ސައުދީގެ ފުޓުބޯޅަ ކުލަބު އަލް ނަސްރަށް ދާދިފަހުން ސޮއިކުރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުރިން އެ ޓީމަށް ގެންނަން ބޭނުންވީ އޭނާއާ އެންމެ ވާދަވެރި ލިއޮނަލް މެސީކަމަށް އަލް ނަސްރުގެ ކޯޗު ގާސިއާ ބުނެފިއެވެ.
މީޑިއާއާ ވާހަކަދައްކަމުން ގާސިއާ ބުނީ ވޯލްޑްކަޕަށްފަހު އެ ޓީމަށް މެސީ ގެންނަން ބޭނުންވިކަމަށެވެ.
"އަހަރެން ފުރަތަމަ ބޭނުންވީ ދޯހާއިން މެސީ ސައުދީއަށް ގެންނަން" ގާސިއާ ބުންޏެވެ.
ރޮނާލްޑޯ އަލް ނަސްރާއެކު، އެއްބަސްްވުމުގައި ސޮއިކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
އެ ޓީމުން ބުނެފައި ވަނީ، މިއީ ތާރީޚީ ޓްރާންސްފާ އަކަށްވުރެ ބޮޑަށް، ފުޓުބޯޅައިގައި އެ ކުލަބުން ހޯދަމުން އަންނަ ކާމިޔާބީއަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދުމުގައި ކުރި ޓްރާންސްފާއެއް ކަމަށެވެ.
ފްރީ އެޖެންޓެއްގެ ގޮތުގައި މަހަކަށްވުރެ ގިނަ ދުވަހު ހުރުމަށްފަހު ރޮނާލްޑޯ އަލް ނަސްރާ ގުޅުނީ ދެ އަހަރާއި ބައިގެ މުއްދަތަށް ދިގުދެމިގެންދާ ކޮންޓްރެކްޓެއްގައެވެ.
އެ އެއްބަސްވުމުގެ ދަށުން އޭނާ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެކުލަބުގައި މަޑުކުރާނެއެވެ. އަދި އެއްބަސްވުމުގެ ދަށުން ރޮނާލްޑޯއަށް އަހަރަކު 200 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭއިރު، މީގެތެރޭގައި ކޮމާޝަލް ޑީލްތަކުން ލިބޭ ފައިސާ ވެސް ހިމެނެއެވެ.

ރޮނާލްޑޯ އަލް ނަސްރުގެ ޖާޒީ ހިފައިގެން --ފޮޓޯ/ އަލް ނަސްރު
އެހެންކަމުން ދެ އަހަރާއި ބައިގެ ތެރޭގައި ޖުމްލަ 450 މިލިއަން ޔޫރޯއާ ގާތްކުރާ މިންވަރެއް މުސާރައިގެ ގޮތުގައި ރޮނާލްޑޯއަށް ލިބޭނެއެވެ. އަހަރަކު 200 މިލިއަން ޔޫރޯގެ މުސާރައެއް ރޮނާލްޑޯއަށް ލިބޭއިރު، އޭނާ ވާނީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާ އަށެވެ.
މީގެ އިތުރުން މިދިޔަ މަހު މެސީ ވަނީ އޭނާ މިހާރު ކުޅޭ ކުލަބު ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އައުކުރަން އަނގަބަހުން އެއްބަސްވެފައިވެފައެވެ.
ޕީއެސްޖީއާއެކު އެންމެފުރަތަމަ މެސީ ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ފެށޭ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން މެސީ އައުކުރާނީ އެއް ސީޒަނުގެ މުއްދަކަށެވެ. ދެ އަހަރުގެ އެއްބަސްވުމެއްގައި މެސީ އެންމެ ފުރަތަމަ ޕީއެސްޖީއާ ގުޅުނުއިރު، އެ އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ވާހަކަދައްކައިގެން އިތުރު އެއް އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮތެވެ.