''ސަވާދީއްތަ'' ގެ ދެވަނަ ރޭސް އެންޑޯޒްކޮށްފި!

މިދިޔަ އަހަރު ބޭއްވި ސަވާދީއްތަ ރޭހުގެ ތެރެއިން --- ފޮޓޯ/ ސަވާދީއްތަ

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން ރާވައި އިންތިޒާމުކުރާ "ސަވާދީއްތަ"އިގެ ދެވަނަ ރޭސް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އިން އެންޑޯޒްކޮށްފިއެވެ.

"ސަވާދީއްތަ"ގެ ދެވަނަ ރޭސް ބާއްވާނީ މި އަހަރުގެ މާޗު މަހުގެ އެކަކުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށެވެ. މީގެ ފުރަތަމަ ރޭސް ބޭއްވީ ހުސްވި 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.

މިކަމާ ގުޅޭ މައުލޫމާތު ހިއްސާކޮށް އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓާ މުޙައްމަދު ރާއިދު ވިދާޅުވީ، މަޓީއިން ސަވާދީއްތައިގެ ދެވަނަ ރޭސް އެންޑޯޒް ކުރުމަކީ ލިބުނު އުފަލެއް ކަމުގައެވެ. އަދި އެމްއައިޓީޑީސީއަށް އިތުބާރުކޮށް އެ ފުރުސަތު ދިން ކަމަށްޓަކައި މަޓީއަށް ޝުކުރު އަދާ ކުރާ ކަމަށް ރާއިދް ބުންޏެވެ.

މި ޔޮޓް ރެލީގައި ނުވަ ރަށަކާއި ހަ އެންކާ ޕޮއިންޓަކަށް ދިޔުމަށް ހަމަޖެހިފައިވެއެވެ. މިއީ 18 ދުވަސް ހޭދަވާނެ ރެލީއަކަށް ވާއިރު، މި ރެލީގައި 20 އަށްވުރެ ގިނަ ޙަރަކާތްތައް ކުރިއަށް ގެންދާނެ ކަމުގައި މަޓީއިން ބުނެއެވެ.

މިދިޔަ އަހަރުގެ ރެލީގައި ރާއްޖޭގެ ފަސް އަތޮޅެއްގެ 15 ރަށަކަށް ވަނީ ދަތުރުކޮށްފައެވެ. އޭގެ ތެރޭގައި މީހުން އާބާދުވެ ދިރިއުޅެމުންދާ 11 ރަށަކާއި ހަތަރު ފަޅުރަށެއް ހިމެނެއެވެ.

އަދި މިދިޔަ އަހަރުގެ ރެލީގެ ތީމަކީ ރާއްޖޭގެ ގައުމީ ބަޠަލް، އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގެ ދިރިއުޅުއްވުމެވެ. މި ރެލީއަށް ސަވާދިއްތަ ދަތުރުގެ ނަމުން ނަން ދެވުނު ގޮތަކީ ވެސް އެއީއެވެ.

comment ކޮމެންޓް