އެވެޓާގެ އާ ފިލްމުތަކުގެ ޕްލޮޓު ހާމަކޮށްފި

ޖޭމްސް ކެމެރަންގެ މަޝްހޫރު "އެވެޓާ" ފްރެންޗައިޒްގެ ދެވަނަ ފިލްމު މިހާރު ސިނަމާގައި އަންނަނީ ދައްކަމުންނެވެ. ކުރިއަށް އެވެޓާގެ ގިނަ ފިލްމުތަކެއް ރާވާފައިވާއިރު އެ ފިލްމުތަކުގެ ޕްލޮޓުތަކުގެ މައުލޫމާތު އެންމެފަހުން ކެމެރަން އާންމުކުރަން ފަށައިފިއެވެ.

މިދިޔަ މަހުގެ 15 ގައި އެވެޓާގެ ދެވަނަ ފިލްމު ދައްކަން ފަށާފައިވާއިރު އެ ފިލްމަށް އަދިވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން މިހާތަނަށް އެ ފިލްމަށް ލިބުނު އާމްދަނީ ވަނީ 1.2 ބިލިއަން ޑޮލަރަށް އަރާފައެވެ.

ގާތްގަނޑަކަށް 13 އަހަރުގެ މަސައްކަތައް ފަހު މި ފިލްމު ސިނަމާތަކުގައި އަޅުވާފައިވާއިރު އިތުރު ގިނަ ފިލްމުތަކެއްގެ ވާހަތައް ވަނީ ކެމެރަން ދައްކާފައެވެ. އެގޮތުން ދެވަނަ ފިލްމުގެ ޝޫޓިން އާއެކު ތިންވަނަ ފިލްމުގެ ޝޫޓިން ވެސް އެކީ ނިންމާލާފައިވާއިރު ފިލްމުތަކުގެ އުއްމީދު ބޮޑެވެ.

ދާދިފަހުން ކެމެރަން ވަނީ އަލަށް ނެރޭ ފިލްމުތަކުގެ ޕްލޮޓުތައް ހާމަކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް ފިލްމު ނުވަތަ އެވެޓާގެ ތިންވަނަ ފިލްމުގައި އަލި އަޅުވާލާނީ އަލިފާން ޓްރައިބްގެ ނާވީއިންނަށް ކަމަށް ކެމެރަން ބުންޏެވެ. އެވެޓާގެ ދެވަނަ ބައި "ވޭ އޮފް ވޯޓާ"ގައި އަލި އަޅުވާލާފައިވަނީ ފެނުގައި އުޅޭ ނާވީގެ ޓްރައިބަކަށެވެ.

ކެމެރަން ބޭނުންވަނީ ތަފާތު އެކި ކަހަލަ ސަގާފަތްތަކާއި އާދަކާދަތައް ދައްކުވައިދޭ މުޖުތަމައުތައް ފިލްމުތަކުން ދައްކުވައިދޭށެވެ. އެގޮތުން ތިން ވަނަ ފިލްމުގައި އުޅޭ ނާވީއިންނަށް ކިޔާނީ "އޭޝް ޕީޕަލް" ކަމަށް ކެމެރަން ބުނެއެވެ.

އޭނާ ބުނިގޮތުގައި ފުރަތަމަ ދެ ފިލްމުގައި ދައްކުވައިދީފައިވަނީ ނާވީއިން ރަނގަޅު ނަޒަރަކުން ކަމަށާއި އިންސާނުން ދައްކައިދީފައި ވަނީ ގޯސް ބައެއްގެ ގޮތުގައެވެ. ނަމަވެސް ތިން ވަނަ ފިލްމުގައި އޭޝް ޕީޕަލް ދައްކުވައި ދޭނީ ގޯސް ނަޒަރަކުން ކަމަށް އޭނާ ބުނެއެވެ. އޭނާ ބުނަނީ އިންސާނުންނެކޭ އެއްގޮތަށް ނާވީންގެ ތެރޭގައި ވެސް ރަނގަޅު އަދި ގޯސް ބައެއް އުޅޭނެއެވެ.

ހަތަރު ވަނަ ފިލްމުގައި ވެސް ޕެންޑޯރާގެ އާ ސަރަހައްދުތަކުގެ ވާހަކަތައް ގެނެސްދޭނެ ކަމަށް ކެމެރަން އިޝާރާތް ކޮށްފައިވެއެވެ. ނަމަވެސް ފަސް ވަނަ ފިލްމަކީ ނާވީންތައް ފުރަތަމަ ފަހަރަށް ދުނިޔެއަށް ދާނެ ފިލްމު ކަމަށް އޭނާ ބުނެއެވެ. އަދި އެއާއެކު ނާވީންނަށް އިންސާނުންގެ ދިރިއުޅުމުގެ ހާލަތު ފެނިގެންދާނެ ކަމަށް އޭނާ ބުނެއެވެ.

ތިން ވަނަ ފިލްމު ރިލީޒް ކުރުމަށް ކަނޑައަޅާފައިވަނީ އަންނަ އަހަރެވެ. ނަމަވެސް ކެމެރަން ބުނާގޮތުގައި އާ ފިލްމުތައް ރިލީޒްކުރެވޭނީ ދެވަނަ ފިލްމު ފްލޮޕަކަށް ނުވެއްޖެ ނަމައެވެ. ކެމެރަން ބުނާގޮތުގައި އެ ފިލްމު ފްލޮޕަކަށް ނުވުމަށް އެންމެ މަދުވެގެން ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ބޭނުންވެއެވެ.

comment ކޮމެންޓް