ފެށުނު މީލާދީ އައު އަހަރާއެކު, ނިންމުންތައް ނިންމާއިރު ގައުމުގެ މަސްލަހަތު އިސް ކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވައިލައިފިއެވެ.
އައު އަހަރާ ގުޅުވައިގެން އެމްއާރުއެމުން ނެރުނު ބަޔާނެއްގައި ވަނީ ހުރިހާ ރައްޔިތުން ވެސް ކަންކަމާއި މެދުގައި ވަރަށް ފުންކޮށް ވިސްނާ، ނިންމުންތައް ނިންމުމުގައި ޤައުމުގެ މަސްލަހަތު އިސް ކުރުމަށް ގޮވައިލާފައެވެ. އަދި ޒިންމާދާރުކަމާއެކީ އެންމެން މަސައްކަތް ކުރުމަށް އަޒުމް ކަނޑައެޅުމަށް ވަނީ އެދިފައެވެ.
"ދުއާއަކީ، މި ފެށުނު 2023 ވަނަ އަހަރަކީ، ރާއްޖެއަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް، ބާއްޖަވެރި އުފާވެރި އަހަރެއް ކަމުގައި ލައްވައި، އިސްލާމްދީނުގެ މަތިވެރި ޙިދާޔަތުގައި ސާބިތުކަމާއެކު ދެމިތިބުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުމެވެ. އަދި ދިވެހިންގެ މެދުގައި އެއްބަނޑުއެއްބަފާ ކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމެވެ،" އެމްއާރްއެމްއިން ނެރުނު ބަޔާނުގައިވެއެވެ.