ފްރެންޗު ލީގުގައި ރޭ ލެންސްއަތުން އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީ ބަލިވެއްޖެއެވެ.
ލެންސްގެ އަމިއްލަ ދަނޑިގައި ކުޅުނު އެ މެޗުން ޕީއެސްޖީ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. މިއީ މި ސީޒަނުގެ ލީގުގައި މިހާތަނަށް ޕީއެސްޖީން މިހާތަނަށް ކުޅުނު 17 މެޗުގެ ތެރެއިން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ.
މި މެޗުގައި އެ ޓީމުގެ އެންމެ މުހިންމު ދެ ތަރިން ކަމުގައިވާ ނޭމާ ޖޫނިއާގެ އިތުރުން ލިއޮނަލް މެސީ ނުކުޅެއެވެ. މިދިޔަ މަހުގެ 20 ވަނަ ދުވަހު ނިމުނު ވޯލްޑްކަޕް ކާމިޔާބުކުރުމަށްފަހު މެސީ އަދި ޓީމާ ނުގުޅެއެވެ. މީގެއިތުރުން މިދިޔަ ހަފްތާގައި ޕީއެސްޖީ ކުޅުނު މެޗުގައި ނޭމައަށް ދެއްކި ރަތް ކާޑުގެ ސަބަބުން އޭނާ ހުރީ ސަސްޕެންޝަނުގައެވެ. ނަމަވެސް ރޭގެ މެޗުގައި އެމްބާޕޭ ވަނީ ފުރަތަމަ 11ގައި ހިމެނިގެން ކުޅެފައެވެ.
ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ލެންސްއިންނެވެ. އެ ގޯލަކީ ލެންސްގެ މަސާޑިއޯ ހަދަރާ، ޕީއެސްޖީ އޭރިއާ ތެރެއަށް ނެގި ހުރަސް ޕީއެސްޖީގެ ކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާގެ އަތުގައި ޖެހިފައި ނިކުތުމުން ފްރެންކޯސްކީ ޖެހި ގޯލެކެވެ.
އޭގެ ތިން މިނެޓުފަހުން ޕީއެސްޖީން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ޕީއެސްޖީގެ ނޯޑީ މުކިއޭލޭ ތަނަވަސްކުރި ފުރުސަތަކުން އެ ޓީމުގެ ހުގޯ އެކިޓިކޭ ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ 28 ވަނަ މިނެޓުގައި ލެންސުން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގައިފައެވެ. ޕީއެސްޖީގެ އިތުބާރު ޑިފެންޑަރު ސާޖިއޯ ރާމޮސް ކައިރިން ނައްޓާލުމަށްފަހު އެ ގޯލު ޖެހީ ލެންސްގެ ލޮއިސް އޮޕެންޑާއެވެ.
އެ ނަތީޖާއިން މެޗުގެ ފުރަތަމަ ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ލެންސުން ވަނީ އެ ޓީމުގެ ތިންވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ އޮޕެންޑާ ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން ލެންސްގެ އެލެކްސް ކްލައުޑް މައުރިސް ކާމިޔާބުކުރި ގޯލެކެވެ.
އެ މެޗުން ޕީއެސްޖީ ބަލިވި ނަމަވެސް ލީގު ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ އެ ޓީމެވެ. ޕީއެސްޖީއަށް އެއްވަނަ ލިބެނީ ކުޅުނު 17 މެޗުން 44 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން މޮޅުވި ލެންސް އޮތީ ޕީއެސްޖީގެ ފަހަތުގައި ތާވަލުގެ ދެވަނައިގައެވެ. އެ ޓީމު ދެވަނައިގައި އޮތީ 17 މެޗު ކުޅެ ލިބުނު 40 ޕޮއިންޓާއެކުއެވެ.