އެކްސިޑެންޓެއްގައި ހޯކް އައި އެކްޓަރަށް އަނިޔާވެ، ހާލަތު ކްރިޓިކަލް

ޑިޒްނީ މާވެލްގެ ކެރެކްޓަރެއް ކަމަށްވާ ހޯކް އައިގެ ރޯލުން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އެކްޓަރު ޖެރެމީ ރެނާ އެކްސިޑެންޓެއް ވެ އަނިޔާތަކެއް ވެއްޖެއެވެ.

ރެނާގެ ރިޕްރެޒެންޓެޓިވް އެއް އެމެރިކާގެ ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި އިއްޔެގެ ވަގުތެއްގައި ރެނާ އަށް ވަނީ އެކްސިޑެންޓެއްގައި އަނިޔާ ވެފައެވެ. އޭނާއަށް އަނިޔާ ވެފައިވަނީ މަގުމަތިން ސްނޯ ސާފު ކުރަން އުޅުމުގެ ތެރޭގައި ކަމަށް ބުނެއެވެ.

އޭނާއަށް މިހާރު ފަރުވާ ދެމުން އަންނައިރު އޭނާ އަށް ލިބިފައިވަނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ހާލަތު ކްރިޓިކަލް ކަމަށާއި މިވަގުތަށް ސްޓޭބަލް ކަމަށް ރިޕްރެޒެންޓެޓިވް ބުނެފައިވެއެވެ.

ބޭރުގެ ބައެއް ނޫސްތަކުން ބުނާގޮތުގައި އޭނާ މިވަގުތު ދިރިއުޅެމުން އަންނަނީ ނެވާޑާގައި ހުންނަ ގެއެއްގައި އޭނާގެ އާއިލާއާއެކުގައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ނެވާޑާގައި ކަމަށް ވެދާނެ ކަމަށް ނޫސްތަކުން ލަފާކުރެއެވެ. އެ ސަރަހައްދަށް ވަނީ މި އާ އަހަރާ ދިމާކޮށް ގިނަ އަދަދަކަށް ސްނޯ ފައިބާފައެވެ.

މިދިޔަ އަހަރު ކުރީކޮޅުގައި ޝޫޓުކުރި ފިލްމެއްގެ ސެޓުގެ ތެރޭގައި ވެސް ރެނާއަށް ވަނީ އަނިޔާތަކެއް ލިބިފައެވެ. ނަމަވެސް އެފަހަރު ލިބިފައިވާ އަނިޔާތައް ސީރިއަސް އެއް ނޫނެވެ. ރެނާގެ މިހާރުގެ ހާލަތާ ގުޅިގެން އިތުރު އެހެން މީހަކު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

އޭނާ އެންމެ ފަހުން ހޯކް އައިގެ ރޯލުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ޑިޒްނީ ޕްލަސް އިން ނެރުނު ލިމިޓެޑް ސީރީޒް އިންނެވެ. ހޯކް އައިގެ ވާހަކަ ދައްކުވައިދޭ މި ޝޯގައި ހެއިލީ ސްޓައިންފީލްޑް އާއި ފްލޯރެންސް ޕިޔޫ ފެނިގެން ގޮސްފައިވެއެވެ.

comment ކޮމެންޓް