޕެންޑިން މައްސަލަތަކާއި ބެކް ލޮގުގެ ގޮތުގައި ހުރި ގިނަ މައްސަލަތަކެއް ނިންމާލުން ކަމަށެވެ.
"ބެކް ލޮގްގައި ހުރި ވަރަށް ދުވަސްވީ ގިނަ މައްސަލަތައް ނިންމާލެވުނު އަހަރެއް. ދެން ހަމަ ނިމުނު އިރު މިހާރު ހަމަ އޮންގޮއިންގައި އުޅޭނީ ކުރީގެ މަދު މައްސަލައެއް،" އިޒްމީރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފަނޑިޔާރުން އައްޔަންކުރުމުގެ އަދަދު ވެސް މަދުކުރެވިފައިވާ ކަމަށެވެ. އެހެން އެކަން ވަނީ ވަކިވާ ކޮންމެ ފަނޑިޔާރަކަށް އިތުރު ފަނޑިޔާރަކު އައްޔަން ނުކުރާތީކަމަށް އިޒްމީރާ ވިދާޅުވިއެވެ. އެގޮތުން ދެން ފަނޑިޔާރުން އައްޔަންކުރާއިރު ހުށަހެޅޭ މައްސަލަތަކުގެ އަދަދަށް ބަލާނެ ކަމަށް ވިދާޅުވިއެވެ.
"ރަށަކުން ފަނޑިޔާރަކު ރިޓަޔާކޮށްފިއްޔާ އަޅުގަނޑުމެން ފަނޑިޔާރަކު އަލުން އައްޔަން ނުކުރަން މިދިޔަ ތިން އަހަރު. އަންހެން ފަނޑިޔާރުން ހަމަ ވަރަށް ގިނަވެއްޖެ. މި ކޮމިޝަން ފެށިއިރު ތިބީ ހަތް އަންހެން ފަނޑިޔާރުން. މިހާރު 30އަށްވުރެ ގިނަ،" އިޒްމީރާ ވިދާޅުވިއެވެ.
ޖޭއެސްސީން މީގެ ކުރިން މައްސަލަތަކާއި ޝަކުވާތައް ބެލުމުގައި ދިމާވާ މައުލޫމާތު ނުލިބުމުގެ ދައްޗާއި، ލަސްވުން މިދިޔަ އަހަރު ވަރަށް ބޮޑަށް ހައްލުކުރެވިފައިވާކަމަށް ވެސް އިޒްމީރާ ވިދާޅުވިއެވެ.