ގޭމް އޮފް ތުރޯންސް ސީކުއެލްތަކެއް ކެންސަލު!

ޖޯޖް އާރު އާރު މާޓިންގެ މަގުބޫލު ވާހަކަ ސީރީޒްއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "ގޭމް އޮފް ތުރޯންސް" ޝޯގެ ސީކުއެލް ޝޯތަކެއް އުފެއްދުމުގެ ތެރެއިން ޕްރޮޑަކްޝަނުން އެ މަސައްކަތް ކެންސަލު ކޮށްލައިފިއެވެ.

އެޗްބީއޯއިން ދެއްކި ގޭމް އޮފް ތުރޯންސް ޝޯއަކީ ޓީވީގެ ތާރީހުގައި ވެސް މިހާތަނަށް ދައްކާފައިވާ އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ހިމެނޭ އެއް ޝޯއެވެ. މި ޝޯގެ ކާމިޔާބީއާއެކު މި ޝޯގެ ދުނިޔެއަށް ބިނާކޮށް ތަފާތު ޝޯތަކެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ޝޯގެ ދުނިޔެއަށް ބިނާކޮށް މިދިޔަ އަހަރު ވަނީ އެޗްބީއޯއިން ފުރަތަމަ ޕްރީކުއެލް "ހައުސް އޮފް ޑްރެގަން"ގެ ފުރަތަމަ ސީޒަން ދައްކާފައެވެ. ޝޯއަށް ލިބުނު މަގުބޫލުކަމާއެކު އިތުރު ޝޯތަކެއްގެ މަސައްކަތް ވެސް ހަލުވި ކަމާއެކު އަލުން ފެށިއެވެ.

ނަމަވެސް ޖޯޖް އާރު އާރު މާޓިން ދާދި ފަހުން ހާމަކޮށްފައިވާގޮތުގައި އާ ސީކުއެލްތަކެއް ވަނީ މިހާރު އެޗްބީއޯއިން ކެންސަލު ކޮށްލާފައެވެ. މާޓިންގެ ބްލޮގުގައި ބުނެފައިވާގޮތުގައި ބައެއް ޝޯތައް ކެންސަލު ކޮށްލާފައިވާއިރު އަނެއްބައި ޝޯތައް ވަނީ މަޑުޖައްސާލާފައެވެ.

އެޗްބީއޯއާއެކު މާޓިން ވެސް އަންނަނީ އެ ޝޯތަކުގެ މަސައްކަތް ކުރަމުންނެވެ. އޭގެތެރެއިން ބައެއް ޝޯތައް މަޑު ޖައްސާލާފައިވާއިރު އެ ޝޯތައް އަލުން ފެށުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މާޓިން ބުންޏެވެ. އަދި ބައެއް ޝޯތައް މެދު ކަނޑައި ނުލާ ކުރިއަށް ދާ ކަމަށް ވެސް މާޓިން ބުންޏެވެ.

މާޓިން މިހެން ބުނެފައިވަނީ ގޭމް އޮފް ތުރޯންސްގެ ސީކުއެލް އެއްގެ ވާހަކަ ދެކެވެމުން ދަނިކޮށެވެ. އެއީ ޝޯގެ މަގުބޫލު ކެރެކްޓަރު "ޖޮން ސްނޯ" އަށް ބިނާކޮށް އުފައްދާ އާ ސީކުއެލް އެކެވެ. މި ސީކުއެލް ފަށާނީ އޮރިޖިނަލް ޝޯ ނިމުނު ހިސާބުން ޝޯގެ އެކްޓަރު ކިޓް ހެރިންޓަން އާއެކު ކަމަށް ބައެއް ވާހަކަތަކުން އެނގުނެވެ. ނަމަވެސް މި ޝޯއެއް މިހާތަނަށް ކަށަވަރު ކޮށްދީފައި ނުވާއިރު ކެންސަލު ކޮށްލި ޝޯތަކުގެ ތެރޭގައި މި ޝޯ ހިމެނޭ ކަމެއް އަދި ނުހިމެނޭ ކަމެއް ނޭނގެއެވެ.

comment ކޮމެންޓް