ބައްޝާރު ވައްޓާލުމުގައި ނާކާމިޔާވުމުން ގޮތްދޫކުރުމަށްފަހު ތުރުކީ ސޫރިޔާއާ ގާތްވަނީ

ސީރިއާގެ ރައީސް ބައްޝާރުލްއަސަރުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް ކުރެވެން އޮތްހާ ކަމެއް ކުރުމަށްފަހު އެކަން ނާކާމިޔާބުވުމުން އެންމެފަހުން ބައްޝާރުގެ ސަރުކަރާ ގާތްވުމުގެ މަސައްކަތް ތުރުކީއިން ފަށައިފިއެވެ.

މިމަސައްކަތުގެ ދަށުން ތުރުކީގެ މަސްއޫލުވެރިން ސިއްރިޔާތުގައި ސީރިއާގެ ޖާސޫސީ އަދި އަސްކަރީ މަސްއޫލުވެރިންނާ ބައްދަލުކުރަމުން ގެންދާތާ މަސްތަކެއް ވުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ތުރުކީގެ ދިފާއީ ވަޒީރު ޚަލޫސީ އަރަކާންވަނީ ސީރިއާގެ ދިފާއީ ވަޒީރު އަލީ މަހުމޫދު އައްބާސް އާ ރަޝިއާގެ ވެރިރަށް މޮސްކޯގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އިންތިޒާމުކުރީ ރަޝިއާއިންނެވެ.

މި ބައްދަލުކުރެއްވުމުގައި އެދެގައުމުގެ ޖާސޫސީ އިދާރާތަކުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ރަޝިއާގެ ދިފާއީ ވަޒީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ 2011 ވަނަ އަހަރަށްފަހު ތުރުކީގެ ވަޒީރުން ފެންވަރުގެ މަސްއޫލުވެރިއަކު ސީރިއާގެ އެ ފެންވަރުގެ މަސްއޫލުވެރިއަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ސީރިއާއާއި ތުރުކީގެ ދިފާއީ ވަޒީރުން ރަޝިއާގައި ބައްދަލުކުރައްވަނީ

2011 ވަނަ އަހަރަކީ ސީރިއާގެ ރައީސް ބައްޝާރުލްއަސަރުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށްޓަކައި ތުރުކީ، އެމެރިކާ، ޔޫރަޕްގެ ބާރުތައް އަދި ސައުދީއާއި ގަތަރު ގުޅިގެން މަސައްކަތްފެށި އަހަރެވެ. މިކަންކުރީ 2011 ވަނަ އަހަރު ބައެއް އަރަބި ގައުމުތަކުގައި އަރަބި ރަބީއުގެ ނަމުގައި ފެށުނު ރައްޔިތުންގެ އުތުރިއެރުމުގެ ހަރަކާތްތަކާއެކު ސީރިއާގެ ރައްޔިތުންވެސް ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް ސުލްހަވެރި އިހްތިޖާޖްތަކެއް ފެށުމުންނެވެ.

މި ސުލްހަވެރި އިހްތިޖާޖްތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ސީރިއާގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރުދީ ސީރިއާގައި ލޭ އޮހޮރުވުންބޮޑު ދާޚިލީ ހަނގުރާމައެއް ފެށީ ތުރުކީ، އެމެރިކާ، ޔޫރަޕްގެ ބާރުތައް އަދި ސައުދީއާއި ގަތަރު ގުޅިގެންނެވެ. މަގްސަދަކީ އެގައުމުތަކުގެ އަމިއްލަ މަސްލަހަތަށްޓަކައި ސީރިއާގެ އިދިކޮޅު ފަރާތްތަކަށް ސީރިއާގެ ވެރިކަން ހޯދައިދިނުމެވެ.

ނަމަވެސް ބައްޝާރުގެ ސަރުކާރުގެ ދިފާއުގައި އީރާންއާއި ރަޝިއާ އަދި ލުބްނާންގެ ހިޒްބުﷲ ޖަމާއަތް ސީރިއާއަށް އަސްކަރީ ގޮތުން ވަދެގަތުމުން ހަނގުރާމަ ދިގުލައިގެންގޮސް ހަލާކުވީ ސީރިއާގެ އިންފްރާސްޓްރަކްޗައާއި ސީރިއާގެ ރައްޔިތުންނެވެ. މި ހަނގުރާމައިގާ ސީރިއާގެ ރައްޔިތުންގެ ތެރެއިން 7 ލައްކައެއްހާ މީހުން މަރުވެ 10 މިލިޔަން މީހުން ރެފިއުޖީންނަށްވެ މުޅި ސީރިއާ ފުނޑުފުނޑުވެ ބިމާ ހަމަވެގެން ދިޔައެވެ.

ބައްޝާރުގެ ވެރިކަން ވައްޓާލުމަށްޓަކައި ފެށި ސީރިއާގެ ދާޚިލީ ހަނގުރާމަ ކާމިޔާބު ކުރުމަށްޓަކައި ސީރިއާއަށް އައިއެސް ޖަމާއަތް ވެއްދިކަމުގެ ތުހުމަތު ކުރެވެނީ ތުރުކީގެ މައްޗަށެވެ. އައިއެސްގެ ހަނގުރާމަވެރިން ސީރިއާއަށް ވަންނަމުން ދިޔައީ ތުރުކީގެ ސަރަހައްދީ ރޮނގުންނެވެ. އައިއެސްގެ ޓެރަރިސްޓުންނަށް ފައިސާގެ އެހީ ފޯރުކޮށްދިން ކަމުގެ ތުހުމަތު ކުރެވެނީ މައިގަނޑު ގޮތެއްގައި ގަތަރުގެ މައްޗަށެވެ.

ހަނގުރާމަ ކާމިޔާބުނުވެ ބައްޝާރުގެ ސަރުކާރު ވައްޓާނުލެވުމުން ސައުދީ އަރަބިޔާ ވަނީ ސީރިއާގެ ހަނގުރާމައާ ދުރަށްގޮސް ބައްޝާރުގެ ސަރުކާރާ އަލުން ގުޅުންތައް ގާއިމްކޮށްފައެވެ. ނަމަވެސް ގަތަރާއި ތުރުކީ އަދި އެމެރިކާ ދާދިފަހަކާ ޖެހެންދެންވެސް މަސައްކަތްކުރީ ބައްޝާރުގެ ސަރުކާރާ ގާތްނުވެ ސީރިއާގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން މަގްސަދުތައް ހާސިލް ކުރުމަށެވެ.

ނަމަވެސް ތުރުކީގެ ކުރުދީ ދަރިކޮޅުގެ ބާޣީ ޖަމާއަތްތައް ސީރިއާގެ އުތުރުގައި ހަރަކާތްތެރިވުމާއެކު އެޖަމާއަތްތަކުގެ ސަބަބުން ތުރުކީއަށް ކުރިމަތިވާ އަމަނާބެހޭ ގޮންޖެހުންތައް ބޮޑުވެ ބައްޝާރުގެ ސަރުކާރާ ގުޅިގެން ނޫނީ އެކަން ހައްލުކުރެވެން ނެތްކަން ތުރުކީއަށް މުޅިން ކަށަވަރުވުމުން ތުރުކީ ދާދިފަހުންވަނީ ސިޔާސަތު ބަދަލުކޮށް ޑިޕްލޮމެޓިކް ޗެނެލްތަކާއި ރަޝިއާ މެދުވެރިކޮށް ސީރިއާއާ ވާހަކަ ދައްކަން ފަށާފައެވެ.

ނަމަވެސް ގަތަރާއި އެމެރިކާ އަދިވެސް އޮތީ ގޮތްދޫކޮށް ބައްޝާރުގެ ސަރުކާރާ ވާހަކަ ދައްކައިގެން ސީރިއާގެ މައްސަލައަށް ހައްލު ގެނެސް ސީރިއާ އަލުން އާރާސްތުކުރުމަށް އެހީތެރިވުމުގެ ވިސްނުމުގައެއް ނޫނެވެ.

ތުރުކީގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި މޮސްކޯގައި ބޭއްވި ތުރުކީއާއި ސީރިއާގެ ދިފާއީ ވަޒީރުންގެ ބައްދަލުވުން ވަރަށް ކާމިޔާބެވެ. ބައްޝާރުގެ ސަރުކާރާ އަލުން ގާތްވާން ތުރުކީއަށް މަޖްބޫރުވި އަނެއް ސަބަބަކީ ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ތުރުކީއަށް ގޮސްފައިވާ ސީރިއާގެ އެތަށް މިލިޔަން ރެފިއުޖީންގެ މައްސަލަ އިންތިހާއަށް ބޮޑުވެ ބައްޝާރުގެ ސަރުކާރާ ގާތްވެ ވާހަކަދައްކައިގެން ނޫނީ އެމައްސަލަ ހައްލުކުރެވޭނެ ގޮތެއް ތުރުކީއަށް ނެތުމެވެ.

ސީރިއާގެ ރެފިއުޖީންގެ މައްސަލައަކީ ތުރުކީގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ރަޖަބު ތައްޔިބު އެރުދުޣާން އާ ދެކޮޅަށް ތުރުކީގެ އިދިކޮޅު ލީޑަރުން އެންމެ ބޮޑަށް ނަގާ މައްސަލައެވެ. މިމައްސަލާގައި އެރުދުޣާންވަނީ "ހޫނުފެނުގައެވެ".

ސީރިއާގެ ރެފިއުޖީންގެ އެތަށް މިލިޔަން ބަޔަކު ތުރުކީއަށް ވަގުތީގޮތުން ހިޖުރަކުރަން މަޖުބޫރިވީ ތުރުކީން ސީރިއާގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރުދީގެން ސީރިއާގެ ވެރިކަން ބަދަލުކުރުމަށް ފެށި ހަނގުރާމަ ކަމަށާއި މިކަމުގެ ޒިންމާ ރައީސް އެރުދުޣާން ނަންގަވަން ޖެހޭނެކަމަށް ތުރުކީގެ އިދިކޮޅު ފަރާތްތަކުގެ އިތުރުން ތުރުކީގެ އާންމުންވެސް ގަބޫލުކުރެއެވެ.

އެހެންކަމުން އެރުދުޣާން އަށް ވަނީ މިމައްސަލާގައި ގޮތް ހުސްވެފައެވެ. މައްސަލަ ހައްލުކުރުމަށް ކުޑަވެސް ކަމެއް ކުރެވެން އޮތީ ގޮތްދޫކުރުމަށްފަހު ސީރިއާގެ ސަރުކާރާ ގާތްވެ ގުޅުންތައް ގާއިމްކޮށްގެންނެވެ. ތުރުކީގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި ވަރަށް އަވަހަށް ތުރުކީއާއި ސީރިއާގެ ޚާރިޖީ ވަޒީރުންވެސް ބައްދަލުކުރައްވާނެއެވެ. އަދި ދެގައުމުގެ ދެމެދުގައި އަލުން ޑިޕްލޮމެޓިކް ގުޅުންތައް ގާއިމް ކުރުމުގެ މަސައްކަތް ވެސް ފެށިގެންދާނެއެވެ.

ސީރިއާއާއ ތުރުކީ ގާތްވުމުން ސީރިއާއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން އުފެއްދި އެލަޔަންސް ރޫޅުނީއެވެ. މިއެލަޔަންސްގައި މިހާރު ގޮތް ދޫނުކޮށް އޮތީ ހަމައެކަނި އެމެރިކާއާއި ގަތަރެވެ. ބޭރުގެ އެހީގައި ބައްޝާރުގެ ވެރިކަން ވައްޓާލަން ހަނގުރާމަކުރި ސީރިއާގެ އިދިކޮޅު ޖަމާއަތްތަކަށް ހަތިޔާރު ފޯރުކޮށްދިނީ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުންނެވެ. ފަންޑުކުރީ ސައުދީއާއި ގަތަރުންނެވެ. ތުރުކީން އެމީހުން ތަަމްރީންކޮށްދީ ބޯޑު ހުރަސްކޮށް ސީރިއާއަށް ވަދެގައުމަށް މަގުފަހިކޮށްދިނީއެވެ.

ނަމަވެސް 11 އަހަރުގެ ދިގުލީ ހަނގުރާމަ ނާކާމިޔާބުވުމުން ސީރިއާއާ ދެކޮޅަށް އެމެރިކާ އިސްވެ އޮގެން އުފެއްދި އެލަޔަންސް ރޫޅުނީއެވެ. މިއާއެކު ބައްޝާރުގެ ވެރިކަމާ ދެކޮޅަށް ދާޚިލީ ހަނގުރާމަ ފެށި ސީރިއާގެ އިދިކޮޅު ޖަމާއަތްތައްވެސްވަނީ ރޫޅި ބައިބައި ވެފައެވެ.

ސޫރިއާއި ތުރުކީ ސުލްހަ ކުރުވައި ސީރިއާގެ މައްސަލަ ހައްލުކުރުމުގައި ރަޝިއާ އިސް ދައުރެއް އަދާކުރާއިރު އެމެރިކާވަނީ މުޅިން އެކަހެރިވެ ސީރިއާގެ މައްސަލައިން ބޭރުވެފައެވެ. ނަމަވެސް ސީރިއާގެ ހުއްދައަކާ ނުލައި ބައިނަލްއަގްވާމީ ގާނޫނާ ޚިލާފަށް މަދު އަދަދެއްގެ އެމެރިކާ ސިފައިން ސީރިއާގެ ސަރުކާރުގެ ބާރު ނުފޯރާ ސަރަހައްދުތަކުގައި އަދިވެސް ބައިތިއްބާފައިވެއެވެ.

ސީރިއާއަށް ވަދެގެން އުޅޭ އެމެރިކާ ސިފައިން ތުރުކީގެ ބާޣީންނަށް އެހީތެރިވާތީ ތުރުކީ ގެންދަނީ ޓެރަރިޒަމަށް އެހީތެރިވާކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރަމުންނެވެ.

comment ކޮމެންޓް