ބްރެޒިލްގެ ފަގީރުންގެ ރައީސް ލޫލާ ދަ ސިލްވާ އަނެއްކާވެސް އެގައުމުގެ ވެރިކަމަށް!

ލޫލާ ދަ ސިލްވާ ބްރަޒީލްގެ ރައީސްކަމުގެ ހުވާ ކުރައްވަނީ

ބްރަޒީލިޔާ (2 ޖަނަވަރީ 2023) : ބްރެޒިލްގެ ރައީސްކަމަށް އިންތިޚާބުކޮށްފައިވާ ވާތުފިޔައިގެ ތަޖުރިބަކާރު ލީޑަރު އަދި ކުރީގެ ރައީސް ލޫލާ ދަސިލްވާ އެ ގައުމުގެ ރައީސްކަމުގެ ގާނޫނީ ހުވާ މިއަދު ކުރައްވައިފިއެވެ.

އުމުރުފުޅުން 77 އަހަރުގެ ދަ ސިލްވާއަކީ މީގެ ކުރިންވެސް ބްރެޒިލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ރައީސްކަން ކުރައްވާފައިވަނީ 2003 އިން 2010 އަށެވެ. އޭނާގެ ރައީސްކަމުގައި ބްރެޒިލްގެ ފަގީރުންގެ އެތަށް މިލިޔަން އާއިލާއެއްގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ ފަގީރުކަމުން އަރައިގަނެ މެދުފަންތީގެ އާއިލާތަކަށް ބަދަލުވެފައިވެއެވެ.

މިގޮތުން ބްރެޒިލްގެ ފަގީރުންނާއި ނިކަމެތިންގެ އެތަށް މިލިޔަން ބަޔަކަށް އެކި ބާވަތުގެ ސަބްސިޑީ ދީ އެމީހުންނަށް ހެޔޮއަގެއްގައި ގެދޮރު ފޯރުކޮށްދީ ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީފައިވެއެވެ. އެގާރަ އަހަރު ފަހުން ބްރަޒީލްގެ ރައީސްކަމަށް އަނެއްކާވެސް ލޫލާ އިންތިޚާބުވެވަޑައިގެންނެވީ ބްރެޒިލްގެ ފަގީރުންނާއި މެދުފަންތީގެ މީހުންގެ ބޮޑު ތާއީދެއް އޭނާއަށް އޮތުމުންނެވެ. ބްރެޒިލްގެ އަސްލު ވަޒަންވެރިންގެ ތާއީދުވެސް ލޯލާއަށް ވަރަށް ބޮޑެވެ.

ލޫލާ ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔަތު އޮތީ ވެރިރަށް ބްރަޒީލިއާގެ މައިދާނެއްގައެވެ. މިރަސްމިއްޔާތުގައި ބްރެޒިލްގެ އާންމުންގެ އެތައް ލައްކަބަޔަކު ބައިވެރިވިއެވެ. އަދި ބްރެޒިލްގެ ސަގާފީ ކުޅިވަރުތަކާއި އެގައުުމުގެ އަސްލު ވަޒަންވެރިންގެ އިންޑީޖިނަސް ކުޅިވަރުތައް ވެސް މިރަސްމިއްޔާތުގައި ކުޅުނެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ދުނިޔޭގެ 19 ގައުމެއްގެ އެންމެ އިސްވެރިންނާއި ބޮޑުވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެތެރޭގައި ސްޕޭންގެ ރަސްގެފާނާއި ލެޓިން އެމެރިކާގެ ގައުމުތަކުގެ ރައީސުން ހިމެނިވަޑައިގަންނަވައެވެ. އަދި 50 ގައުމެއްގެ ޚާރިޖީ ވަޒީރުންނާއި ސަފީރުންގެ ލެވެލްގެ ޚާއްސަ މަންދޫބުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ލޫލާ ރައީސްކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް އެއްވެފައިވާ އެގައުމުގެ އާންމުން

ބްރެޒިލްގެ ވެރިކަމުން ވަކިވެވަޑައިގެންނެވި ރައީސް ކަނާތުފިޔައިގެ ހަރުކަށި ބޭފުޅެއްކަމަށްވާ ޖައިރު ބޮލްސޮނާރޯ މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވައެވެ. އޭނާ ވަނީ ވެރިކަމުގެ ދައުރު ނިމުމާއެކު އެމެރިކާގެ މިޔާމީއަށް ވަޑައިގެންފައެވެ.

ބޮލްސޮނާރޯގެ ވެރިކަމުގައި ބްރެޒިލްގެ އިގްތިސާދު ވަނީ ފަހުގެ ތާރީޚެއްގައި ދަށަށް ނުދާ ވަރަށް ދަށަށް ގޮސްފައެވެ. ފަގީރުންގެ އަދަދު މައްޗަށް ގޮސް އުފެއްދުންތެރިކަމުގެ ނިސްބަތާއި އެކްސްޕޯޓް ވެސް ވަނީ އިންތިހާއަށް ދަށަށް ގޮސްފައެވެ. ބޮލްސޮނާރޯގެ ވެރިކަމުގައި ހުރިހާ ތަނަވަސްކަމެއް ލިބިފައިވަނީ ބްރެޒިލްގެ މުއްސަނދިންނަށާއި އެމީހުންގެ ވިޔަފާރިތަކަށެވެ.

ބޮލްސޮނާރޯގެ ވެރިކަން ދިފާއުކޮށް އޭނާ އަލުން ވެރިކަމަށް އިންތިޚާބުކުރުމުގެ ކޭންޕޭންގައިވެސް އިސްކޮށް އުޅުނީ ބްރެޒިލްގެ މުއްސަނދިންނާއި އެމީހުންގެ ކުންފުނިތަކުންނެވެ. ނަމަވެސް ފަގީރުންނާއި މެދުފަންތީގެ މީހުންގެ ތާއީދާއެކު ލޯލާ އިންތިޚާބު ކާމިޔާބު ކުރެއްވީ ވަރަށް ކުޑަކުޑަ ތަފާތަކުންނެވެ.

ބްރަޒީލްގެ ވެރިކަމުން ވަކިވެވަޑައިގެންނެވި ރައީސް ޖައިރު ބޮލްސޮނާރޯ

ބޮލްސޮނާރޯ ވަނީ އިންތިޚާބުވެ ނަތީޖާ ގަބޫލުކުރުމަށް ވެސް ފަސްޖެހިފައެވެ. ނަމަވެސް ވެރިކަން ދޫނުކޮށް ނުހިފެހެއްޓޭނެކަން ޔަގީންވާތީ އޭނާ ވަނީ ރިޔާސީ ދައުރު ހަމަވުމާއެކު އެމެރިކާގެ މިޔާމީއަށް ވަޑައިގެންފައެވެ.

ބްރެޒިލްގެ ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބުގައި ލޯލާ ވިދާޅުވިގޮތުގައި އޭނާ އެންމެ އިސްކަމެއް ދެއްވާނީ ބޮލްސޮނާރޯގެ ވެރިކަމުގައި އިގްތިސާދީ ގޮތުން އެ ގައުމު ވެއްޓިފައިވާ އަޑިގަނޑުން ސަލާމަތް ކުރުމަށެވެ. އުފެއްދުންތެރިކަން އިތުރުކޮށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމަށެވެ. އަދި ބޮލްސޮނާރޯގެ ވެރިކަމުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާ މައްސަލަ ހައްލުކޮށް ތަކެތީގެ އަގު ދަށްކުރުމަށް ވެސް އިސްކަން ދެއްވާނެކަން ލޯލާ ހާމަކުރެއްވިއެވެ.

ބްރެޒިލްއަކީ ބޮލްސޮނާރޯ ވެރިކަމަށް ވަޑައިގެންނެވިއިރު ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އައި އިގްތިސާދުތަކުގެ ތެރޭގައި ހިމެނުނު ގައުމެއް ނަމަވެސް އޭނާގެ ވެރިކަމުގައި ބްރަޒީލްގެ އިގްތިސާދު ވަނީ ކުރިއެރުން ހުއްޓި ރިސެޝަނަށް ގޮސްފައެވެ. ބްރެޒިލްގެ އިގްތިސާދު މީގެކުރިން އެންމެ ބޮޑަށް ކުރިޔަށް ގޮސްފައިވަނީ ވެސް ލޯލާގެ ވެރިކަމުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް