އިންޑިއާގެ ރީހެބަކުން ދިވެހި ޒުވާނަކު ފިލިތާ 23 ދުވަސް، އަދިވެސް ހޯދަނީ

އިންޑިއާގެ ބެންގަލޫރުގައި ހުންނަ ބްލޮސަމް ކޮންވެންޝަން ސެންޓަރު --

އިންޑިއާގެ ބެންގަލޫރުގައި ހުންނަ ބްލޮސަމް ރިހެބިލިޓޭޝަން ސެންޓަރުގައި މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުން އައި ދިވެހި ޒުވާނަކު އެތަނުން ނުކުމެގެން ބޭރަށް ގޮސް، ފިލި ގޮތަށް އަދިވެސް އޭނާގެ ޚަބަރެއް ނުވާ ކަމަށް އާއިލާއިން ބުނެފިއެވެ.

ނިމިދިޔަ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުގެ ހެނދުނު އެ ރީހެބުން ފިލާފައިވަނީ ހދ. ކުޅުދުއްފުށި، ރެޑްކޯސްޓް، އަބްދުﷲ އާލިމް، 35އެވެ.

އާލިމް، ގެއްލުމުގެ ކުރިން ހުރި ގޮތް -- ފޮޓޯ/ އާއިލާ

އާލިމްގެ މަންމަ، އައިމިނަތު ހަސަން "ސަން"އަށް ބުނީ، ދަރިފުޅު ފިލައިގެން ދިޔަކަން އެނގުނު ވަގުތުގައި އިންޑިއާގެ ފުލުހުންނަށާއި އެ ގައުމުގައި ހުންނަ ދިވެހި މިޝަނަށާއި ދިވެހި ފުލުހުންނަށް އެ މައުލޫމާތު ހިއްސާ ކޮށްފައިވާނެ ކަމަށެވެ.

އައިމިނަތު ބުނީ އިންޑިއާ ތެރެއަށް އާލިމް ގެއްލުމަކީ ދިވެހި ފުލުހުން ބަލަންޖެހޭ މައްސަލައެއް ނޫންކަމަށް އެ މުއައްސަސާއިން އާއިލާއަށް މިހާރު އަންގާފައިވާ ކަމަށެވެ.

"އެކޮޅުގެ މިޝަނަށާއި ދިވެހި ފުލުހަށް ވެސް ގުޅައިގެން އެއްވެސް ޚަބަރެއް ނުލިބުނު. ރިހެބުން ބުނަނީ ބެންގަލޫރު އެއްކޮށް އަތްފުނާ އަޅައިފި ވާހަކަ. އެވާހަކަ ދައްތަ ގަބޫލެއް ނުކުރަން. އަހަރެމެން އެކޮޅުގަ އެބަ ބުނަން އެމީހުން އޭނާ ހޯދަނިކޮށް ވީޑިއޯ ކޮށްލާފަ ފޮނުވަ ބަލާށޭ. އެވަރު ވެސް ނުކުރެ،" އައިމިނަތު ބުންޏެވެ.

"މިކޮޅުގެ ފުލުހުން އެންމެފަހުން ގުޅީމަ ބުނީ ތިޔައީ އަހަރެމެންނާ ބެހޭ މައްސަލައެއް ނޫނޭ. އެހެން ކިޔާފަ ބޮލުން ނައްޓާލީ،"

މި މައްސަލައިގައި ފޮރިން މިނިސްޓްރީއާއި ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.

އާލިމަކީ ގިނަ ދުވަސްތަކެއް ވަންދެން ޑްރަގު ބޭނުން ކުރުމުގެ ސަބަބުން ނަފުސާނީ ގޮތުން އަސަރުތަކެއް ކޮށްފައިވާ މީހެއްކަން އައިންތު ފާހަގަ ކުރިއެވެ. އޭނާ ބުނީ، އެކަމުގެ ނަތިޖާއެއްގެ ގޮތުން، އާލިމް ހިތްހަމަ ނުޖެހޭ ކަމެއް ދިމާވެއްޖެނަމަ، އެ ހުރި ތަނެއްގައި ހުރެގެން ހިތަށް އަރާ ކޮންމެ ފަދަ ކަމެއް ކުރަން ވެސް އޭނާ ފަހަށް ނުޖެހޭނެ ކަމަށެވެ.

"އާލިމަކީ ވަރަށް ރުޅި ގަދަ ކުއްޖެއް. ނުދަންނަ ބައެއްގެ ތެރޭގައި އުޅެން ވަރަށް އުނދަގޫ ވާނެ. ބޭރު ގައުމެއްގަ އެގޮތަަށް އުޅެނިކޮށް މީހަކު އަނިޔާއެއް ވެސް ދީފާނެ. ދައްތަ މި ހުންނަނީ ފިކުރު ބޮޑުވެގެން ކުރާނެ ކަމެއް ނޭނގިފަ،" އައިންތު ބުންޏެވެ.

ރީހެބްގައި އާލިމްގެ އުފަން ދުވަސް ފާހަގަ ކުރަނީ -- ފޮޓޯ/ އާއިލާ

ބްލޮސަމް ރިހެބިލިޓޭޝަން ސެންޓަރުގެ ވެރިޔާ ސެސިލް ޖޯޖް މީގެ ކުރިން "ސަން"އަށް ބުނެފައިވަނީ ސެންޓަރުގެ ފަރާތުން ވެސް އާލިމް ހޯދުމުގެ މަސައްކަތް ކުރަަމުން އަންނަ ކަމަށެވެ.

އާއިލާގެ ފަރާތުން މި ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި އާލިމް ސެންޓަރުން ބޭރަށް ނުކުތީ ގޭޓް ކައިރީގައި ތިބި ދެމީހަކަށް ބިރުދައްކައިގެންވެ.

comment ކޮމެންޓް